ރާއްޖޭގައި މިހާރު ވައްކަންކުރުން މިވަނީ ހައްދުން ނައްޓާފައެވެ. އަމިއްލަ ދަރީން މައިންބަފައިންގެ އެތިކޮޅު ވަގަންނަގަނީއެވެ. އެއްބަނޑު އެއްބަފާ ކުދިން އެމީހުންގެ އާއިލާގެ އެހެން މެންބަރުންގެ ތަކެތި ވަގަށް ނަގަނީއެވެ. ފިހާރަތަކާއި އޮފީސް، ކެފޭ، ރެސްޓޯރެންޓް ތައްވެސް ލޫޓުވަނީއެވެ.

މުސްކުޅި މައިންބަފައިން އުމުރު ދުވަހު މަސައްކަތްކޮށްގެން ހޯދާފައިވާ ހަރު މުދާކޮޅު ދަރިން ވަގަން ނަގައިގެން ވިއްކާ ވާހަކަ އަޑު އިވުމުން މިއަދު ޤައު އޮތް ހާލަތާ މެދު ވިސްނައި ލޮލުން ކަރުނަ އޮހެއެވެ. ހަމަ އެކަނި މުދަލެއްނޫނެވެ. އެ މައިންބައިންނަށް ސަރުކާރުން ދެއްވާ ފައިސާކޮޅުވެސް އަތުލަނީއެވެ. މިއީ 9 މަސްވަންދެން މައިމީހާގެ ބަނޑުގައި ބާއްވާ އަދި ވިހެއުމުން އެ މައިންބަފައިންގެ ހުރިހާ މަސައްކަތަކާއި ވަގުތެއް ހޭދަކުރި ދަރިންގެ ފަރާތުން އެ މައިންބަފައިންނަށް ދޭ އަނިޔާއވެ. މުސްކުޅިވި ދުވަހު އެމައިންބަފައިން ބަލަންތިބި ދަރީންގެ ފަރާތުން މައިންބަފައިންނަށް ދޭ ވޭނާއި ތުރާލެވެ.

ހަމައެކަނި އާއިލާއަކުންނޫނެވެ. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ އިތުރަށް ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުންވެސް ވައްކަންކުރަނީއެވެ. މީހުން ދިރިއުޅުމަށް ކުރާ މަސައްކަތްތައް އެއްވެސް ޖެހިލުމެއް، ޚިޔާލެއް، ފިކުރެއްނެތި ވަގަންނަގައިގެން ގެންދާމީހުންގެ ކިބައިން އެކަން ހުއްޓުވޭތަނެއް ނުފެނެއެވެ. އެއްދުވަހުން އަނެއްދުވަހަށް ވައްކަތައްދަނީ ގިނަވަމުންނެވެ.

ފިހާރަތަކުން ވިޔަފާރި ކުރާކަމަށް ހެދިގެންވެސް އެއްޗިހި ވަގަށް ނަގަނީއެވެ. އެންމެންގެ ލޯމަތީގައެވެ. ސީސީޓީވީ ކެމެރާތަކުން މަންޒަރު ފެންނަން ހުއްޓައެވެ. އެ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވުމަކުން ވާ ހަމަ އެއްކަމެއްނެތެވެ. އެފަދަމީހުންގެ ވައްކަންކުރުންދަނީ އިތުރުވަމުންނެވެ.

ވައްކަން ކުރުމުގެ މި ޖަރީމާތައް ހިންގަނީ މާލެ ސަރަޙައްދުގައި އެކަޏެއްނޫނެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަން އޮތީ ހަމަ މި ބީދައިންނެވެ. އާންމު ރައްޔިތުންވެސް އެބައިމީހުންގެ ގޭގެ 4 ފަރާތް ފެންނަ ގޮތަށް އަގުބޮޑު ސީސީކެމެރާތައް ހަރުކޮށްފައި ހުއްޓާވެސް ވައްކަންކުރާމީހާ އައިސް ގޭ ފޭރުގަހުގައި ހުރި ފޭރުކޮޅު ބިނދެލައިގެން ދަނީއެވެ. ދަރިފުޅު ކުޅެން ގެންގުޅުނު އައިޕެޑް ނުވަތަ މަންމްގެ ފޯނު ވަގަށް ނަގައިގެން ގެންދަނީއެވެ.

މި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވައްކަން ކުރާމީހުން ދުވަހެއްދުވަހަކަށް ދަނީ ގިނަވަމުންނެވެ. އަދި އެމީހުންގެ ޖެހިލުންކުޑަކަންވެސް ދަނީ އިތުރުވަމުންނެވެ. އާންމުރައްޔިތުން ކަންބޮޑުވެ، އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބޭހާލަތަށް ގައުމުގައި މިކަންތައް ކުރިއަރައިފިއެވެ. ކިތަންމެ ބޮޑު ތަޅެއްލާފައި ހުއްޓަސް ދޮރުތަކާއި އލަމާރިތައް ހުޅުވާކަށް ވަގުންނަކަށް އުނދަގުލެއްނޫނެވެ.

ކަމާބެހޭ ފަރާތްތަކުގެ ކިބައިން ރައްޔިތުން އެދި ގޮވަނީ ބުރަމަސައްކަތާއި ދާ، އޮހޮރުވައިގެން ހޯދާ މުދަލާއި ފައިސާ ސަލާމަތް ވާނެ މަގު ފަހިކޮށްދެއްވުމަށެވެ. ގައުމުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގެއް ފަހިކޮށްދެއްވުމަށެވެ. ރައްކާތެރި ތަނަކަށް މި ޤައުމު ހަދައިދިނުމަށެވެ.