އެމެރިކާ ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ޖޯރޖިޔާގައި ސިޔާސީ އެއް ވުމެއް ބާއްވާފައެވެ. ވޮޝިންޓަން ޓައިމްސްގައި އަހްލީ ހަނގުރާމައަށް ގޮވާލައި، އެމީހުންގެ ފަރާތުން އިޢްލާނެއްވެސް ޖަހާފައެވެ.

އެޓްލާންޓާގައި ނޫސްކޮންފަރެންސެއް ކަމަށް ބުނެ، މިމީހުން ބޭއްވި ބައްދަލުވުމަކީ ދިދައާއި ތޮފިތަކާއެކު މާސްކު އަޅައިގެން ރައްކާތެރި ކަމެއް ނެތި ބާއްވާފައިވާ އެއްވުމެކެވެ.

މި އެއްވުން އިންތިޒާމު ކުރި މީހުން އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހު އެޓްލާންޓާގެ ސަރުކާރު ހިންގާ މައި އިމާރާތަށް އެއްވެ ހަޅުތާލު ކުރާނެ ކަމަށެވެ. ގަވަރުނަރާއި ސެކެޓްރީ އޮފް ސްޓޭޓް ހަވަރަށް ދޭންވެސް ވަނީ ގޮވާލާފައެވެ.

ރިޕަބްލިކަން ޕާޓީގެ ގަވަރުނަރާއި ސެކެޓްރީ އޮފް ސްޓޭޓްގެ ކުށަކީ މިމީހުން އެދޭ ގޮތަށް އިންތިޚާބަކީ މަކަރު ހަދާފައިވާ އިންތިޚާބެއް ކަމަށް އެދެބޭފުޅުން ވިދާޅު ނުވުމެވެ. އަދި މިމީހުން ދަނީ އިންތިޚާބު ސައްހަ ކަމަށް ސިއްކަ ޖެހިޔަ ނުދޭނެކަމަށްވެސް އިންޒާރު ދެމުންނެވެ.

އަހްލީ ހަނގުރާމައަށް ގޮވާލާ އިޢްލާން

ވޮޝިންޓަން ޓައިމްސްގައި މިމީހުން ޖަހާފައިވާ އެއް ސޮފްހާގެ އިޢްލާނުގައި ޓްރަމްޕަށް ބާރުއަޅާފައިވަނީ، ގާނޫނުއަސާސީގެ ބާރުކަނޑުވާލައި، ސިފައިންގެ ވެރިކަން އިޢްލާން ކޮށް، ސިފައިން ލައްވައި ވޯޓު ގުނުވުމަށެވެ. އަދި ގުނާއިރު ކަރުދާހުގައި ފާހަގަ ޖަހައިގެން ލާފައިވާ ވޯޓްތައް އެކަނި ގުނުމަށެވެ.

މި އެއްވުމުގައި ވާހަކަ ދައްކާފައިވާ މީހުންނަކީ ޓްރަމްޕްގެ ކެމްޕޭންގައި އުޅުނު ހައްދު ފަހަނައަޅާފައިވާ ކަނާތުފިޔައިގެ ހުދު މީހުންގެ އިސް ލީޑަރުންނެވެ.

މި އިޢްލާންގައި މި ބައި މީހުން ބޭނުންކޮށްފައިވާ އިބާރާތްތަކަކީ، އެމެރިކާގެ އަހުލީ ހަނގުރާމަ ފެށިއިރު، އަބްރަހަމް ލިންކަން އެޅުއްވި ފިޔަވަޅުތައް ސިފަކޮށްދޭ އިބާރާތްތަކެވެ. މި މީހުން ދެކޭ ގޮތުގައި ސޯޝަލިސްޓުންނާއި ކޮމިއުނިސްޓުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން އެމެރިކާއަށް މިއަދު ކުރިމަތިވާ ގޮން ޖެހުންތަކަކީ އެމެރިކާގެ ތާރީޚްގައި މީގެ ކުރިން ދިމާވެފައިވާ ގޮންޖެހުންތަކަކަށް ވުރެން ބޮޑެތި ގޮން ޖެހުންތަކެކެވެ. އެހެންވެ، އެމެރިކާ ސަލާމަތް ކުރުމަށް ޓްރަމްޕް މިފަދަ ފިޔަވަޅުތައް އަޅަން ޖެހޭކަމަށް މިމީހުން ދެކެއެވެ.