ރާއްޖޭގޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގައި ފެނަކައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެކުންފުނި މިސާލެއްގެ ގޮތުގައި ނެންގެވުމުންނެވެ. ނަަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންނާ ވާހަފުޅު ދައްކަވަމުންނެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހިންނަށް ޚިދުމަތް ކުރައްވޭނޭ ގޮތެއް ހޯއްދެވުމަކީ އެމަނިކުފާނު ވިސްނަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ކޮންގްރެސްގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާ ގެއްލި ދިއުމުގެ ބިރުވެރިކަމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. "މިސާލަކަށް ފެނަކައިގެ ސީއީއޯ ސައީދު ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަ ދައްކައިފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. އެކަމަކު އެހެންނެށް ނުވާނެ،" ނަޝީދު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ސަޢީދު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ އެއްވެސް މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ ކުރީން ވެސް ސަޢީދު ވިދާޅުވެފައިވަނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ވަކި ގޮތަކަށް ވޯޓު ދޭން ނުވަަތަ ސިޔާސީ ގޮތުން ވަކި ގޮތަކަށް އަމަލު ކުރަން އަންގާފައި ނުވާނޭ ކަމަށެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ނިންމާ ކަންތައްކަމަށް ވެސް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ މިނިވަންކަން އޮންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ފެނަކައިގެ މުވައްޒަފުން ބޭނުންވާ ގޮތަކަށް މިނިވަންކަމާއެކު ވޯޓުދެވޭނެ،" އޭނާ ވިދާޅުވިއެވެ.