ސިނާއީ އިންގިލާބުން މަސައްކަތްތެރިކަމަށް ގެނެސްދިން ލުއިފަސޭހަކަމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ބަދަލުތަކެއް ގެނުވައިފިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ކާބަފައިން، ދައު އޮހޮރުވައިގެން ކުރަމުންދިޔަ ބުރަ މަސައްކަތް އިނގިލީގެ ޙަރކާތަކުން މިހާރު ނިންމާލެވެއެވެ. މިއީ ޒަމާނީ ވަޞީލަތްތަކުގެ ސަބަބުން މަސައްކަތްތެރިކަމަށް ގެނެސްދިން ކުރިއެރުމެވެ. މި ލުއިފަސޭހަކަމާއި މެޝިނަރީގެ އަވަސް ނިންމުންތަކުން އިންސާނުން ޙަރަކާތް ކުރާމިންވަރު ކުޑަވެއްޖެއެވެ. ބަރުހެލިކަމާއި ލޮޑުކަން އިތުރުވެއްޖެއެވެ. މިއީ ސިއްޙަތަށް ލިބުނު ގެއްލުމެކެވެ.

އިހުޒަމާނުގައި ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް ގިނަ ނަމަވެސް އަދު، ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މިންވަރުންނެވެ. ބައެއް މީހުން މިއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން ކުރިމަތިވި މައްސަލައެއްކަމަށް ބުނަމުން ދެއެވެ. އެމީހުން ގަބޫލުކުރަނީ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބުމުން ކުރިމަތިވި ބަލިމަޑުކަމެއް ކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ ކެއުމުގެ އާދަކާދައަށް ގެނައި ބަދަލުތަކުން ކުރިމަތިވި ބަލިމަޑުކަމެއް ކަމުގައެވެ. "ފިޒީ ޑްރިނކްސް" އާއި ތައްޔާރީ ކާނާތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކަމުގައެވެ. ކޮންމެ ސަބަބެއް މެދުވެރި ކަމުގައި ވީނަމަވެސް ރާއްޖޭގައި ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް އިތުރުވެފައި މިވަނީ ކަންބޮޑުވާ މިންވަރަށެވެ.

ކާބަފައިންގެ ދިރުއުޅުމުގެ ހުރިހާކަމަކުން ހަށިގަނޑަށް ކަސްރަތު ލިބެއެވެ. އެމީހުން ތަންތަނަށް ދިޔައީ ހިނގާފައެވެ. އެއަށްފަހު ބައިސް ކަލުގައެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރީ ދޯނީގައި ފަލި ޖަހައިގެންނެވެ. މަސްވެރިކަންވެސް ކުރީ އެ ގޮތުގައެވެ. ކައްކާ އުޅުނީ ވަލުން ދަރުކޮށައިގެން ދަރު އުނދުނުގައެވެ. ރާވެރިކަމާއި ދަނޑުވެރިކަން ކުރީ ބުރަ މަސައްކަތުން ދާ އޮހޮރުވައިގެންނެވެ. އެއަށްވުރެވެސް ބުރަކޮށް އުޅުނީ ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހުނެވެ. ތޮށިން ގާ ނަގައިގެން އެ ގާ، ތަޅާ އުވަދަވައިގެން އެކުރި ބުރަ މަސައްކަތް ތަކުގެ ސާބަބުން ކާބަފައިންގެ ހަށިގަނޑަށް ކަސްރަތު ލިބުނެވެ. އެހެނެސް މިއަދު މެޝިނަރީގެ އެހީގައި މިކުރާ، މަސައްކަތުގެ ސަބަބުން ހަށިގަނޑަށް ލިބޭ ކަސްރަތެއް ނެތެވެ. އެހެން ކަމުން އެ ކަސްރަތު ހޯދުމަށް އިތުރަށް ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. ނޫންނަމަ ސިއްޙީ ގިނަގުނަ މައްސަލަތައް ކުރިމަތިވާނެކަމަށް ޑޮކުރުން އިރުޝާދު ދެއްވައެވެ.

ޒަމާނީ ވަސީލަތްތަކުން ހަށިގަނޑަށް ލިބުނު ލުއިފަސޭހަޔާއެކު ހަށިގަނޑުގެ ބަރުދަން އިތުރުވެއްޖެއެވެ. އެބަރުދަން ލުއި ނުކުރާނަމަ، އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިދާނެއެވެ. މެޝިނަރީގެ ޒަމާނަށް އިންސާނާ ކިތަންމެ ކުޅަދާނަވެފައި މަސައްކަތަށް ހަލުވިކަން ގެނުވިއަސް އެކަމުން ހަށިގނަޑަށް މި ލިބެނީ ގެއްލުމެވެ. ދުޅަހެޔޮ ސިއްޙަތަތެއްގައި ހުރުމަށް މި ފަސޭހަތަކާއި އެކު ހަށިގަނޑުން ދާ އޮރުވަން ޖެހެއެވެ. ކަސްރަތު ތަކެއް ހަށިގަނޑަށް ލިބިގެންމެނުވީ ދުޅަހެޔި ސިއްޙަތެއް ހޯދޭކަން ނެތެވެ. އެހެންކަމުން ސިއްޙީ ދުޅަހެޔޮކަމުގައި ދެމިތިބުމަށް ކަސްރަތު ކުރުމަކީ އަދު އެންމެންވެސް ކުރަން ޖެހިފައިވާކަމެކެވެ.