މުއްޔާއި އިންވެގެން، އެރަށު އިރު އުތުރުފަރާތު އޮންނަ ބޯހުރައަކީ ޒަމާނުއްސުރެ މުލީގެ ކުދިބޮޑު ރައްޔިތުން ތަފާތު ބޭނުންތައް ފުއްދަމުންއަންނަ މުލީގެ އިޙްތިޞާސްގައި ހިމެނޭ ކުޑަ ހުރައެކެވެ. ނަމަވެސް މިހާރު އެ ހުރާ މަޝްހޫރުވެފައިވަނީ ބޯހުރާ ފުށްޓަރުފަރާތުގައި އޮންނަ ރާޅާ އަޅާ ބައިނަލްއަޤުވާމީ މަންޒިލެއް ކަމަށްވާ "މަޝްރޫމް" ކިޔާ ރީތި ރާޅު އުފެދޭ ސަރަޙައްދުގެ ސަބަބުންނެވެ.

ބޮޑުމިނުގައި 3.0 ހެކްޓަރު ވެސް ނުހުންނަ މިކުޑަ ހުރައަށް މުލިން ހިނގާލާފައި 5 މިނެޓެއްހާއިރުން ދެވެއެވެ. މުލީ ރައްޔިތުން އާއިލައާއި އެކު ހަވީރު ސައިބޯލުމަށާއި، ރޯދަމަހު ރޯދަވިއްލަން ގޮސްއުޅޭ، ބޯހުރައަކީ މިހާރު ބައިނަލް އަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ސަރަޙައްދެކެވެ.

މުލީ ކުދިންގެ ލެޔާ ގުޅިފައިވާ ރާޅާ އެޅުން އެރަށުގައި ވައި ހިފައިފައިވަނީވެސް ބޯހުރާ ފުށްޓަރުފަރާތުގައި އޮންނަ ރާޅުގަނޑުގެ ސަބަބުންނެވެ. އެއީ މެދުރާއްޖެތެރޭގައި އޮތް ރާޅާ އަޅާ އެންމެ މަޝްހޫރު އެއްމަންޒިލެވެ.

ފަތުރުވެރިންގެ މެދުގައި މަޝްހޫރު ބޯހުރާ ފުއްޓަރު ފަރާތު ރާޅުގަނޑާއި ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑުގައި ރާޅާއަޅަން ޔޮޓެއް ނޯންނަ ދުވަސްވަރެއް މިހާރު ނުދެއެވެ. އެހެންކަމުން މިއީ މުލީގެ އިޤުތިޞާދަށް ފައިދާ ވާނެގޮތަކަށް ތަރަށްޤީކުރެވޭނެ ރަށެއްކަމުގައި މުލިން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑު، ފޮޓޯ: ލިކިއުފައި މޯލްޑިވްސް

މުއްޔާއި ގުޅިފައި އޮތް ބޯހުރާ މުލީ ކައުންސިލުން ތަރަށްޤީކުރާ ރަށަކަށް ހެދުމަށް ހަވާލުކުރެއްވުމަށް، 2013 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުވަޙީދު ޙަސަންމަނިކުގެ އަރިހުގައި މުލީ ކައުންސިލުން ދެންނެވިއެވެ. އަދި 25 އޭޕްރީލް 2013 ގައި ރައީސުލްޖުމްހުރިއްޔާ މުއްޔަށް ވަޑައިގެން ރައްޔިތުނާއި ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން އެދިލެއްވިގޮތަށް ބޯހުރާ މުލީކައުންސިލާ ހަވާލުކުރަށްވާނެކަމަށް ވިދާޅުވިއެވެ.

މުލީގެ އިޤުތިޞާދަށް ނަފާ ހޯދުމަށްޓަކައި ބޯހުރައަކީ މުލީގެ ބައެއްގެ ގޮތުގައި މުލީ ކައުންސިލުން 2016 ވަނަ އަހަރު ކަނޑައެޅިއެވެ. އަދި އެސަރަޙައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައިއި ތަރަށްޤީކުރުމަށްވެސް މުލީ ކައުންސިލުން ނިންމިއެވެ. މިގޮތަށް މުލީގެ ކައުންސިލުން ނިންމާފައިވަނީ، ޓުވަރިޒަމް ޒޯނެއްގެ ގޮތުގައި ތަރަށްޤީކުރެވިއްޖެނަމަ، އެރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދާނެތީއެވެ. އަދި ރަށުތެރޭގައި ދައުރުވާ ފައިސާ އިތުރުވެ، ރަށަށް އިޤްތިޞާދީގޮތުން ކުރިއެރުން ލިބޭނެތީކަމަށް އެދައުރުގެ ކައުންސިލުގެ ރައީސް ވިދާޅުވެފައި ވެއެވެ. އަދި ކައުންސިލުން ރާވާފައި އޮތީ ސިޓީހޮޓާފަދަ ތަންތަން ތަރަށްޤީކުރުމަށް އެސަރަޙައްދު ދޫކުރުމަށެވެ.

ނަމަވެސް ބޯހުރައަކީ ޓުވަރިޒަމް މިނިސްޓްރީގެ ދަފުތަރުގައިވާ ރަށެކެވެ. އަދި 2019 ވަނަ އަހަރު ޓްވަރިޒަމްއަށް ދޫކުރަން ހުށަހެޅި ރަށްތަކުގެ ތެރޭގައިވެސް ބޯހުރާ ހިމެނުނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީއިން ނެރުނު އަހަރީ ރިޕޯޓުގައިވަނީ

"މުލަކައަަތޮޅު މުލީ ކައުންސިލުގެ އެދިލެއްވުމަށް، ފަތުރުވެރިކަން ތަރަށްޤީކުރުމަށް ކަނޑައަޅުއްވާ، މި މިނިސްޓްރީގެ ދަފުތަރުގައިވާ، ބޯހުރާ މ. މުލީގެ އިޙްތިސާސްގެތެރޭގައި ހިމަނައިގެން ތަރަށްޤީކުރުމަށް އިކޮނޮމިކް ކައުންސިލަށް ވަނީ ހުށައެޅިފައެވެ."
ޓްވަރިޒަމްމިނިސްޓްރީގެ 2021 ގެ ރިޕޯޓުގައި ވެއެވެ.

މި ލިބުނު ފޮނި އުންމީދާއެކު މުލީގެ ރައްޔިތުން ތިބީ އަންނަ އަހަރަކީ މުލީގެ އިޤްތިޞާދު ހަރުދަނާވާނެ އަހަރެއް ކަމުގައި ދެކިގެންނެވެ. ސަބަބަކީ އަންނަ އަހަރު މުލީ އެއާޕޯޓު ހުޅުވޭނެކަމަށް ސަރުކާރުން އިއުލާނުކޮށްފައިވުމެވެ. އެހެންކަމުން ފަތުރުވެރިންނަށް ސިދާ ދަތުރުކުރެވޭނެ މަންޒިލަކަށް މުލި ވެގެން ދާނެއެވެ. އަދި ރާޅާއެޅުމަށް ޝަޢުގުވެރިވާ ގިނަ ފަތުރުވެރިން މުއްޔަށް ޒިޔާރަތް ކުރާނެކަމަށް މުލިން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

ނަމަވެސް މުލީގެ އިޤުތިޞާދަށް ފަހިމަގަކަށް ބޯހުރާ ހެދޭނީ އެތަނުން ލިބޭ ފައިދާ ސީދާ މުލީގެ ރައްޔިތުންނަށް ލިބިގެންނެވެ. ނޫންނަމަ، އެރަށާއި ގުޅިފައިވާ ބޯހުރައިން މުލީގެ ރައްޔިތުންނަށް ލިބޭނެ ފައިދާއެއްނެތެވެ. މުލީގެ އިސް ރަށްވެއްސަކު ބުނީ "އެތަނަކުން ފައިދާއެއް ނުވާނަމަ އެރަށް އޮތުމެކޭ ނެތުމެކޭ އެއްފަދައެއް ނޫންހެއްޔެވެ"؟