ޏ.ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ފެން ބޮޑުވެގެން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިރޭ އެމްއެންޑީއެފް އިން ބުނީ ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޏ.ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިކަމަށެވެ.

ފުވައްމުލަކު މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދުތަކަށް ގޮސް، މިއަދުގެ ހެނދުނު 09:55 ހާއިރުން ފެށިގެން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންކަމުގައި އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.