ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު

½ 1 ސައިސަމުސާ ލޮނު

2 މޭޒުމަތީސަމުސާ މުގުރި މިރުސް

1 ½ ސައިސަމުސާ އިނގުރު (ޗިސްކޮށްފައި

1 ½ ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

1 ޖޯޑު ޕްލޭން ޔޯގަޓް

2 ސައިސަމުސާ ދަވިއްގަނދު

2 ސައިސަސަމުސާ ކޮތަނބިރި

1 ސައިސަމުސާ ދިރި

1 އިންޗި ފޮނިތޮށި

3 ކާފޫރުތޮޅި

5 ތޮޅިމިރުސް

3 ފިޔާ

10 ކަޖޫނަޓް

¼ ކިރު/ ފެން

4 މޭޒުމަތީސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް

ފުރަތަމަ ކުކުޅު ކޮށުމަށްފަހު ދޮވެފލާށެވެ. ދެން މަތިޖެހޭނެ ތައްޓަކަށް އަޅާށެވެ. އަދި އެއަށް ލޮނު، އިނގުރު، ލޮނުމެދު ޕޭސްޓް 2 ސައިސަމުސާ މުގުރި މިރުސް އަދި ޔޯގަޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓްކުރަން އެއްގަޑި އިރު ބަހައްޓާށެވެ. ދެން ކޮތަނބިރިއާއި ދިރި، ދަވިއްގަނދު، ފޮނިތޮށި، ކާފޫރުތޮޅި ތަވަޔަކަށް އަޅާ ހަނާކޮށްލާށެވެ. އެއަށްފަހު އެ ހަވާދުކޮޅު މުގުރާލާށެވެ. ދެން ފިޔަ އަކާއި 4 ތޮޅި މިރުސް މިކްސަރުގައި ހިމުންކޮށްލާށެވެ. އެއަށްފަހު ކަޖޫނަޓްކޮޅުވެސް ކުޑަ ކިރުފޮދެއް އަޅައިގެން މިކްސަރުގައި ހިމުންކޮށްލާށެވެ. ދެން 2 ފިޔާ ކޮށާލުމަށްފަހު ތަވަޔަކަށް ތެޔޮ އަޅައި އުނދުންމައްޗަށް އުދާށެވެ. އެއަށްފަހު ފިޔާކޮޅު ރަން ކުލަ އަރަންދެން ތެއްލަލާށެވެ. ފިޔާކޮޅު ތެއްލެވުމުން އޭގެތެރަށް މެރިނޭޓްކުރި ކުކުޅު އަޅާށެވެ. އެއަށްފަހު 1 ސައިސަމުސާ މުގުރި މިރުސް އަޅާ އެއްކޮށްލާށެވެ. ދެން ޗިސްކުރި ފިޔާ މިރުހާއި ހަވާދުކޮޅުވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ހިމުންކުރި ކަޖޫނަޓްކޮޅުވެސް އަޅައިގެން ކުކުޅު ރޯފިލަންދެން ކައްކާށެވެ. މާ ބޮޑަށް ހިކި ނަމަ، ކުޑަ ފެންފޮދެއް އަޅާށެވެ. އެއަށްފަހު އުނދުންމަތިން ބޭލުމުގެ ކުރިން ބޯކިރުފޮދެއް ނުވަތަ ކުކިންގް ކްރީމް ފޮދެއް އަޅާށެވެ.