ސީނިޔާ މުސްޠަފާ (ސީނި) އަކީ ތަޢުލީމީ ދާއިރާއަށް އާ ނަމެއް ނޫނެވެ. އެންމެ ޒުވާން އުމުރުގައި ތަޢުލީމީ ދާއިރާގައި ފައިތިލަ ސާބިތު ކުރެއްވި ސީނި އަކީ އެތައް ދަރިވަރުންތަކެއް ތަރުބިއްޔަތުކުރެއްވި އެދުރެކެވެ. އެތައް ސްކޫލަކަށް ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ. ތަފާތު ރޮނގުރޮނގުން ދަރިވަރުންނަށް ހުނަރާއި ޢިލްމު ހޯދައިދެއްވީ ޤާބިލު މުދައްރިސެކެވެ.

އަމީނިއްޔާ ސްކޫލުން އޯލެވެލް ހެއްދެވުމަށްފަހު ސީނި ބޭނުންވެ ލެއްވީ ދިވެހި މުދައްރިސަކަށްވުމަށެވެ. ހިތުގައި ދިވެހިބަހަށް އޮތް ލޯބެއްގެ ބޮޑުކަމުންނެވެ. ސްކޫލް ދައުރުގައިވެސް ދިވެހިބަހަށް މޮޅު ދަރިވަރަކަށް ވެލެއްވުމުންނެވެ. ވާހަކަދެއްކުންތެރިކަމާއި ބަހުގެ ތަފާތު ހުނަރަރު ލިބިލައްވާފައިވުމުން ސްކޫލް ދައުރުގައިވެސް ސީނި ވިދާލާފައިވެނީ ދިވެހި ބަހަށް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. އެހެން ކަމުން ދިވެހި މުދައްރިސް ކަމުގެ ސަނަދު ހާސިލްކުރައްވައި އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

ސީނި، ކިޔަވައިދެއްވުމުގައި

ކިޔަވައިދެއްވުމުގައި ދުވަސްތައް ހޭދަކުރައްވަން ފެއްޓެވުމުން ސީނިއަށް ފާހަގަކުރެއްވުނީ ފިޝަރީޒް ސައިންސް ކިޔަވައިދެއްވާ ދިވެހިނަސްލުގެ މަދައްރިސުން މަދުކަމެވެ. އެހެންކަމުން ދިވެހި ދަރިވަރުންނަށް އެވަގުތު އެންމެ ބޭނުންވެފައިވާ ދާއިރާކަމަށްވާ ފިޝަރީޒް ސައިންސްއިން ޓީޗިން ޑިޕޮލަމާ ހާޞިލް ކުރެއްވިއެވެ. އެއަށްފަހު ފިޝަރީޒް ސައިންސް ކިޔަވައިދެއްވުމަށް އޭނާގެ ވަގުތުތައް ހުސްކުރެއްވިއެވެ.

އެއަށްފަހު އަނެއްކާވެސް ތަޢުލީމީ އާހަރުފަތެއް ގިރާކުރެއްވުމަށްޓަކައި ޤައުމީ ޔުނިވާރސިޓީ އިން މެރިން ބައިލޮޖީ ޓީޗިން ޑިގްރީ ހާސިލްކުރެއްވިއެވެ. އަދިވެސް ސީނި ކެޔެވުން ދޫކޮށް ނުލައްވައެވެ. ވަޒީފާގައި ހުންނަވައިގެން މިހާރު އެ ގެންދަވަނީ އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމެންޓް އިން މާސްޓަރ ޑިގްރީއހާސިލްކުރެއްވުމަށް ތައްޔާރުވަމުންނެވެ.. "މިހާރު މިދަނީ މާސްޓަރސް އަށް ކިޔަވަމުން. ﷲގެ ރަޙުމަތުން ތީސީސް ފިޔަވައި އެހެން ހުރިހާ މަސައްކަތެއްވަނީ ނިމިފައި." ސީނި ބުނުއްވިއެވެ.

ހިރިޔާ ސްކޫލްގެ ލީޑިންޓީޗަރަކަށް މަސައްކަތްކުރަށްވާ ސީނިއަކީ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް އަދާކުރެއްވުމުގައި ނަމޫނާ މުދައްރިސެކެވެ. އެކީގައި ވަޒީފާ އަދާކުރަށްވާ އެހެން މުވައްޒަފުންނާއި ގާތް ގުޅުމެއް ބާއްވަވާ ސީނިއަކީ ސްކޫލުން ހަވާލުކުރަށްވާ މަސައްކަތް ފަރުވާތެރިކަމާެކު އެންމެ ފުރިހަމައަށް ނިންމެވުމަށް މަސައްކަތްކުރަށްވާ ހީވާގި މުވައްޒަފެކެވެ.

ސީނި، ކިޔަވައިދެއްވުމުގައި

ސީނި ކުރައްވާ މަސައްކަތަކީ ހަމަ އެކަނި ކިޔަވައިދެއްވުމާއި އޮބްޒާވް ކުރެއްވުމެއްނޫނެވެ. ދަރިވަރުންދެކެ ނުހަނު ލޯބިވެލައްވާ ސީނި ސްކޫލްގެ ކްލަބެއްވެސް ހިންގަވައެވެ. ވޭތުވެދިޔަ 3 އަހަރު ހިރިޔާސްކޫލްގެ މަދަހަ ޕޫލް ހިންގެވީ ސީނިއެވެ. އެ ސްކޫލްގެ "ހަމް ކްލަބް" އުފެދުނީއްސުރެ އެ ކްލަބް ބަލަހައްޓަވަނީ ސީނިއެވެ. މީގެ އިތުރަށް ސީނިއަކީ ލައިފްސިކިލް ފެސިލިޓޭޓަރ އެކެވެ. އަޕްޝިފްޓްގެ މާސްޓަރ ޓްރޭނަރ އެކެވެ. ބެޑްމިންޓަން އަދި ހޭންޑްބޯލްގެ އަމްޕަރެއްވެސް މެއެވެ.

ތަޢުލީމީ ދާއިރާގައި ގާތްގަޑަކަށް 26 އަހަރު ހޭދަކުރެއްވި ސީނި ބުނުއްވަނީ މުދައްރިސުންގެ ވަޒީފާ އަކީ ބުރަ ކަމެއްކަމުގައެވެ. މަސައްކަތުގައި ހޭދަކުރަންޖެހޭވަގުތު އާދަޔާޚިލާފަށް ގިނަކަމަށެވެ. އަދި ހަމަ އެހެންމެ މުދައްރިސުން ކުރައްވާ މަސައްކަތް ބަލައިގަންނަ މީހުން މިހާރު މަދުކަމަށެވެ. އެހެންނަމަވެސް ދާއިރާގައި ދެމިހުރެވެނީ ކުރާހިތްވެލައްވާ ކަމަކަށް ވާތީކަމަށެވެ. އަދި ދަރިވަރުންގެ ޙަޔާތަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ލިބިލައްވާ އުފަލަކަށްވާތީކަމަށެވެ.

ސީނި، ސްކޫލްގެ މަސައްކަތުގައި

އަމިއްލަ 4 ދަރިން ތަރުބިއްޔަތު ކުރައްވާ މަޔަކަށް އިތުރު އެތައް ދަރިވަރުންތަކަކަކަށް ތަޢުލީމް ދެއްވައި ތަރުބިއްޔަތު ކުރައްވައި، ޢިލްމާއި ހުނަރު ދަސްކޮށްދެއްވައި ޤާބިލު ދަރިންތަކަކަށް ހެއްދެވޭނީ ހިތްވަރުގަދަ ސީނި ކަހަލަ ކެރިލައްވާ ކަނބަލުންނަށެވެ. އަދި ތިޔަފަދަ ބުރަ ވާޒީފާއެއް އަދާކުރައްވަމުން ކިޔެވުމުގައި ކުރިއަށް ދެވޭނީ ވަރަށް މުރާލި، ކެރޭ، ހީވާގި ކަނބަލުންނަށްކަން ކަށަވަރެވެ.

ސީނި ތިޔަ ކުރަށްވަނީ ޤައުމީ މަސައްކަތެކެވެ. ޤައުމު ބިނާކުރެއްވުމުގެ މާތް މަސައްކަތެވެ. މި ޒަމާނުގައި ތިޔަފަދަ މަސައްކަތެއް ކުރެވޭނީ ސީނި ފަދަ ހިތްވަރުގަދަ ޢަޒުމް ވަރުގަދަ ކަނބަލުންނަށެވެ.

ސީނި ފާހަގަ ކޮށްލެވެނީ އަމިއްލަ ކުރިއެރުމަށާއި ދަރިވަރުންގެ މުސްތަޤުބަލަށް އުޖާލާ ކުރިމަގެއް ހޯއްދެވުމަށް ގަދަ އަޅުއްވައި ހޭހަންކުރަށްވާ މުދައްރިސެއްގެ ގޮތުގައެވެ. މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަމެވެ. ސީނިއަށް އަދަށްވުރެ ފަހި މާދަމާ އަކަށް އެދެމެވެ. ތަޢުލީމީ އުސްމިންތައް ގިރާކުރެއްވުމުގައި ތިޔަކުރަށްވާ މަސައްކަތުގައި މާﷲ ކާމިޔާބު ދެއްވާށިއެވެ.