ޗައިނާއާ ވާދައަށް ހައިޕަރސޮނިކް ކްރޫޒް މިސައިލް ތަރައްގީކުރަން އޮސްޓްރޭލިއާއާއި އެމެރިކާއިން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ރޭނޯލްޑްސް ވިދާޅުވީ، މިކަމުގެ ސަބަބުން އޮސްޓްރޭލިއާގެ މަސްލަހަތުތަކަށް ނުރައްކާތައް ކުރިމަތިކުރާ ފަރާތްތަކާ ކުރިމަތިލުމުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުތައް އިތުރުވެ، ގާބިލްކަން ވަރުގަދަވެ އިތުރުވެގެން ދާނެ ކަމަށެވެ.
ޗައިނާގެ އިތުރުން ރަޝިޔާއިންވެސް ގެންދަނީ ހައިޕަރސޮނިކް ކްރޫޒް މިސައިލް ތަރައްގީކުރަމުންނެވެ.
ހައިޕަރސޮނިކް ކްރޫޒް މިސައިލަކީ އަޑަށްވުރެ 5 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިދޭނޭ މިސައިލެކެވެ. މާނައަކީ، އެ މިސައިލް ރާޑަރުން ހޯދައި ވައްޓާލުމަކީ ދަތިކަމަކަށް ވުމެވެ.
އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ވިދާޅުވީ، އެމެރިކާއާއި އޮސްޓްރޭލިއާ ގުޅިގެން މިފަށާ ޕްރޮޖެކްޓަކީ ކަންކަން މުޅިން ބަދަލުވެގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.
މި ޕްރޮޖެކްޓަށް ޚަރަދުކުރާ ފައިސާގެ މިންވަރެއް އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތް ނިމި، މިސައިލްތައް ބޭނުންކުރަން ފެށޭނެ ދުވަހަކާމެދުވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް ވިދާޅުވީ، އޮސްޓްރޭލިއާއާ ދެކޮޅަށް ހިންގޭ ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރުމަށް ހިންގާ މި ޕްރޮޖެކްޓްގެ ސަބަބުން ސަރަހައްދަށާއި، އޮސްޓްރޭލިއާގެ ބައިވެރިންނަށާއި، ސަލާމަތީ ކަންކަމުގެ ޕާޓްނަރުންވެސް މަންފާކުރާނޭ ކަމަށެވެ.
އޮސްޓްރޭލިއާއިން އަބަދުވެސް ބޭނުންވަނީ، އިންޑޯ-ޕެސިފިކް ސަރަހައްދަކީ ސުލްހައާއި ހަމަޖެހުން ގާއިމްވެފައިވާ ފާގަތި ސަރަހައްދެއްގެގޮތުގައި އޮތުން ކަމަށް އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ހައި ސްޕީޑް ދުރުރާސްތާ މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމްކުރުމަށް އޮސްޓްރޭލިއާއިން މިއަހަރުވަނީ، 9.3 ބިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ (6.8 ބިލިއަން އެމެރިކާ ޑޮލަރު) ބަޖެޓެއް ކަނޑައަޅާފައެވެ. މި ބަޖެޓުގެ ތެރޭގައި ހައިޕަރސޮނިކް ރިސާޗްވެސް ހިމެނެއެވެ.
ޕެސިފިކުން އިންޑޯ-ޕެސިފިކަށް އޮސްޓްރޭލިއާގެ އަސްކަރިއްޔާ ފުޅާކޮށްފައިވާއިރު، އެގައުމުން މިއަހަރުގެ ޖުލައިމަހު ބުނެފައިވަނީ، އެގައުމުގެ އަސްކަރިއްޔާއަށް ކުރަ ހޭދަ ކުރިއަށްއޮތް 10 އަހަރު 40 އިންސައްތަ އިތުރުކުރާނޭ ކަމަށެވެ.
އެކަމަކު، ހައިޕަރސޮނިކް ކްރޫޒް މިސައިލް ތަރައްގީކުރަން އޮސްޓްރޭލިއާއިން އެމެރިކާއިން ޕްރޮޖެކްޓެއް ހިންގުމަކީ ޗައިނާއާއި އޮސްޓްރޭލިއާގެ މަސްރަހު އިތުރަށް ނުތަނަވަސްވާނޭ ކަމެއް ކަމަށް ވެއެވެ.
ދިފާއީ ތަޖުރިބާކާރުން ވިދާޅުވަނީ، ޗައިނާއިން ހައިޕަރސޮނިކް މިސައިލް މިހާރު ތަރައްގީކޮށްފައި ނުވަތަ ތަރައްގީކޮށް ނިމުމަކާ ގާތްކޮށްފައިވާނޭ ކަމަށެވެ. ޗައިނާއިން ތަރައްގީކުރާ މިސައިލްއަކީ ނިއުކްލިއަރ ބޯ އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެއް ކަމަށްވެސް ބުނެއެވެ.