އެމެރިކާގެ މޯރގްތައް ފުރިގެން ހާލަތު ގޯސްވެފައިވާ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި 2500 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ. އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އަވަސް ގޮތަކަށް ކޮވިޑް ވެކްސިން އާންމުކޮށްލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެމެރިކާގެ ވެކްސިންއާ ހަވާލުވެ ހުންނެވި ޓްރަމްޕްގެ އެޑްވައިޒަރ މުންސިފް ސަލާވީ ވިދާޅުވާ ގޮތުގައި ވެކްސިންއަށް ސަރުކާރުން ހުއްދަ ކުރުމާއެކު 24 ގަޑި އިރުތެރޭގައި އަދި އެންމެ ގިނަވެގެން 36 ގަޑިއާއި 48 ގަޑި އިރު ތެރޭގައި މީހުންނާ ހަމައަށް ވެކްސިން ފޯރާނެ އެވެ.

މުންސިފް ސަލާވީ އަކީ، ގްލެކްސޯ ސްމިތް ކްލައިމްގެ އެގްޒެކްޓިވް އެކެވެ. ވެކްސިންގެ ކަންތައްތަކުގައި އޭނާއަކީ ޓްރަމްޕްގެ މުޝީރެވެ.

ލަފާ ކުރެވޭ ގޮތުގައި އެމެރިކާގެ ވިހި މިލިއަން މީހުންނަށް 2020 ނިމޭހާ ހިސާބުގައި ކޮވިޑްގެ ފަރުވާ ދެވޭނެ އެވެ. އަދި 2021ގެ މެދުތެރެއާ ހަމައަށް އެމެރިކާގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވާނީ ފޯރާފައި ކަމަށްވެސް މަސްއޫލު ފަރާތްތަކުން ވިދާޅުވެއެވެ.

ޖޯން ހޯޕްކިންސް ޔުނިވަރސިޓީން ބުނަނީ މިދިޔަ 24 ގަޑި އިރުތެރޭގައި 2500 މީހުން ވަނީ މަރުވެފައެވެ. މިދިޔަ އެޕްރީލް މަހު އެންމެ ގިނަ މީހުން އެއްދުވަހަކު މަރުވެފައި ވަނީ 2562 މީހުންނެވެ. ކޮވިޑް ޓްރެކިންގ ޕްރޮޖެކްޓް ބުނާ ގޮތުން 99 ހާސް މީހުން ވަނީ މިހާރުވެސް ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކޮށްފައެވެ.

ވޮޝިންގޓަން ޔުނިވަރސިޓީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެވަރެޖްކޮށް އެމެރިކާގައި ކޮންމެ މިނެޓަކުން މީހަކު މަރުވަމުންދާކަމަށް އަންދާސާ ކުރެވެއެވެ.