ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުމުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މިހާރަށްވުރެ އިތުރު ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް މަގު ފަހިވެގެންދާނެކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

ހީނާ އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖެއާ ޗައިނާއާ ދެމެދު 700 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭކަމަށެވެ. އަދި ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ލިބިގެންދާނެ އިތުރު ފައިދާތައް ހިނާ ވިދާޅުވިއެވެ.

އޭގެތެރޭގައި:

  • ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރުން
  • ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރުލިބިގެންދިއުން
  • ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުން
  • އެހެން ބައެއް ހިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުންފަދަ ފައިދާތައް ހިމެނޭނެ ކަމުގައެވެ.

މީގެއިތުރުން މިއާއެކު ދަތުރުފަތުރާއި ވިޔަފާރިފަދަ ކަންކަމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވިއެވެ.