މ. މުލީ ފިރިހެނުންގެ ސަގާފީ ކުޅިވަރުތަކުގައި ހިމެނޭ، ލަނގިރިޖެހުމާއި ބިލެއްދަފި ނެގުން އަދި ނަގިލި ނެގުމަކީ ކާބަފައި ޒަމާނުއްސުރެ ވިދާލި ކުޅިވަރުތަކެވެ. އިހު ޒަމާނުގައިވެސް މުލީ މީހުންގެ ސަގާފީ ކުޅިވަރުތައް މުޅި ރާއްޖެއަށް މަޝްހޫރޫވެފައި ވެއެވެ. އަދި މިހާރުވެސް ކާބަފައިން އެ ކުޅިވަރުތައް ކުޅުނު ގޮތަށް، މުލީ ފިރިހެނުން އެކަން ދަމަހައްޓަމުން އެބަ ގެންދެއެވެ.

ސަގާފީ ކުޅިވަރުތައް ދިރުވައި އާލާ ކުރުމަށްޓަކައި ޚާއްސަ ދުވަސްތަކުގަޔާއި ރަސްމިއްޔާތުތަކުގައި މުލީ މީހުން ލަނގިރި ޖަހާ ހަދައެވެ. އަދި ކުރީ ޒަމާނުއްސުރެ ސަގާފީ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގެ އެކި ރަށްރަށަށް އެރަށުމީހުން ގެންދެއެވެ. ދައުވަތު ދީގެނެވެ. މިހާރުވެސް އެރަށުގެ މި ކުޅިވަރު ކުޅޭ ފަރާތްތަކަށް އެފުރުޞަތު ލިބެއެވެ. އެމީހުންގެ ލަނގިރި ޖެހުން ރީތި ވީމައެވެ. ކިޔާ ލަވަތަކުގެ ހިތްގައިމު ކަމުންނެވެ. ބިލެއްދަފި ނެގުމުގައި ހުނަރުވެކަން ހުރުމުންނެވެ. މި އަޟުހާ ޢިދުގައިވެސް މުލީގެ ސަގާފީ ކުޅުވަރު "ލަނގިރި ޖެހުމަށް" ދަޢުވަތު ލިބިގެން ތ. އަތޮޅަށް ދިޔައެވެ.

މުލީ މީހުންގެ ލަނގިރި ޖެހުން، ފޮޓޯ: އެފްބީ

މުލީ މީހުން ލަނގިރި ޖެހުމާއި، ބިލެއްދަފި ނެގުމާއި، ނަގިލި ނެގުމުގައިވެސް ކިޔައި އުޅެނީ އެމީހުންގެ އަމިއްލަ ލަވަތަކެވެ. މީގެތެރޭގައި ކާބަފައިން ކިޔާ އުޅުނު ގިނަ ލަވަތައް ހިމެނެއެވެ. ލަވަތަކާއެކު ކާބަފައިން ގެނެސްދިން ހަރަކާތްތައްވެސް މެއެވެ. އެހެންކަމުން މުލީގެ ސަގާފީ ކުޅިވަރުތަކަށް ލިބޭ ތަރުހީބުވެސް ބޮޑެވެ. ލަވަތަކާއި ޙަރަކާތްތައް ކާބަފައިން ގެނެސްދިން ގޮތަށް ހުށަ އެޅުމަކީ މި ކުޅިވަރު ކުޅޭ މީހުންނަށް ލިބޭ ޝަރަފާއި ފަޚުރެއް ކަމަށް މި ކަމުގައި އިސްވެ އުޅޭ މުލީ ފްލައިން ހާޓް އަބުދުﷲ ސަޢީދު ބުންޏެވެ.

ކާބަފައިންގެ ފާރާތުން ވާރުތަވި ސަގާފީ ކުޅިވަރުތައް ފެށުނު ދުވަސްވަރެއް މުލިން ވާހަކަދެއްކި އެއްވެސް މީހަކަށް ނޭނގެއެވެ. އިސް ރަށްވެހީންވެސް ބުނަނީ ކުޑައިރުއްސުރެ މި ކުޅިވަރުތައް ރަށުގައި ކުޅޭ ކަމަށެވެ. ބައްޕަމެން، ކާފަމެން، ކުޅެ އުޅޭތަން ފެންނަކަމަށެވެ. " ކުޑަ އިރު ބައްޕަމެން ބިލެއްދަފި ނަގާ ލަނގިރި ޖަހާތަން ފެނޭ، އެގޮތަށް ބައްޕައާއި އެކު ގޮސް އުޅޭތީ މިކަމަށް ޝަޢުޤުވެރިވެ، ބައިވެރި ވެވުނީ" އަބުދުﷲ ސަޢީދު ބުންޏެވެ.

މި ކުޅިވަރުތައް ފެށުނު ޒަމާނެއް ނޭނގުނަސް މުލީގެ ފިރިހެނުން އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވި ސަގާފީ ކުޅިވަރުތައް ދަމަހައްޓައެވެ. ކާބަފައިން ކީ ލަވަތައް ދޫކޮށެއް ނުލައެވެ. ޒަމާން ބަދަލުވެ، ކަރަކަރައިން ނާއި ވިލާތުން އައި ކުޅިވަރުތައް މިތާ ވަކި ހިއްޕާލި ނަމަވެސް ކާބަފައިން ގެނެސްދިން ސަގާފީ ކުޅިވަރުތައް މޯހިރުން އޮބާ ދިޔަ ނުދިނުމަށް އެރަށުގެ ފިރިހެނުނުންގެ ތެރެއިން ބަޔަކު ގަދަ އަޅައި މަސައްކަތްކުރަމުން ގެންދެއެވެ.