ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ އެންމެނަށް އަންނަ ހަފްތާއިން ފެށިގެން ވެކްސިންދޭން ފަށަން، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.
އެހެން ނަމަވެސް ޕޫޓިން ވިދާޅުވީ، އެންމެ ފުރަތަމަ ވެކްސިން ދޭނީ ޓީޗަރުންނާއި، ސިއްހީ ޚިދުމަތްތެރިންނަށް ކަމަށެވެ.
ރަޝިޔާގެ ބޮޑުވަޒީރުގެ ނާއިބް ޓަޓްޔާނާ ގޯލިކޯވާއާ ވާހަކަފުޅު ދައްކަވަމުން، ރަޝިޔާގެ ރައީސް ޕޫޓިންވަނީ، އެންމެ ލަސްވެގެން އަންނަ ހަފްތާއިން ފެށިގެން އާންމުންނަށް ވެކްސިން ދޭންފަށަން އަންގަވާފައެވެ.
ޕޫޓިން ވިދާޅުވީ، ކުރިއަށްއޮތް ދެތިންދުވަހެއްގެ ތެރޭގައި ދެމިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ތައްޔާރު ކުރެވޭނެ ކަމަށެވެ.
ރަޝިޔާގެ ގަމާލިއާ ރިސާޗް އިންސްޓިޓިއުޓުން ތަރައްގީކޮށްފައިވާ ސްޕުޓްނިކް5 ވެކްސިން، ކޮވިޑްބަލިން އިންސާނުން ސަލާމަތްކޮށްދިނުމަށް %92 އިފެކްޓިވްކަމަށް އެގައުމުން ހާމަކޮށްފައިވަނީ މިނިމުނު ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރަޝިޔާގެ ރައީސްގެ ގަނޑުވަރުން ވަނީ، އެގައުމުން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ލިބޭނީ ރަޝިޔާ ރައްޔިތުންނަށް ކަމުގެ ކަށަވަރުކަން ދީފައެވެ.
ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ އެންމެނަށް އަންނަ ހަފްތާއިން ފެށިގެން ވެކްސިން ދޭން ފަށަން ރަޝިޔާގެ ރައީސް އެންގެވުއިރު، ބޭރު ގައުމުތަކަށް ވެކްސިން ސަޕްލައިކުރުމަށް ގައުމުތަކާއެކު ޑީލްތައް ހެދުންވެސް ރަޝިޔާ ސަރުކާރުން ކުރިއަށް އެބަގެންދެއެވެ.
ރަޝިޔާ ސަރުކާރުން ފޯރުކޮށްދީގެން މޮސްކޯގެ ހޮސްޕިޓަލަކުން މިދިޔަ ހަފްތާއިން ފެށިގެންވަނީ، އިމަޖެންސީ ހާލަތުގައި މީހުންނަށް ވެކްސިން ދޭން ފަށާފައެވެ.
ރަޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ މިޚާއިލް މުރަޝްކޯ ވިދާޅުވީ، މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.
އެމެރިކާ، އިންޑިއާ، ބްރެޒިލް ފިޔަވައި، ރަޝިޔާއަކީ ދުނިޔޭގައި ހަތަރު ވަނައަށް ކޮވިޑްބަލީގެ ހާލަތު އެންމެގޯސް ގައުމެވެ.
އެގައުމުން ބުދަ ދުވަހުގެ ނިޔަލަށް 2،347،401 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި 41،053 މީހުން ބަލީގައި މަރުވެފައި ވެއެވެ.