ފާއިތުވި އަހަރު އޮކޫޓޫބަރު ހިސާބު، ރާއްޖެ އަށް ޒިޔާރަތްކުރި ގުޑުގުޑާދޫނިތައް ރާއްޖޭގެ ބައެއް މަންޒިލްތަކަށް ހިތްކިޔައިފިއެވެ. އެގޮތުން ށ. ފުނަދޫގައި އޮންނަ ދަށްފަޅަށް ޒިޔާރަތްކުރި ދޫނިތައް މިހާރުވެސް އެ ފަޅުގައި ދިރިއުޅެއެވެ.

ދަށްފަޅަކީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަހުރަ އާއި، އިތުރު ކުޑަ ދެރަށާއި ދޭތެރޭގައި އޮންނަ ރީތި ތިލަ ފަޅެކެވެ. އެ ރަށްތަކުން ބެދިފައިވާ، ދަށްފަޅަކީ އަބަދުވެސް އޮމާން ސާފު، އޮއިދެމޭ ފެންގަނޑެއް އޮންނަ ތަނެކެވެ. އެކި ވައްތަރުގެ މަޑިޔާއި ރީތި ތަފާތު ބާވަތްތަކުގެ މަސްތައް އަބަދުވެސް ފެންނަ، ގުދުރަތީ ރީތި މަންޒިލެކެވެ.

ދަށްފަޅުގައި ގުޑުގުޑާދޯނި އުޅެނީ ގަނބާކުޅި ކިޔާ ހިސާބުގައެވެ. ގަނބާކުޅިއަކީ ދަށްފަޅުގެ ވަރަށް ތިލަ ހިސާބެކެވެ. އަޑީގައި ކިސަޑު ހެދިފައި އޮންނަ މި ކުޅި ވަށައިގެން ވަނީ، ފެހި ކުލަ ގަދަ ގަސްތަކެވެ. މުޅި ދަށްފަޅު ވަށައިގެންވެސް ވަނީ މިފަދަ ގަހެވެ. ކުރެއްޖާއި، ރަނޑޫ ފަދަ ގަސްތަކެވެ.

ފުނަދޫން ވާހަކަ ދެއްކި އެރަށު ރައްޔިތަކު ބުނީ މިދިޔަ އަހަރު އެރަށަށް ޒިޔާރަތްކުރި ގުޑުގުޑާ ދޫނިތައް ވަރަށް ގިނަދުވަސް ވަންދެން ދަށްފަޅާއި، ފަރުކޮޅުގައި އުޅުނުކަމަށެވެ. އަދި ދޭތެރެއަކުން މި ދޫނިތައް ނުފެނިފައި، އަނެއްކާވެސް 6 އެއްކަ ދޫނި އައިސް އެބައުޅޭކަަމަށް އޭނާ ބުންޏެވެ.

ފުނަދޫގެ އިސް ރަށްވެއްސެއްކަމަށްވާ އެރަށު ފަނާރު، އާދަންބެ ބުނުއްވީ ވަރަށް ކުރީގައިވެސް ދަށްފަޅަށް ގުޑުގުޑާދޫނި އައިސް އުޅޭކަމަށެވެ. "ފުަނަދޫ ގައި މީހުން އާބާދުވުމުގެ މާ ކުރިންވެސް ގުޑުގުޑާދޫނި މިރަށުގައި އުޅޭ، އަޅުގަނޑުމެން ކުޑައިރު އެކިއެކި ބޭނުންތަކަށް ފުނަދުއަށް އަންނައިރު އެ ދޫނިތައް ފެނޭ، ދޫނިތައް އުދުހޭ އިރު ފިޔަގަނޑުން އެ ފެންނަ ރީތި މަންޒަރު ބެލުމަށްޓަކައި އަޅުގަނޑުމެން ދަށްފަޅު ކައިރީ އެތައް އިރެއްވަންދެން ތިބެން" އާދަންބެ ބުނުއްވިއެވެ.

ފުނަދޫ ދަށްފަޅު، ފޮޓޯ: މުޙައްމަދު އަފްރާހް، އެފްބީ

ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދަށްފަޅު، ގުޑުގުޑާދޫނީގެ މަންޒިލަކަށް މި ހެދީ އެތަނުން މިދޫނިތަކަށް ބޭނުންވާ ކާނާ ލިބޭތީކަމަށް ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެ ދޫނިތައް ވަރަށް ގިނައިން ތިބޭނެ ކިސަޑުގަނޑަށް ތުންހަރާލައިގެން. ހީވަނީ ކާއެއްޗިހި ހޯދަނީހެން" އޭނާ ބުންޏެވެ.

ދައްފަޅު، ފޮޓޯ: މުޙައްމަދު އަފްރާހް، އެފްބީ

ފުނަދޫގައި އޮންނަ ދަށްފަޅު ތަރަށްގީކޮށް އެތަނުގެ ގުދުރަތީ ރީތިކަން ދެމެހެެއްޓޭނެ ގޮތަށް ޕާކެއް ހެދުމަށް ފުނަދޫ ކައުން ސިލުން މަސައްކަތް ކުރަށްވައެވެ. ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ފުޅު ވިދާޅުވީ ދަށްފަޅުގައި ނޭޗަރޕާކެއްގެ ތަސައްވަރު ކުރަހައި އެކަން ކާމިޔާބުވޭތޯ މަސައްކަތްކުރަމުންދާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.

ރާއްޖޭގެ ކުޅި އޮންނަ އެހެން ރަށްތަކުގައި ހަދާފައިވާ ޕާކުތައް ފަދައިން ދަށްފަޅުގައިވެސް ޕާކެއް ހެދިއްޖެނަމަ، އެއީ ހިތްގައިމު މަންޒިލަކަށް ވާނެއެވެ. އަދި އެހެން ކުޅި ތަކާއި ތަފާތަކޮށް، އެ ފަޅުގައިވާ ހުދު ދޮންވެލިގަނޑާއި މަޑު ނޫކުލައިގެ މޫދާއި އެތަނުގައިވާ ދިރުންތަކުން މި ޕާކު އިތުރަށް ފުރިހަމަކޮށްދޭނެކަން ކަށަވަރެވެ.

ގުޑުގުޑާ ދޫންޏަކީ މޫސުމީ ދޫންޏެކެވެ. ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ދޫނިތަކުގެ ތެރޭގައި ގުޑުގުޑާ ދޫނި ހިމެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު ފުނަދޫ ދަށްފަޅު ފަދަ ގުދުރަތީ ރީތި މަންޒިލްތަކުން ވަރަށް ގިނައިން ގުޑުގުޑާދޫނި ފެނެއެވެ.