އެމްފައިސާ މެދުވެރިކޮށް މިނިސްޓުރީ އޮފު އިސްލާމިކު އެފެއާރޒުގެ "މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑު" އަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު އެ މިނިސްޓުރީން ދެއްވުމުން އެފަންޑުގެ ޝަރުތު ހަމަވޭތޯ ބަލަންޖެހެއެވެ. ނޫންނަމަ އެ ފަންޑަށް ވަގުފު ފަންޑޭ ކިޔުން ހުއްދަނުވާނެއެވެ. އެއަށް ކިޔޭނީ ހަމައެކަނި "މިސްކިތްތަކަށް އެހީވާ ފަންޑު" މިހެންނެވެ.
ޢަރަބި ބަހުގައި "الوقف" ގެ ލަފުޒުގައި އެއް މާނަޔަށް ވުރެ ގިނަ މާނަ އެކުލެވިފައިވީކަމުގައި ވިޔަސް ޢާއްމު ގޮތެއްގައި އެލަފުޒުގެ މާނަ ރުޖޫޢަވެވޭހުށީ ﷲއަށްޓަކައި ކުރެވޭ ވަޤުފުތަކަށެވެ. ވަޤުފުގެ إصطلاحي މާނަ ކުރެއްވުމުގައި ފިޤުހުގެ ދަންނަބޭކަލުންގެ މެދުގައި ފުޅާ ދާއިރާއެއްގައި اختلافތައް އުފެދިފައިވެއެވެ. ޙަންބަލީން މާނަކުރެއްވީ އެއީ "އެއްޗެއްގެ އަސްލުހިފެހެއްޓުމާއި (ވަޤުފުކުރުމާއި) އަދި އެއެއްޗެއްގެ މޭވާ (މަންފާ) ލިބެމުންދިއުމެވެ." ބާޙިޘު ދެކޭގޮތުގައި އެންމެ ރަނގަޅު ކަމަށް ފެންނަނީ ޙަންބަލީ މަޒުހަބުގެ ބޭކަލުން ވަޤުފުގެ إصطلاحيމާނާ ކުރެއްވެވިގޮތެވެ. ސަބަބަކީ ޢުމަރުގެފާނަށް ވަޤުފުކުރާނެ ގޮތް، نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދަސްކޮށްދެއްވި ޙަދީޘު«(احْبِسْ أَصْلَهُ وَسَبِّلْ تَمْرَهُ)» ، ގެ މަނައާއި އެ إصطلاحيމާނަ ކައިރި ކުރާތީއެވެ.
ވަޤުފުން ކޮންމެ ހެޔޮކަމެއްގެ ދައުރު ވެސް އަދާކުރެވިދާނެއެވެ. ނަމަވެސް ޚާއްޞަ ގޮތެއްގައި ބޭނުނުންކުރެވިދާނެ ބައެއް މުހިންމު ކަންތައްތަކުގެތެރޭގައި ދީނާއި، ނަފުސާއި، ބުއްދިއާއި، ނަސަބާއި، މުދާ ޙިމާޔަތްކުރުމަށް ކުރެވޭ ވަޤުފުތައް ފާހަގަކޮށްލެވެއެވެ.
އެއްޗެއް ވަޤުފުކުރުމުގެ ބޭނުމަކީ ވަޤުފުކުރާމީހާއަށް އެއިން ހެޔޮދަރުމަ ދާއިމަށް ލިބިލިބި ހުރުމާއި ވަޤުފުކުރެވޭ ކަމަކަށް އެއިން މެދުނުކެނޑި މަންފާ ލިބުމެވެ. އެއީ ޞަދަޤާތްތަކުގެ ތެރެއިން نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުފެއްދެވި އައުވައްތަރެކެވެ. އެހެންކަމުން ވަގުފުކުރެވޭ ރައުސުލްމާލު ހޭދަކުރެވިގެންނުވާނެއެވެ. ހޭދަކުރަންޖެހޭނީ އެއެއްޗެއް އިންވެސްޓުކުރުމުން ނިކުންނަ ފައިދާތަކެވެ.
ނަގުދު ފައިސާއިން ވަޤުފުކުރުމާމެދު ފިޤުހު علمވެރީން ދެ ޤައުލަކަށް اختلاف ކުރައްވާފައި ވެއެވެ. އެއީ ހުއްދަވުމާއި ނުވުމުގެ މައްޗަށެވެ. ބާޙިޘު ބުރަވަނީ ނަގުދު ފައިސާއިން ވަޤުފުކުރުން ހުއްދަކަމަށެވެ. ސަބަބަކީ އެކަން މަނާކުރާ ނައްޞެއްނެތުމެވެ. އަދި އެކަމުން ޝަރުޢީ އެހެން އުޞޫލަކަށް ހުރަސް ނޭޅޭތީއެވެ. ނަމަވެސް އެ ވަގުފުކުރެވުނު ފައިސާއެއް ރައުސުލްމާލަކަށް ހެދުން ޝަރުޠެވެ. ހޭދަކުރެވޭންޖެހޭނީ އެއިން ފައިދާ ނިކުންމައިގެން އެ ފައިދާއެކެވެ.
"މިސްކިތްތަކަށް އެހީވާ ވަގުފު ފަނޑު" އުފެދިފައިވަނީ 2010 ގައެވެ. އެއީ ވަގުފެއްކަމުގައިވާ ނަމަ ވޭތުވެދިޔަ ބާރަ އަހަރުގައި އެއަށް މީހުން ކުރި ވަގުފުގެ ފައިސާގެ ރައުސުލްމާލުގެ އަދަދާއި އެ ވަގުފުގެ ރައުސުލްމާލު އިންވެސްޓުކުރެވޭގޮތަކާއި އިންވެސްޓުކޮށްގެން ލިބޭ މަންފާތައް ހޭދަވާގޮތް ރައްޔަތުންނަށް އެނގެންޖެހެއެވެ. ވަގުފުގެ ހިސާބުކިތާބު ދެއްކުމަކީ ލާޒިމުކަމެކެވެ. ވަގުފެއް ހަވާލުކުރެވިފައިވާފަރާތުން ވަގުފުގެކަންތައް ކުރާން ފިގުހު އިލްމުވެރީން ކަނޑައަޅުއްވާފައިވާ ގޮތް ނޫން އެހެންގޮތަކަށް އަމަލުކޮށްފި ނަމަ ބައެއް ފިގުހު އިލްމުވެރީންގެ އަހިހުގައި އެ މީހަކު ވާހުށީ މުނާފިގަކަށެވެ. މިސާލަކަށް ނަމަ ޙަނަފީންގެ ރައުޔަކީ އިމާރާތަށް ހޭދަކުރަންޖެހޭ ބޭނުމެއް އޮއްވައި އެހެން ކަމަކަށް ހޭދަކޮށްފިނަމަ އެ ناظرއަކުވާހުށީ ފާސިޤަކަށެވެ. އެ ގޮތަށް އަމަލުކޮށްފި ނަމަ އެމީހެއްގެ ފިސްޤު ކަށަވަރު (ސާބިތު) ވާނެކަމަށެވެ.
މިއީ މިވެރިން ކާންބޯން ލާރި ހޯދަންވެގެން ހުޅުވާ ފަންޑުތައް. މިކަން ހުއްޓުވުމަށް ރައިސް ނަޝީދު އެދުނަސް އެކަމެއް ނުކުރި