ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އުނގެނުމާއި ހުނަރުގެ ގޮތުންނެވެ. މިކަން އެންމެ ފުރަތަމަ ޤަބޫލުކުރަންވީ މައިންބަފައިން ނެވެ. ބެލެނިވެރިން ނެވެ. އެހެނީ ކުދިންނަށް މިކަން ވިސްނައިދެވޭނީ ފުރަތަމަ ބެލެނިވެރިން މިކަން ގަބޫލުކޮށްގެނެވެ. އާއިލާގެ ތެރެއިން ހަނގާކުރުން ހުއްޓުވައިގެންނެވެ.

ހަނގާކުރުމަކީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމަޢުގައިވެސް ވަރަށް އާންމު ކަމެކެވެ. އެކަމުގެސަބަބުން ކުދިންގެ މުޅި ދިރިއުޅުން ބަނަވެ، އުންމީދުތައް ވިއްސިވިހާލިވާކަމެކެވެ. މީހާ މާޔޫސްކޮށްލައި ދިރިއުޅުންދެކެ ފޫހިވެ، އަމިއްލަ ނަފުސަށް ގެއްލުންދީ، ބައެއްފަހަރަށް އަމިއްލަ ފުރާނަ ގެއްލުވާލާފަދަ ނުރައްކާތެރި ކަމެކެވެ.

އެހެންކަމުން ގަނާކުރުން ހުއްޓުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންވެ އެވެ. ޚާއްޞަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ހަނގާކުރުމުގެ މައްސަލަތައް އިތުރުވާކަމަށް ފާހަގަ ކުރެވެއެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ ސްކޫލުތަކުންނެވެ. އެހެންނަމަވެސް މިކަން ފެށެނީ ސްކޫލުތަކުންނެކޭ ދެންނެވޭކަން ނެތެވެ. އެހެނީ ހަނގާ ކުރާ ކުއްޖާއަކީ ކޮންމެވެސް އެހެން މާހައުލަކުން އެކަން ދަސްވެފަވާ ކުއްޖެކެވެ. ނުވަތަ ދަސްކޮށްގެން ސްކޫލަށް އަންނަ ކުއްޖެކެވެ.

ތަޢުލީމީދާއިރާގައި ގިނަދުވަސްވަންދެން މަސައްކަތް ކުރެއްވި ޕްރިންސިޕަލަކު ވިދާޅުވީ ހަނގާކުރާ ކުދިން ނަކީ ގިނަފަހަރަށް ގެއިން ނުވަތަ އޭނާގެ އާއިލާއިން ހަނގާގެ ޝިކާރައަކަށް ވެފައިވާ ކުދީންނެވެ. ކުއްޖާގެ އާއިލާއިން ބޭބެ ނުވަތަ ދައްތަ ނޫނީ އެހެންވެސް މީހަކު މަޖަލަކަށް، ސަކަރާތް ޖަހާލުމަށް ކުއްޖައާ ދިމާކޮށްލަނީއެވެ. މިގޮތަށް ބުނާ އެއްޗިހީގެ ސަބަބުން ކުއްޖައަށް އެކަން ދަސްވެއެވެ. އާއިލާގެ ތެރެއިން މިކަން ކުރާ މީހުނަށް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަމެއް އިހުސާސެއް ނުކުރެވެއެވެ. އެކަމުން ކުއްޖާއަށް ކުރާނެ އަސަރެއް ނޭނގެއެވެ. އަދި އެކުއްޖާގެ ފަރާތުން އެހެންކުދިންނަށް މި އަނިޔާ ދެވޭކަމެއްވެސް ނޭނގެއެވެ.

ގޭތެރެއިން ހަނގާކުރުމުގެ ޝިކާރައަކަށްވީ ކުއްޖާ ސްކޫލަށް އައުމަށްފަހު އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލަނީ އެހެން ކުއްޖަކަށް އެ ތަކުލީފު ދީފައެވެ. ގޭތެރެއިން އެދަސްވި ހުނަރުގެ ބޭނުން ހިފަނީ ސްކޫލުގައެވެ. އޭނައަށް ލިބެމުންދާ ތަކުލީފު އަނެއްކުއްޖާއަށްވެސް ލިބުމަށް އެދެނީއެވެ. އެކަމުން އޭނާގެ ހިތަށް ފިނިކަން ލިބެނީ އެވެ.

ހަނގާ ކުރާ ކުދިން އެކަން ކުރާއިރުގެ ކަމުގެ ނުރައްކާތެރިކަމެއް ނޭނގެއެވެ. އަދި މިކަން ކުރަނީ ވަކި މިވަނި ކަމެއް ވެގެނޭވެސް ދެންނެވޭކަން ނެތެވެ. ހަށިގަނޑު ހެދި ހުރި ގޮތަށެވެ. އިސްކޮޅާއި ރޫފައަށެވެ. ހަށިގަނޑުގެ ކުލަ އާށެވެ. ސިފައަށެވެ. ލިޔަން ލަސް ކުއްޖެއްނަމަ، އެކަމާއެވެ. ކިޔުމުގައި ކޮށި ގޮތެއް ހުރިނަމަ، އެކަމާވެސް މެއެވެ. މިކަންކަމަކީ ކޮށްގެން ނުވާނެ ކަންކަން ތީޗަރުން ބުނެދެއެވެ. ސްކޫލުތަކުގެ އިސްވެރިން ކިޔައިދެއެވެ. އެހެންނަމަވެސް މިއީ ހައްލެއް ނާންނަ ބޮޑު މައްސަލައެކެވެ.

މިކަން ހައްލުކުރުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ އާއިލާ އަށެވެ. މައިންބަފައިންނަށެވެ. ބެލެނިވެރީންނަށެވެ. އެންމެ ފުރަތަމަ ކަމަކަށް ހަދަންވީ ގޭތެރެއިން މިކަން ހުއްޓުވުމެވެ. ހަނގާކުރުމަކީ ކޮބައިކަން ދެނެގަނެގެންނެވެ. މަޖަލަކަށް ހަދާފައި ނަމަވެސް ކުއްޖާއަށް މަލާމަތްކޮށް ފުރައްސާރަ ކުރާމީހުން ހުއްޓުވައިގެންނެވެ. އެހެން ކުދިންނާދިމާއަށް ބުނަން ނުވާނެ އެއްޗިހި ކިޔައިދީގެންނެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ތަރުބިއްޔަތު ކޮށްގެނެވެ. ތިބާގެ ދަރިފުޅާއި އަނެކާގެ ދަރިފުޅުވެސް ހަނގާގެ ޝިކާރައަކަށް ވުމުގެ ކުރިން އެކަން ހުއްޓުވޭނީ އޭރުންނެވެ.