ދިވޭހިން ޢީދު ފާހަގަކުރުމަށްޓަކައި ކުޅޭ ކުޅިވަރުތަކުގެތެރެއަށް ދާދި ފަހުން ތަޢާރަފުވި ކުލަޖެހުމަކީ މިހާރު އާންމު ކުޅިވަރަކަށް ވެއްޖެއެވެ. އެހެންނަމަވެސް މިއީ އަޅުގަނޑުމެންގެ ޘަޤާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ކުޅިވަރެއް ނޫނެވެ. އަލަށް ދިވެހީން ކުރަންފެށިކަމެކެވެ. އަވައްޓެރީންގެ "ފެސްޓިވަލް' ތަކުން ނަކަލު ކުރި ކުޅިވަރެކެވެ.
އަޅުގަނޑުމެން މި ފާހަގަކުރާ ޢީދުތަކަކީ އިސްލާމީ އަޅުކަންތަކާއި ގުޅިގެން ފާހަގަކުރާ ދުވަސްތަކެކެވެ. އެހެންކަމުން ޒަމާނުއްސުރެ ދިވެހީން ޢީދު ފާހަގަކުރަމުންދަނީ އަޅުގަނޑުމެންގެތެރޭގައި އެކުވެރިކަން ގާއިމުކުރުމަށެވެ. ދީނީ އަހުދުތަކުގެ ތެރެއިން މުޖުތަމަޢުގައި އެއްބަވަންތަކަން ދެމެހެއްޓުމަށެވެ. ނަމަވެސް ޢީދާއި ގުޅިގެން މިހާރު ކުޅޭ ބައެއް ކުޅިވަރުތަކުން މި މަޤުޞަދު ހާސިލުވޭތޯ ސުވާލު އުފެދެއެވެ. ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި އެމީހުންގެ ދީނީ ދުވަސްތައް ފާހަގަ ކުރުމަށް މި ކުރާ ކަންތައް ކޮޕީ ކޮށް އަޅުގަނޑުމެންގެ ޘަޤާފަތާއި ގުޅުވުމެވެ.
ޢީދު ފާހަގަކުރުމަށް ގިނަ ރަށްރަށުގައި ޘަޤާފީ ކުޅިވަރު ކުޅުނަމަވެސް ކުލަ ނުޖަހާ ރަށެއް މިހާރު މަދެވެ. މިއީ އަދުގެ ޒުވާނުންނަށް ވަރަށް މަޖާ ކަމެކެވެ. އެހެންކަމުން ރަސްމީކޮށް ޢީދުގެ ކުޅިވަރުތަކުގައި ކުލަޖެހުން ހިމަނާ ޢިއުލާނުކުރެއެވެ. އެހެނަސް ބައެއްރަށްރަށުގައި މިކުޅިވަރު މިހާރު މަނާކުރަމުން އެބަ ގެންދެ އެވެ. ކައުންސިލުތަކުންނެވެ. އެއީ ކުލަޖެހުމަކީ އަޅުގަނޑުމެންގެ ޢީދާއި ނުގުޅޭ ކަމަކަށްވާތީ އެވެ. އިސްލާމީ ސަޤާފަތާއި ގުޅުން ނުވާކަމަކަށް ވާތީއެވެ.
އިސްލާމީ ޘަޤާފަތާއި ބީރައްޓެހި މި ހަރަކާތަކީ ނުރައްކާތެރި ކުޅިވަރެއްވެސް މެއެވެ. ސަބަބަކީ މި ޖަހާ ކުލައަކީ މާހައުލާއި އިންސާނުންގެ ސިއްޙަތައްވެސް ގެއްލުން ލިބޭ އެއްޗަކަށް ވުމެވެ. މިކުޅިވަރުގައި ބޭނުންކުރާ ކުލައަކީ ކެމިކަލް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. އެހެންކަމުން އިންސާނުންގެ ހަމަށާއި ލޮލަށް މިއިން ގެއްލުން ލިބެއެވެ. އިންޑިއާގެ ޔުނިވަސިޓީ އޮފް ރާޖިސްތާނުން ހެދި ދިރާސާއަކުން ހާމަވިގޮތުގައި އިންޑިއާގެ ކުޅިވަރުތައް ކުޅުމަށް ބޭނުންކުރާ ކުލައަކީ ވިހަ މާއްދާ ތަކެއް އެކުލެވޭ އެއްޗެކެވެ. އޭގެ ސަބަބުން އިންސާނުންނަށާއި ގަސްގަހާގެހީގެ އިތުރަށް ޖަނަވާރާއި މަސްމަހާމެއްސަށްވެސް ގެއްލުން ލިބެއެވެ.
އަޅުގަނޑުމެންގެ ޢީދުގައި ކުލަ ޖެހުމަށް ގިނައިން މި ބޭނުންކުރަނީ އިންޑިއާއިން ގެންނަ ކުލައެވެ. އިންޑިއާއިން މި ކުލަތައް ވިއްކާއިރު އޭގައި ބޭނުންކުރިއެއްޗެއްގެ ނަމެއްވެސް އަދި މުއްދަތުހަމަވާ ތާރީޚެއްވެސް ލިޔެފައި ނުހުންނަކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ދީނީ އަޅުކަމާއި ގުޅިގެން މި ކުޅޭ ކުޅިވަރުތަކުގައި ކުލަޖެހުން ހިމެނުމަކީ ޢީދުތައް ފާހަގަކުރުމުގައި ކުރަން ރަނގަޅު ރަނގަޅު ކަމެއްތޯވިސްނާލަން ޖެހެއެވެ. މިއީ އަޚުވަންތަކަން ގާއިމުކުރުމަށް ރަނގަޅުކުޅިވަރެއްތޯ ބަލަން ޖެއެވެ. މާހައުލަށާއި ފަރުދުންގެ ޞިއްޙަތަށް ގެއްލުން ހުރި މި ކުޅިވަރު ކުޅުމާމެދު ވިސްނުންބަދަލު ކުރަންޖެހެއެވެ.