ދުނިޔޭގެ ނަމޫނާ ގައުމަކަށް ދިވެހިރާއްޖެ ހެދިދާނެ ކަމަށް ޑރ. އަބްދުﷲ ފާރޫގު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކަން ކުރުމަށް ބޭނުންވަނީ އިޚުލާސްތެރި ވެރިކަމަކާއި ޕްރޮފެޝަނަލް މެނިފެސްޓޯތަކެއް ކަމަށެވެ.

ޑރ. ފާރޫގު ވަނީ ހެލްތާއި ޕަބުލިކު ހެލްތުގެ ރޮނގުން ދުނިޔޭގެ 1 ވަނަ ގައުމަށް ދިވެހިރާއްޖެ ހެދުމުގެ ވިސްނުން ބިނާކުރާނެގޮތުގެ ޚިޔާލެއް މެނިފެސްޓޯއެއްގެ ނަމުގައި ޓުވީޓު ކުރައްވައިފައެވެ.

ޑރ. ފާރޫގު ވިދާޅުވެފައިވަނީ އަދިވެސް ރާއްޖޭގެ ހާލަތު އޮތީ ވަރަށް އާދައިގެ ބަލިތަކަށް ވެސް ބޭސްކުރަން ވެސް ރަށްރަށުގެ މީހުން މާލެއަށް ދާންޖެހޭ ގޮތަށް ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކަށް ގޮސްގެންނޫނީ ގިނަބަލިތަކަށް އެކަށީގެންވާ ފަރުވާނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަށްރަށުން މީހުން މާލެ ގޮސް އަދި އާއްމުކޮށް ދިވެހިން އަވަށްޓެރި ގައުމުތަކަށް ގޮސް ސިއްހީ ފަރުވާ ހޯދުމަކީ ފަސޭހަކަމެއްނޫން ކަމަށާއި އެއީ ނުހަނު ބޮޑު ޚަރަދަކާއި އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގިނަވުމަކީ ސިއްހީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއަށް ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުވަނުމަށް މަގުފަހިވުމާއި ރައްޔަތުން ދައްކާ ޓެކުސްގެ ފައިސާގެ ބޮޑުބައެއް ބޭރު ގައުމަށްތަކަށް ދިއުމަށް މަގުފަހިވުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ސިއްހީދާއިރާ ތަރައްގީކޮށް ހިންގާނެ ދިވެހިންތަކެއް އުފެދުމަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިވަގުތައް ކުރުމަށް ބޭނުންވާ ކަންތައްތަކަކީ:

  • ސިއްހީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ޓަކައި އަންލިމިޓެޑު ބަޖެޓެއް ހުޅުވައިލުމެވެ.

  • ސިއްހީ ދާއިރާއިން އިސްޕެޝަލައިޒުގެ ފުރުސަތު އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ދަރިވަރުން ހޯދާ ޖާގަތަކަށް ސަރުކާރުން އިސްޕޮންސާކޮށްދިނުމެވެ.

މި ދެ ކަންކޮށްފި ނަމަ ދުވަސްކޮޅެއްނުވަނީސް ސިއްހީ ޚިދުމަތްހޯދުމަށް ބައެއް އަވަށްޓެރި ގައުމުތަކަށް އަޅުވެތިވާންޖެހޭޖެހުން ނިމުމަކަށް ގެނެވިދާނެކަމަށާއި އަދި ސިއްހީ ރޮގުން ދިވެހިރާއްޖެއަކީ ދުނިޔޭގެ 1 ވަނަ ގައުމުކަމުގައި ހެދިދާނެކަމަށް ޑރ. ފާރޫގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕަބުލިކު ހެލްތުގެ ބޭނުމަކީ ހަމައެކަނި ބައެއް ވެކުސިންދިނުމާއި ނުވަތަ މަދިރި ކޮންޓުރޯލުކުރާ ވާހަކަދެއްކުން އެކަނި ނޫންކަމަށެވެ. ޕަބުލިކު ހެލްތުގެ މުހިންމު އެއް ބޭނުމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް މަގެއް ކޮށައިދިނުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ރައްޔަތުންނާމެދު ކަންކުރާގޮތަކީ ހަށިގަނޑަށް ގެއްލުންވާފަދަ ނުވަތަ ކުލޮސްޓުރޯލާއި ފަލަވާތަކެތީގެ ޑިއުޓީ ކުޑަކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާތަކެތީގެ ޑިއުޓީބޮޑުކޮށް ބެހެެެއްޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިސާލަކަށް އާދައިގެ ފުށް ކިލޯއެއް ފަސްރުފިޔާއަށް ލިބޭނަމަ އާޓާފުށް ކިލޯއެއް ގަންނަންލިބެނީ ވިއްސަކަށް ރުފިޔާއަށެވެ. މިއީ ހަމައެކަނި މިސާލެކެވެ. އަނެއްކޮޅުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކަރީއާއި މޭވާ ދިވެހީންނަށް ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައި ކަމަށް ވެސް ވިދާޅުވިއެވެ. މިކަން ރަނގަޅު ކުރުުމަށް ކަންކުރަންވީގޮތުގެ ލަފައެއް ވެސް އޭނާ ވަނީ ދެއްވައިފައެވެ.

  • އެކެއް: ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖޭއެސްޓީ ސުންޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބަވަތްތަކެވެ. އެފަދަތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވެންއޮތްހާލުޔެއް ދިނުމެވެ. އަދި އެއީ ސަބުސިޓީސް ދީގެންކަމުގައި ވިޔަސްމެއެެވެ.
  • ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރުކުރެވޭގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި އިމާރާތްތަކުގައި މިނީ ޖިމުތައް ގާއިމުކުރުމެވެ.
  • ކަސްރަތު ސިވިލްސާވިސަށް ވެއްދުމެވެ. ޕުރައިވެޓު ބައެއް ސެކުޓަރުތަކުގައި ކަސްރަތު ވަޒީފާއާއި ގުޅައިލެވިފައިވެއެވެ. ނަމަވެސް ސިވިލްސާވިސަކީ ކަސްރަތަށް ވަރަށް ބީރައްޓެހި ތަނެކެވެ. މުވައްޒަފުން ލައްވާ މަސައްކަތްކުރުވުންނޫނީ އެހެންކަމެއް ނުދަންނަ މުއައްސަސާއެކޭވެސް ދެންނެވިދާނެއެވެ. މުޒަފުންގެ ރަސްމީ ގަޑި ނިމުމަށްފަހު އެ މީހުން ދެން ގެބިގަންނަނީ އިތުރުގަޑި ނެގުމަށެވެ. ނަޖީއަކަށްވާނީ ކަސްރަތާ ދުރުހެލިވާން ދަސްވުމެވެ. އެކަމުގެ ސަބަބުން އަވަހަށް ހަށިގަނޑުގެ ދުޅަހެޔޮކަން ގެެއްލިދިއުން އެކަށީގެންވެއެވެ. އިސްކޫލުގެ ކަރުކިއުލަމަށް އޮންނަނީ ކަސްރަތު ވެއްދިފައެވެ. އެހެންކަމުން އިސްކޫލުގެ ދުވަސްވަރު އެކަންކުރެވެއެވެ. ނަމަވެސް އިސްކޫލު ނިމިގެން ސިވިލްސާވިސަށް ވަނުމަށްފަހު އެކަންކުރުމުގެ ފުރުސަތެއް އެވަޒީފާއަކުންނުލިބެއެވެ. އެހެންކަމުން ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޓަކައި ސިވިލްސާވިސްގެ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތަށް ވަޒިފާގެތެރެއަށް ވެއްދުން މުހިންމެވެ. އަދި ސިއްހަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުން ވެސް މުހިންމެވެ. މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުމެވެ. ނުވަތަ ސިގުރެޓިބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ ކަންތައްކޮށްގެން ސިވިލްސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
  • ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތިތަންތަނުގައިއެވެ. އެކަމުގެ ސަބަބުން ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ބަލިކަށިވުންގާތެވެ. ދިރިއުޅޭ ތަން ތޯހިރުވެ ލުއިފަސޭހަވުމަކީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުން މުހިންމުކަމަށް ފެނެއެވެ. އޭގެތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން ފަސްތަރީގެ މިންގަޑަށް ހުރުމާއި ކޮންމެ އިމާރަތެއްގައި ޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރަތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނައަރާފަދަ ތަނެއްގައި ޕަބުލިކު ކޮފީޝޮޕެއް ހިންގޭނެ ޖާގަ ހުރުންފަދަ ކަންކަމެވެ.

މެނިފެސްޓޯއަށް އަމަލުކޮށްފި ނަމަ ހެލްތާއި ޕަބުލިކު ހެލްތުގެ ރޮގުން ދުނިޔޭގެ 1 ވަނަ ގައުމަށް ދިވެހިރާއްޖެ ހެދިދާނެކަމަށް ފެނެއެވެ. ޑރ. ފާރޫގު ވިދާޅުވިއެވެ.