ޖަރުމަނުވިލާތުގައި މަގުމަތިން ހިނގާފައިދިޔަ މީހުންތަކެއްގެ ގައިގައި ކާރަކުން ޖެއްސުމުގެ ސަބަބުން 2 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިހާދިސާގައި ކާރުން ޖެއްސުމުގެ ސަބަބުން 50 އަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ.

މިހާދިސާ ހިނގާފައިވަނީ ޖަރުމަނުވިލާތުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޓްރިއޭގައެވެ.

ފުލުހުން މިހާރުވަނީ، އާންމުންގެ ގައިގައި ޖެއްސި ކާރު ދުއްވަންއިން ޑްރައިވަރު ހައްޔަރު ކޮށްފައެވެ. އަދި ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކާރު ދުއްވަން އިނީ، ޓްރިއޭ -ސާބާރގް ސަރަހައްދަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ ފިރިހެނެއް ކަމަށް މީޑިއާއިން ބުނެއެވެ.

ފުލުހުން މިހާރުވަނީ މިހާދިސާ ހިނގި ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ. އަދި މިކަމާ ގުޅޭގޮތުން ނުބައި މައުލޫމާތު ނުފެތުރުމަށް އާންމުންގެ ކިބައިންވަނީ އެދިފައެވެ. އަދި ހާދިސާ ހިނގި ސަރަހއްދާ ގާތް ނުވުމަށްވެސް އެދިފައި ވެއެވެ.

އާންމުންގެ ގައިގައި ކާރުން ޖެއްސި ހަދިސާ ހިނގި ސަރަހައްދުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ފޮޓޯތަކުން ފެންނަގޮތުގައި، އެ ސަރަހައްދުގައި އެތައް އިމަޖެންސީ ވެހިކަލް އެބައޮތެވެ.