ސެޕްޓެންބަރުމަހު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލުން، ބަންޑުންޖަހާލައިގެން އަޑިއަށް ދިޔަ ބޯޓުން ގެއްލިގެން ހޯދާމީހާ ފެނިއްޖެކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.

ޖުމުލަ 7 މީޖުނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވުނު މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފްގެ "ހަކުރާ" ލޯންޗަށް އެމީހާ ފެނިފައިވަނީ އިއްޔެ 17:25ގައި ކަމަށްވެސް އެންމއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އެބޯޓުގައިތިބި 7 ފަޅުވެރީންގެ ތެރެއިން 6 ފަޅުވެރިން މިހާރު މާލެގެނެސްފިއެވެ. އެ ހަ ފަޅުވެރީން މާލެ ގެނެސްދިނީ އެ ބޯޓު އަޑިއަށްދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ، "އެމްވީ ބަރުދަވާޖް" ކިޔާ ބޯޓުގައި ރޭ 23:45ގައި ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ. އެ އެންމެންނަކީވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

އަދި އެމީހުނާގުޅުންހުރި ކަންކަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ހަމަޖައްސަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.