އޭރުވެސް މިހާރުވެސް މި ރަށްތަކުގެ ދޮންވެލި ގޮނޑުދޮށްތަކުގައި މިނިވަންކަމާއެކު ހޮރު ކޮނެ ދިރި އުޅެމުންދާ ކަކުނިތައް ދުވެ ފުމެ ހަދައެވެ. މި ގޮނޑުދޮށްތަކުގައި ދިރިއުޅޭ ބަރަވަލިތައް އެ އެތަކެތީގެ ދުވެލީގައި މިނިވަންކަމާއެކު، އެއް މަންޒިލުން އެނެއް މަންޒިލަށް ދަތުރުކުރަމުން ގެންދެއެވެ. ނަމަވެސް އެ ގޮނޑުދޮށްތަކުން އުފާ ހޯދައި ދުވެ، ފުމެ ކުޅިވަރުކުޅެ ހެދި ކުޑަކުދީން ތަކަށް މިއަދު އެ މިނިވަންކަން އެބޮތް ހެއްޔެވެ؟ އެމީހަކު ބޭނުންތަނެއްގައި އިށީނދެ، އޮށޯވެ، ދަރީން ކުޅެ ދުވެ ހަދާތަން ބަލަން ތިބި މައިންފައިންނަށް މިއަދު އެ ފުރުޞަތު އެބޮތް ހެއްޔެވެ؟
މީގެ ފަސްދޮޅަހަކަށް އަހަރު ކުރިއަށް ބަލާއިރު ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން އަޅުވެތި ވެފައިވާ ގައުމެކެވެ. ނަމަވެސް އޭގެ ސަބަބުން ރައްޔިތުންގެ މިނިވަންކަމަކަށް ހުރަސް އެޅުނު ވާހަކައެއް އަޑެއް ނާހަމަވެ. އަދި ތާރީޚު ވެސް ހެކިދެނީ ދިވެހި ރައްޔިތުން ތިބީ އަޅުވެތި ކަމުގެ ކަސްތޮޅު އެޅިފައި ނޫން ކަމަށެވެ. އޭރު ކިރިޔާ ފިޔަވަޅު އެޅޭވަރު ވާއިރު ދަރީން މަގުމައްޗަށް ދޫކޮށްލެވެއެވެ. އަތިރިމަތީގައި ކުޅެ ދުވެ ހެދައެވެ. ނަމަވެސް މިހާރު އެހެންތޯއެވެ؟ ކުއްޖަކު ލޮލުގެ ކުރިމަތިން ގެއްލޭ އިރަށް އެކުއްޖަކު ވީތަނެއް ހޯދަން ދުއްވައިގަންނަން ޖެހެއެވެ. ކުޑަ ހިނދުކޮޅަކަށްވެސް ގެއިން ބޭރަށް ދިއުމުގެ ހުއްދައެއް ކުދިންނަށް ދެވޭކަންނެތެވެ. އެކުދީންނަށް އޮތް ނުރައްކާގެ ބޮޑުކަމުންނެވެ. ބިދޭސީއެއްގެ އަތްދަށުވެ ކުއްޖާއަށް ޖިސްމާނީ ގެއްލުމެއް ލިބިދާނެތީއެވެ. ނޫނީ މަސްތުވާތަކެއްޗަށް އަޅުވެތިވެފައިވާ ބައެއްގެ ޝިކާރައަކަށް ދަރިފުޅު ހަދާފާނެތީއެވެ.
ނުވަދިހައިގެ ކުރީކޮޅުގައި ބޮޑެތިވި ކުދީންނަށްވެސް އެކަނި ހިނގާލާފައި ސްކޫލަށް ދިއުމަކަށް ހުރަހެއް ނެތެވެ. ފަތިހު ފަތިހާ ތެދުވެ، ދުވެލާފައި ގަލޮޅު ދަނޑަށް ދަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. ރޭގަނޑު އަށެއް ނުވައެއް ޖަހާއިރު، ހެންވޭރު ދަނޑަށް އެކަނި ފޮނުވާކަށް ބެލެނިވެރިޔާ ޖެހިލުމެއް ނުވެއެވެ. މިހާރު އެހެންތޯއެވެ؟ ހެނދުނަކަސް ހަވީރަކަސް ކުއްޖާ އެކަނި ސްކޫލަށް ފޮނުވާކަށް ލާހިކެއްނޫނެވެ. އެއީ ގްރޭޑް 12 ގައި އުޅޭ ކުއްޖެއް ވިޔަސް މެއެވެ. ސަބަބަކީ ތޯއެވެ؟ މަގުމަތީގައި ހިނގާފާދާއިރު، ފުރައްސާރަކުރާމީހުންގެ ވަކިތަކުން ސަލާމަތް ނުވެވޭތީއެވެ. ފޮރުޅުލައިގެން މަގުމަތީގައި ދުއްވަން ހަދާފައިހުންނަ އިންޖީނުލީ އުޅަނދުތައް އެ މަގުތަކުގައި އުދުހޭތީއެވެ.
އަދު ރައްޔިތުންނަށް ލިބިފައި މިވަނީ މިނިވަން ކަމެއްހެއްޔެވެ؟ ދަރީން ސްކޫލަށް ފޮނުވުމަށް ބެލެނިވޭރީން ޖެހިލުން ވެއެވެ. ދަރިފުޅު ސްކޫލު ނިންމާފައި ގެއަށް އައުމާއެކު ކިޔަވައިދިނީ ކޮން ޓީޗަރުންނެއްތޯ ސުވާލުކުރެވެނީ މި ސަބަބާ ހުރެއެވެ. ސްކޫލުގައި ކުދިން ހޭދަކުރި ގޮތާބެހޭގޮތުން ސުވާލުބޮޑި އޮއްސާލެވެނީ ކުއްޖާއަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށެވެ. މުދައްރިސެއްގެ ފަރާތުންވިޔަސް ދަރިފުޅަށް ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށެވެ. މިހާލަތަށް ބެލެނިވެރީން ދިޔައީ ސަބަބެއް ނެތިއެއްނޫނެވެ. މީޑިއާ ތަކަށް ތިލަވި ބަދުއަޚުލާޤީ ނުބައި ޢަމަލު ތަކުގެ ސަބަބުންނެވެ. ކުދީންނަށް މަގުދައްކަންތިބި މުދައްރިސުންނާއި، ވެރީންގެ ޢަބުރާ ޢިއްޒަތް ވެއްޔާ މޮޑެވުނު ހިނދު އިތުބާރު ކުރި ހުރިހާފަރާތަކަށް ޝައްކުގެ ނަޒަރުން ބެލެން ފެށުނީއެވެ. އެހެންކަމުން އަދުގެ ޖީލު ބޮޑުކުރަން މި ޖުހުނީ ގޭގެ ހަތަރުފާރުން އެތެރޭގައެވެ.
ގޭގެ ހަތަރުފާރުން އެތެރޭގައިވެސް މިނިވަންކަމެއް ނެތެވެ. ކާފަޔާ ބޮޑުބޭބެއަށްވެސް އިތުބާރު ނުކުރެވޭ ދަރަޖައަށް ގައުމުގެ ހާލަތު މިވަނީ ގޮސްފައެވެ. ދޮރާށިތައް ތަޅުލައިގެން ބޭރުން ގެއަށް މީހުނަށް ނުވަދޭވޭނެ ގޮތަށް ބަންދު ކުރި ނަމަވެސް ގޭގެ އެތެރެއިންވެސް ދަރިފުޅަށް ރައްކާތެރިކަމެއް ނުލިބެއެވެ. އިތުބާރުކޮށްފަ، ނުކުރާނީ ކާކަން ހެއްޔެވެ. އާއިލާގެ ތެރެއިންވެސް ދަރީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު ފެނިފައި، އެއްލޭ ހިނގާމީހުނަށްވެސް އިތުބާރެއް ނުކުރެވެއެވެ. އެހެންކަމުން ގޭތެރޭގައިވެސް ދަރީން ބައިތިއްބަން މި ޖެހެނީ ކޮޓަރިއަށްލާ ތަޅުލާފައެވެ.
އަދުގެ ޖީލު މިވަނީ މިނިވަން ހިޔާވެއްސެއްގައި ކަސްތޮޅު އެޅުވިފައެވެ. އިރެއްގައި ދޮންވެލި ގޮނޑުދޮށްތަކުގައި ދުވެ ފުމެ ހެދުނަސް އަދު އެ މިނިވަންކަން ލިބިފައިވޭހެއްޔެވެ؟ އެއްއަގަހުން އަނެއްގަހަށް އަރާ ފުންމާލާނެ ފުރުޞަތު މިއަދުގެ ދަރީންނަށް ދެވޭނެހެއްޔެވެ؟ އެހެނަސް މިޖީލަށްވެސް އެފުރުޞަތު ދޭން ބޭނުމެވެ. އެ މިނިވަންކަން ހޯދައިދޭން އެދެވެއެވެ. އެކަންވާނެހެއްޔެވެ؟ ޤައުމުގެ މި ޙާލަތަށް ބަދަލެއް ގެނެވިދާނެ ހެއްޔެވެ؟ އާނއެކެވެ. ބަދަލު ގެންނަން މަސައްކަތް ކޮށްފިނަމަ، ނުވާންވީ ސަބަބެއް ނެތެވެ. ބިދޭސީން މަދުކުރަން އުޅެފިނަމަ، އެކަން ކުރެވޭނެ މަގުތައް ހޯދޭނެއެވެ. އިޖުތިމާޢީ މިންގަޑުތައް ފަހަނައަޅާދާ މީހުނަށް ހައްޤު އަދަބު ލިބޭނަމަ، މުޖުތމަޢުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުޞަތު އެންމެނަށްވެސް ލިބޭނެކަން ކަށަވަރެވެ.