ޗައިނާއިން ހޮންގްކޮންގެ މައްޗަށް ހިންގަން ތައާރަފްކުރި ސަލާމަތާބެހޭ އައު ގާނޫނުގެ މައްސަލާގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ހޮންގްކޮންގެ ވެރިޔާ ކެރީ ލާމް، އެއްވެސް ބޭންކް އެކައުންޓެއް ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހޮންގްކޮންގައި އިނގިރޭސިބަހުން ބްރޯޑްކާސްޓްކުރާ އެޗްކޭއައިބީސީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ކެރީ ލާމް ވިދާޅުވީ، އޭނާއަކީ މިހާރު އެއްވެސް ބޭންކް އެކައުންޓެއް ގެންގުޅޭ މީހެއް ނޫން ކަމަށާއި، ހުރިހާ ކަމެއްގައިވެސް މުއާމަލާތް ކުރައްވަނީ ނަގުދު ފައިސާއިން ކަމަށެވެ.

"ކުރިމަތީގައި އިށީނދެގެން މިހުރީ ހޮންގްކޮންގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް. އޭނާއަކީ ބޭންކަކުން އެއްވެސް ޚިދުމަތެއް ލިބޭ މީހެއްނޫން. އަޅުގަނޑުގެ ގޭގައި ފުނިޖަހާފައި އޮތީ ހުސް ނަގުދު ފައިސާ. ސަރުކާރުން އަޅުގަނޑަށް މުސާރަދެނީވެސް ނަގުދުން" ކެރީ ލާމް

ކެރީ ލާމްގެ މުސާރައަކީ އަހަރެއްގެ މައްޗަށް 5.21 މިލިއަން ހޮންގްކޮންގ ޑޮލަރު (672،000 އެމެރިކާ ޑޮލަރު) އެވެ.

ކެރީ ލާމް ހިމެނިވަޑައި ގަންނަވަނީ ދުނިޔޭގައި އެންމެބޮޑެތި މުސާރަ ލިބިވަޑައިގަންނަވާ ލީޑަރުންގެ ތެރޭގައެވެ.

އެއްވެސް ބޭންކް އެކައުންޓެއް ނުގެންގުޅުއްވާ ކަމާއި، މުސާރަ ލިބިވަޑައިގަންނަވަނީ ނަގުދުން ކަމަށް ކެރީ ލާމް ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެތައްބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެފައި ވެއެވެ.

އަދި އެހާ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބޭފުޅަކު މުސާރަ ލިބޭދުވަހު އެހާގިނަ ފައިސާ ގެއަށް ގެންދަވަނީ ކިހިނެއްތޯވެސް ބައެއްމީހުން ސުވާލުކޮށްފައި ވެއެވެ.

ޗައިނާއިން ހޮންގްކޮންގައި ހިންގުމަށް ސަލާމަތާބެހޭ އައު ގާނޫނެއް ތައާރަފްކުރީ ޖޫންމަހުގެ ތެރޭގައެވެ.

މި ގާނޫނު ތައާރަފްކުރީ ކެރީ ލާމާއި، ހޮންގްކޮންގެ ސަރުކާރުގެ ތާއީދާ އެކުގައި ކަމަށްވަތީ، ކެރީ ލާމް ހިމެނޭގޮތުން ހޮންގްކޮންގ ސަރުކާރުގެ އިތުރު 14 އިސް އޮފިޝަލަކާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މިއީ، ހޮންގްކޮންގެ ވެރިންގެ މައްޗަށް އެމެރިކާއިން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.

މި ފިޔަވަޅުގައި ހިމެނެނީ، ކެރީ ލާމްގެ އިތުރުން، ސަރުކާރުގެ އިތުރު 14 އޮފިޝަލުންގެ އެމެރިކާގައި ހުރި ފައިސާއާއި މުދާ ގަނޑުކުރުމެވެ. މީގެއިތުރުން، އެމީހުންނާއެކު އެމެރިކާގައި ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ކެރީ ލާމްއަށް ކްރެޑިޓް ކާޑު ބޭނުންކުރަން ހުރަސްއެޅިގެންދިއުމެވެ. ކްރެޑިޓް ކާޑު ބޭނުން ނުކުރެވޭތީ ވަރަށްބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާ ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެއެވެ.

މިދިޔަ ހުކުރުދުވަހު އެޗްކޭއައިބީސީއަށް ދެއްވި އިންޓަރވިއުގައި ކެރީ ލާމް ވިދާޅުވެފައިވަނީ، އެމެރިކާއިން އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ބޭއިންސާފުން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.