އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ދިޔަ އެއް ސްޓޭޓްކަމަށް ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުންވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވައި އެ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރެވުނީ ޖޯ ބައިޑެންއަށެވެ.

ވޯޓު އަލުން ގުނައި ނިމުނުއިރު ޖޯ ބައިޑެންއާއި ޓްރަމްޕާ ދެމެދު 20،000 އަށްވުރެ ގިނަ ވޯޓުގެ ފަރަގު ހުއްޓެވެ. ކުރިންވެސް ދެއްކި އަދަދަށް ބައިޑެންއަށް 87 ވޯޓު އިތުރުވެގެންދިޔައީއެވެ.

މައްސަލަ ޖެހިގެން ވިސްކޮންސިންގައި ވޯޓު އަލުން ގުނާފައިވަނީ ވިސްކޮންސިންގެ އެންމެ ބޮޑު 2 ކައުންޓީ ކަމަށްވާ ޑޭން ކައުންޓީއާއި، މިލްވޯކީ ކައުންޓީގައެވެ.

ޑޭން ކައުންޓީގެ ވޯޓު އަލުން ގުނައި ނިންމާފައިވަނީ އާދީއްތަ ދުވަހުއެވެ. އޭގެކުރިން މިލްވޯކީގެ ވޯޓުވެސްވަނީ އަލުން ގުނާފައެވެ/

ވިސްކޮންސިން ސްޓޭޓުން 800،000 އަށްވުރެ ގިނަމީހުން ރިޔާސީ އިންތިޚާބުގައި ވޯޓްލާފައި ވާއިރު، އަލުން ވޯޓު ގުނުމުން އައިސްފައިވަނީ ވަރަށް ކުޑަ ތަފާތެއް ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ވިސްކޮންސިންގެ އެންމެބޮޑު 2 ކައުންޓީގެ ވޯޓު އަލުން ގުނުމަށް އަމުރުކުރީ ވިސްކޮންސިން އިލެކްޝަންސް ކޮމިޝަނުންނެވެ.

އެ ކޮމިޝަނުން އެކަމަށް އަމުރުކުރީ، އެދެ ކައުންޓީގެ ވޯޓު އަލުން ގުނައިދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމާއި އަދި އެކަމަށް ހިނގާނެ ޚަރަދަށް 3 މިލިއަން އެމެރިކާ ޑޮލަރު ދެއްވުމުންނެވެ.

ވޯޓު އަލުން ގުނަމުންދިޔައިރު ޓްރަމްޕް ކެމްޕެއިން އޮބްޒާވަރުން ވޯޓު ގުނުމަށް ހުރަސްއަޅައި ގޮންޖެހުންތައް ކުރިމަތިކުރި މައްސަލާގައި ވިސްކޮންސިން އިލެކްޝަންސް އޮފިޝަލުންވަނީ ޓްރަމްޕްގެ އޮފިޝަލުން ކުށްވެރި ކޮށްފައެވެ.

ޓްރަމްޕް ކެމްޕެއިނުން ތުހުމަތު ކުރަނީ، ވިސްކޮންސިން ސްޓޭޓުގެ ބައެއް ކައުންޓީތަކުގައި ވޯޓުލުމުގެ ތެރޭގައި ގަވާއިދާ ޚިލާފް ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޓްރަމްޕްގެ ޓީމަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާތީ މައްސަލަ ކޯޓަށްވެސް ނުވެއްދުނެވެ.