މާލެއިން ފުރައިގެން ބޮޑު ލޯންޗެއްގައި ގާތްގަޑަކަށް އެއްގަޑި ސާޅިސް މިނެޓެއްހާ އިރުން ކެޔޮދުއަށް ދެވުނެވެ. ލޯންޗުން އެ ރަށަށް ފޭބުމުން "ސިޓީ" އަކުން ބޭރު ވެވިއްޖެކަން އިހުސާސް ކުރެވުނެވެ. ދިވެހިރާއްޖޭގެ ޖަޒީރާ ރަށެއްގައި ފައި ބީއްސާލެވުނުކަން އިހުސާސް ކުރެވުނެވެ.
ވ. އަތޮޅަށް ދަތުރުކުރީ ކަނޑުމަޑު ދުވަހެއްކަމުން ފުލިދޫ ކަނޑުގައި ދުއްވިކަން އިހުސާސްވެސް ނުކުރެވުނެވެ. "ޕިރާޑް ދިލާލް" ބުނެފައި ވާކަހަލަ ބޮޑެތި ރާޅުނެތް، ކަނޑުވެސް އުތުރިނާރާ ދުވަހަކަށް ވީތީއެވެ.
ލޯންޗުން ފޭބި ވަގުތު ބަނދަރު މަތީގައި މާގިނަ މީހުނެއް ނެތެވެ. ހިނގާލާފައި ގެސްޓް ހައުސްއާހަމައަށް ދެވުނު އިރުވެސް މީހުންތަކެއް ނުފެނެއެވެ. އެހެންނަމަވެސް ފެނުނު މަދު ބައެއްގެ މޫނު މަތިންވެސް ފެނުނީ ހިނިތުންވުމެވެ. އެ ހިނިތުން ވުމުން، ރަށަށް އެރީތީ މަރުޙަބާއޭ ބުނާކަހަލަ އެވެ. އެ ހިނދުކޮޅުންވެސް ވ. އަތޮޅު ކެޔޮދޫ މީހުންނަކީ ހިތްހެޔޮ ބައެއްކަން ހާމަވިއެވެ.
ކެޔޮދުއަށް ދިޔަ ދުވަހު، މެންދުރުގެ ކެއުން އޮތީ އަތިރިމަތީގަ އެވެ. ހިތްގައިމު ހުދު ދޮންވެލިގަނޑެއް ލިބިފައިވާ އެ އަތިރިމަތީގައި ފެހިކުލައިގެ ބޮޑެތި ގަސްތައް ހެދިފައި ވެއެވެ. ގަސްތަކުގައި އެލުވާފައިވާ ޖޯލިތައް ގިނައެވެ. އެ ގަސްތަކުން ހިޔާ ލިބޭ ހިސާބުގައިވެސް ޖޯލިފަތިތައް ހުއްޓެވެ. މޭޒުތަކާއި ހިޔާކޮށްފައިހުރި ކުޑަތައްވެސް މެއެވެ. އެ އަތިރިމައްޗާއި ކައިރީގައި ގެސްޓް ހައުސްތައްވެސް ގިނައެވެ. އެހެންނަމަވެސް ފަތުރުވެރިން ނުކުމެ އުޅޭތަނެއް ނުފެނެއެވެ. ރަޙުމަތްތެރިއެއް ގާތު އަހާލިމެވެ. މިތަންތާ އުޅޭ "ފަޤީރު ކުދިން" މިތަނަށް ނާދޭހެއްޔެވެ؟ އޭނާ ހީލާފައި ޖަވާބު ދިނެވެ. ނޫނެކެވެ. ނުކުމެއުޅޭނެއެވެ. އެހެންނަމަވެސް އެހާ ގިނައަކުން ނުފެންނާނެއެވެ.
އަހަރެމެން ކައި ނުނިމެނީސް އެތަނުން ގެސްޓް ހައުސްއަކުން ފަތުރުވެރިއަކު ނުކުމެ، އެނާ އުޅޭ ގެސްޓް ހައުސްއާ ކައިރީގައި ހުރި ޖޯއްޔެއްގައި އިށީނެވެ. އެއީ ރިސޯޓް ތަކުން ފެންނަ ކަހަލަ "ފޮތިކޮޅަކުން ލަނގޮޓި މަރާފައި" ހުރި މީހެއްނޫނެވެ. ލަދުވެތި ގުނަވަންތައް ވަނީ ނިވާކޮށްފަ އެވެ. އެހެންކަމުން ކުޑަކުދިން ގޮވައިގެންވެސް އެތާ ތިބެން ޖެހިލުމެއް ނުވިއެވެ. އެ އަތިރިމަތީ ތިބިއިރު އެންމެ އުފާވީ ކަނޑުން ކޯމަސް ފުމޭ މަންޒަރު ފެނުމުންނެވެ. ގިނަ އަދެދެއްގެ ކޯމަސް ރަށާ ވަރަށް ކައިރިން ފުމޭތަން ފެނުނެވެ.
ކެޔޮދޫ ބަލައިލުމަށް ރަށުތެރޭގައި ހިނގާލުމުން ފާހަގަކުރެވުނީ އެރަށުގެ މަގުތަކުގެ ރީތިކަމެވެ. ސާފުކަމެވެ. މަގުތަކުގެ ދެފަރާތުގައި އިންދާފައިވާ ގަސްތަކުން ހާމަކޮށްދެނީ ރަށު ރައްޔިތުން ރަށް ފެހިކުރުމަށް ކުރާ މަސައްކަތެވެ. ކޮންކްރީޓް ޢިމާރާތްތަކާއި ފާރުތަކުން ރަށް ފުރުނަނުދިނުމަށް މަސައްކަތްކުރާކަމެވެ. އެއާއެކު ކެޔޮދޫ ފާހަގަކުރެވުނީ ޕްލާސްޓިކް މަދުކުރަށް ވަރަށްބޮޑަށް ބާރު އަޅާ ރަށެއްގެ ގޮތުގައެވެ. ގޮނޑުދޮށުން ނޫނީ ހޭޅިފަށުންވިޔަސް ޕްލާސްޓިކް ކޮތަޅެއް، ފުޅިއެއް ނުދެކެމެވެ. ފިހާރަތަކުން އެއްޗިހި ގަންނަންދަނީ ގެއިން ފޮތި ކޮތަޅު ހިފައިގެންނެވެ. އެހެންކަމުން މިއީ ތިމާވެށި ހިމާޔަތްކުރަން ގަދައަޅާ މަސައްކަތްކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ސާބިތުވިއެވެ.
ކެޔޮދޫގައި އުޅުނު އިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ އަމާންކަމާއި ސުލަހަވެރިކަމެވެ. ރާއްޖޭގެ ގިނަ ރަށްތަކުން މިހާރު ނުފެންނަ މިނިވަންކަމެވެ. އަތިރިމަތީގައި ކިތަންމެ އިރަކު އޮށޭވެ ނޫނީ އިށީނދެ އިނަސް އުނދަގޫކުރާނެ މީހަކު ނާދެއެވެ. ބަނދަރުގައި ހުންނަ ތަކެތިވެސް ކިތަންމެ ދުވަހެއްވިޔަސް އޭގެ ވެރިފަރާތުން ގެންދަންދެން ހުރެއެވެ. ހަމަ އެހެންމެ ގޭގެ ދޮރުތައް ހުޅުވާފައި ހުއްޓަސް ވައްކަންކޮށް އަގުބޮޑު ތަކެތި ނަގާ ބަޔަކު ނޫޅެއެވެ. މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް ސިރާޖަށް ދެންނެވުމުން ބުނުއްވީ ވައްކަންކުރުން ރަށުގައި ނޯންކަމަށެވެ. ދެން ދެންނެވުނީ މަސްތުވާތަކެތި ބޭނުންކުރާމީހުން ނޫޅެނީ ތޯއެވެ؟ ސިރާޖުބުނުއްވީ އެމީހުންވެސް ނޫޅެއެކޭ ނުބުނެވޭނެކަމަށެވެ. ނަމަވެސް ކެޔޮދޫގައި މަސްތުވާތަކެތި ބޭނުންކުރާމީހުން ވަރަށް މަދުކަމަށެވެ.
ކެޔޮދުއަށް ދިޔަ މި ދަތުރުގައި އެންމެ ރީތި ތަނަކަށް ދެވުނީ އެރަށުމީހުން ކިޔާގޮތުން އަސްލު ބްރޭކް (ޝިޕްރެކް) އެވެ. އެތަނުގައި އުޅޭ ރީތި މަސްތަކާއި އެކި ކުލަކުލައިގެ މުރަކަތައް ފެނުމުން ހައިރާންވިއެވެ. މި ރާއްޖޭގެ ރަށްތައް ވަށައިގެންވާ މޫދުގެ ރީތިކަލަތައް އެ ބޯޓު އޮތްތަނުން ވަރަށް ރީތިކޮށް ސިފަވެއެވެ.
ވ. އަތޮޅު ކެޔޮދުއަކީ ކުޑަ ރަށެއްކަމުން ރަށުގެ ހުރިހާ ހިސާބަކަށްވެސް ހިނގާލާފައި ދިއުމަކީ ދަތިކަމެއްނޫނެވެ. ގާތްގަނޑަކަށް 12 ހެކްޓަރުގެ އެރަށުގައި އިންޖީނުލީ ދުއްވާ އުޅަނދު ވަރަށް މަދެވެ. އެހެންނަމަވެސް ރެސްޓޯރެންޓް ތަކާއި ކެފޭތައް މަދެއްނޫނެވެ.
އާބާދީގައި 900 އެއްހާމީހުން ދިރިއުޅޭ ކެޔޮދުއަކީ ފަތުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. ގެސްޓް ހައުސްތައް ގިނައެވެ. ރީތިވެސް މެއެވެ. ދިވެހިވަންތަކަން އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޮޓަރިތަކެވެ. ގިނަ ގެސްޓް ހައުސްތަކުން ހުރިހާގަޑިއެއްގައިވެސް ކެއުން ލިބެއެވެ. މަސްދަތުރުތަކާއި، ޝިޕްރެކް އަދި ފިނޮޅަށްދިއުންފަދަ ދަތުރުތައް ހަމަޖައްސައިދެއެވެ.
ކެޔޮދޫއިން އެނބުރި މާލެއައީ އަދިވެސް އެ ރަށަށް ދިއުމަށް ޢަޒުމުކަނޑައަޅައިގެންނެވެ. ދަތުރުގައި ފުލިދުއާއި ފެލިދޫ އަދި ތިނަދޫގައި ޖެއްސިނަމަވެސް ދަތުރު ދިގެއް ނޫނެވެ. މޫސުން ރަނގަޅު ދުވަސްވަރެއްގައި ޗުއްޓީހޭދަކޮށްލަން ދިއުމަށް ކެޔޮދުއަކީ ހަމަ އެއްވަނައިގެ ރަށެކެވެ.