މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެގެ ނިޔަލަށް 35 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް "ހަކުރާ" އިން ކަނޑުގެ ފަށަލަ ބަލަމުންދެއެވެ. އޭގެ އިތުރުން އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވައިގެ މަގުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލިގެން ހޯދަމުން ދަނީ، ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖެވެ. އުމުރުން 28 އަހަރުގެ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.