2021 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް މާއްދާއިން މުޅި ރާއްޖެއިން ފަޚުރުވެރި އެއްވަނަ ހޯދި، ހއ. އިހަވަންދޫ، ޒޭވަރު، އާމިނަތު ޒަހާ ޒާހިރަކީ ކުޑަ އިރުއްސުރެ އިސްލާމްދީނަށް ލޯބި ކުރާ ދީނީ އަޅުކަންތަކަށް ފަރުވާތެރި ކުއްޖެއްކަމުގައި އޭނާގެ ބައްޕަ މުޙައްމަދު ޒާހިރު ބުނުއްވިއެވެ.

ކިޔެވުމަށްޓަކައި ވަގުތު ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ގަބޫލުކުރާ ޒަހާ، ކިޔަވަންވީ ހަމަ އެކަނި ޓެސްޓު ކައިރި ވީމާ ނޫންކަމަށާއި ކޮންމެ ދުވަހަކުވެސް، ދޭ ފިލާވަޅުތައް މުޠާލިޔާކޮށް މުރާޖަޢާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެއެވެ. އަދި ޓެސްޓު ކައިރި ވުމުން ކުރިން ހެދި ތާވަލަށް ބަދަލުގެނެސް ކިޔެވުމަށް އިތުރު ވަގުތު ހޭދަކުރާކަމަށް ވެސް ޒަހާ ބުންޏެވެ.

"ކުރާ މަސައްކަތެކޭ އެއްގޮތަށް ﷲގެ ޙަޟުރަތުގައި އެކަމަށް ދެންނެވުން ވަރަށް މުހިންމު. އަޅުގަނޑު ގަބޫލުކުރަނީ މަސައްކަތް ކޮށް އެ ކަން ކާމިޔާބުކޮށްދެއްވުން އެދި ދުޢާކުރުމުން ތެދުވެރި ކޮންމެ މުސްލިމަކަށް ވެސް މާތް ﷲ އެކަން ހިންމަވައިދެއްވާނެކަމަށް." ޒަހާ ބުންޏެވެ.

ޒަހާ ގަދަ ޢަޒުމާއެކު މަސައްކަތްކުރީ މަތީ ސާނަވީގެ ގަދަ ދިހައެއްގެ އެއްވަނަ ހާޞިލުކުރުމަށެވެ. އެއީ އޭނާ ބޭނުންވާ ދާއިރާއިން ކިޔެވުމަށް ފުރުޞަތު ހޯދުމަށެވެ. ޒަހާ އެންމެ ބޮޑަށް ބޭނުންވަނީ އިސްލާމީ ތަޢުލީމު އުނގެނޭށެވެ. ޤުރްއާންގެ ޢިލްމުން ކުރިއަށް ދާށެވެ. އެހެން ނަމަވެސް ޒަހާއަށް 1 ވަނަ ޙާޞިލުނުވުމުން، ހައި އެޗީވާސް ސްކޮލަރޝިޕްގެ ދަށުން ކިޔެވެނީ ނެޝަނަލް ޓްރެއިނިންގ ނީޑްސްގައި ހިމެނޭ ދާއިރާތަކުން އެކަނި ކަމުގައިވާތީ އޭނާގެ ޚިޔާލު އެހެން ދާއިރާއަކަށް ބަދަލުކުރަން މަޖުބޫރުވިއެވެ.

ފަހަކަން އައިސް ކިޔަވާކުދިންނަށް ކިޔެވުން ނޫން އެހެންކަމެއް ނެތްކަމަށް ދެކި މައިންބަފައިން ވެސް ކުދިން ހަމަ އެކަނި ކިޔެވުމަށް ހުސްކުރެއެވެ. އެހެން ނަމަވެސް ޒަހާއަކީ ކިޔެވުމުގެ އިތުރަށް ގޭތެރޭގެ ހުރިހާކަމެއް ކުރާ، މަންމައަށް އެހީތެރިވެދޭ ކުއްޖެކެވެ. ޒަހާގެ މަންމަ ބުނީ ޒަހާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ކުއްޖެއްކަމަށެވެ.

''ޒަހާގެ އެންމެ ކުޑަ ކޮއްކޮ (ޒާމާ) އުމުރުން އެންމެ އެއް އަހަރުން ސުރެ އެ ގެންގުޅެނީ ޒަހާ. ކާންދީ ފެންވަރުވާ، ރީތިކޮށް، ޤުރްއާން ކިޔަވައިދެނީ ވެސް ޒަހާ، އަޅުގަނޑަށް ކުޑަމީހާގެ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭ" ޒަހާގެ މަންމަ، ރިޒުމާ ބުނުއްވިވެ. ޒަހާ މި ދައްކައިދިނީ ކިޔަވައިގެން ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި އެހެން ހުރިހާކަމަކުން އެއްކިބައިވާން ނުޖެހޭކަމެވެ.

2018 ވަނަ އަހަރު، އިހަވަންދޫ ސްކޫލުގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލް ރައުންޑް) އަދި 2020،21 ވަނަ އަހަރު އިހަވަންދޫ ސްކޫލުގެ މަތީ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލް ރައުންޑް)، ޒަހާ މި ދެއްކީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ކިޔެވުމަށް ޓަކައި އެހެން ހުރިހާކަމަކުން މަހުރޫމްވާން ނުޖެހޭކަމެވެ. އަދި ކިޔެވުމާއެކު ދީނީ އަޅުކަންކުރުމުގައި ސާބިތުވެ ހުރުމުގެ މުހިންމު ކަމެވެ. ހަމަ އެހެންމެ ކުރާ މަސައްކަތް ކާމިޔާބު ކޮށްދެއްވުން އެދި އަބަދު ވެސް މާތް ﷲގެ ޙަޟުރަތަށް ދަންނަވަން ޖެހޭނެ ކަމެވެ

ޒަހާއަކީ ދިވެހި އަދަބިއްޔާތާއި މާދަރީބަހަށް ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ދަރިވަރެކެވެ. ކުޑަ އިރުއްސުރެ ސުކޫލްގެ ޢަދަބީ ޙަރަކާތްތަކުގައި ބައިވެރިވެ ރަންވަނަތައް ޙާޞިލުކުރި ދަރިވަރެކެވެ. މީގެ އިތުރުން ވާހަކަ ލިޔުމުގެ ގައުމީ މުބާރާތްތަކުންނާއި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތްތަކުން އެކި އަހަރުތަކުގައި ސްކޫލަށް ރީތި ނަން ހޯދައިދީ ރަން ވަނަތަކެއް ވަނީ ޙާޞިލްކޮށްފައެވެ

ހަމަ އެހެންމެ ވަޒަންދެކެ ލޯބިވާ ކިޔަވާ ސްކޫލަށް ޚާއްޞަ ލޯބި ޖެހިފައިވާ ޒަހާ އޯލެވެލްއިން ރަނގަޅު ނަތީޖާ ހޯދާ ގަދަ 10 ގެ 3 ވަނަ ޙާސިލު ވުމުންވެސް މާލެއަށް ކިޔެވުން ބަދަލުނުކުރީ ކޮންމެ ތާކުން ކިޔެވި ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ، ކާމިޔާބުވާނެކަމުގެ އުންމީދު އޮތުމުންނެވެ.

"ދުނިޔޭގައި އިންސާނާ އުންމީދުކުރާ ހުރިހާ ކަމަކަށް ކާމިޔާބު ނުލިބުނު ނަމަވެސް އެ ކުރާ މަސައްކަތަށް އާޚިރުގައި ޙައްޤު ޖަޒާ ލިބޭނެކަން ޤަބޫލުކުރަން. ނާކާބިޔާބީގައި ހިތްވަރުކޮށް، ދުޢާއިން އުންމީދު ކަނޑާނުލައި، މަސައްކަތްކުރެވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. ކާމިޔާބުގެ ކުންނަށް ވާސިލުވުމުގެ ވާޞިތާއަކީ މި ކަން ޤަބޫލުކުރުން." ޒަހާ ބުންޏެވެ.

ޒަހާ މޮޅީ ހަމައެކަނި އިސްލާމް މާއްދާ އަކަށް ނޫނެވެ. ރީތި ކޮށް ޤުރްއާން ކިޔަވާ، ޒަހާވަނީ ޤުރްއާން މުބާރާތްތަކުން ވެސް ބައެއް ވަނަތައް ޙާޞިލުކޮށްފައެވެ. ހަމަ އެހެންމެ ގުރޭޑު 6 ން ފެށިގެން ސްކައުޓް ޙަރަކާތުގައި ބައިވެރިވެ، ކިޔެވުމަށް އެންމެ މޮޅު ސްކައުޓްގެ ލަޤަބު ވެސް (އެކި އަހަރުތަކުގައި) އޭނާ ހޯދާފައި ވެއެވެ. އަދި ސްކޫލްގެ ޕްރިފެކްޓް ބޯޑުގައި ވެސް އިސް ދައުރެއް އަދާކޮށް، އެކި ކުލަބުތަކާއި ސްކޫލުގެ އެކި މަޤާމުތައް ފުރާފައިވާ ޒަހާ ވަނީ މަތީ ސާނަވީ އިމްތިހާނުން އެއް މާއްދާއިން އޭ ސްޓާ، 4 މާއްދާއިން އޭ ހޯދައިގެން މަތީސާނަވީއިން މުޅި ރާއްޖެއިން 5 ވަނަ ހާޞިލުކޮށްފައެވެ.