އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކަންނޫރުގައި ދިރިއުޅޭ 17 އަހަރުގެ މުސްލިމް ފިރިހެން ކުއްޖަކު އޭނާގެ މަންމަ، ގޭގައި ކުރާ މަސއްކަތުގައި އެހީތެރިވެދޭނެ ރޮބަޓެއް ހަދައިދީފިއެވެ.

ކަންނޫރު އީކޭ ނަޔަނަރ މެމޯރިއަލް ގަވަރމަންޓް ހަޔަރ ސެކަންޑަރީ ސްކޫލްގެ 12 ވަނަ ގްރޭޑްގައި ކޮންޕިއުޓަރ ސައިންސް ކިޔަވަމުންދާ މުޙައްމަދު ޝިޔާދު ޗަތޯތާ އޭނާގެ މަންމައަށް ރޮބަޓެއް ހަދައިދޭން ފެށީ އުމުރުން 14 އަހަރުގައެވެ.

ފުރާވަރު އުމުރުގެ މި ކުއްޖާ 2019 ވަނަ އަހަރު އޭނާގެ ޢާއިލާއި އެކު ރެސްޓޯރެންޓަކަށް، ކާން ދިޔައިރު އެމީހުނަށް ކާތަކެތި ގެނެސްދިނީ ރޮބަޓެކެވެ. އެ މަންޒަރު ފެނި ޝިޔާދުގެ މަންމަ ސަރީނާ ބުނީ "އަހަރެމެންގެ ގޭގައިވެސް މިކަހަލަ ރޮބަޓެއް ހުންނަނަމަ ކިހާފަސޭހަ ވާނެހެއްޔެވެ؟" ސަރީނާ ސަމާސައަކަށް އެހެން ބުނެލުމުން ޝިޔާދު އޭނާގެ މަންމައަށް އެކަހަލަ ރޮބަޓެއް ހަދައިދޭނެކަމަށް ބުންޏެވެ.

އެއަށްފަހު މުޙައްމަދު ޝިޔާދު އޭނާގެ މަންމައަށް އެހީތެރިވުމަށް ރޮބަޓެއް ހެދުމުގެ މަސައްކަތް ފެށިއެވެ. ޝިޔާދަކީ ކުރިންވެސް އަމިއްލައަށް ބައެއްކަހަލަ އީޖާދުތައް ކޮށްފައިވާ ކުއްޖެކެވެ. " ކުރިން އަހަރެން ފަންކާ އާއި ބޮކި އަދި ގޭގެ އެހެނިހެން ކަރަންޓް ސާމާނު ޙަރަކާތްކުރާނެ މޮބައިލް "އެޕޮލިކޭޝަނެއް" ހެދިން" ޝިޔާދު ބެޓަރ އިންޑިއާއަށް ކިޔައިދިނެވެ.

ޝިޔާދުގެ މަންމަ އަށް އެހީތެރިވެދޭނެ ރޮބަޓެއް ތައްޔާރުކުރުމަށްޓަކައި އޭނާ އެންމެފުރަތަމަ، ރެސްޓޯރެންޓުގައި ގެންގުޅޭ ރޮބަޓްގެ މައުލޫމާތު ހޯދިއެވެ. އޭނާ ހޯދި މަޢުލޫމާތުން އެނގުނީ އެއީ 3 ނުވަތަ 4 ލައްކަ އިންޑިއަން ރުޕީސްގެ އަގުބޮޑު ރޮބަޓެއްކަމެވެ. އެހެންނަމަވެސް ޝިޔާދުގެ ހޯދުންތަކުން އެއަށްވުރެ ޚަރަދުކުޑަކޮށް ރޮބަޓެއް ހެދޭނެކަން އޭނާއަށް އެނގުނެވެ.

ޝިޔާދު ހެދި ރޮބަޓް "ޕަތޯޓީ" ފޮޓޯ: ބެޓަރއިންޑިއާޑޮޓްކޮމް

ޝިޔާދު މަންމައަށްވީ ވަޢުދު ފުއްދުމަށްޓަކައި އިންޓެނެޓްގެ އެހީގައި ރޮބަޓް ހަދާނެގޮތް ހޯދަމުން ދިޔައެވެ. ނަމަވެސް ސީދާ އެކަހަލަ ރޮބަޓެއް ރާވާނެ ވަކި ގޮތެއް އޭނައަކަށް ނުފެނުނެވެ. އެހެނަސް އެ ރެސްޓޯރެންޓްގައި ގެންގުޅޭ ރޮޕަޓްގެ މެޝިން މަސައްކަތްކުރާ ގޮތަށް ވަކި ގަވާއިދަކުން ކަންތައް ކުރާނެ ވަރަށް ގިނަ އުކުޅުތައް ކިޔައިދޭ ވީޑިއޯތައް އޭނާ ހޯދާ، ބެލިއެވެ.

1 އަހަރު ދުވަހުގެ ތެރޭ ޝިޔާދު ޕްލާސްޓިކުން، ރޮބަޓްގެ އޮނިގަނޑު ތައްޔާރު ކުރި އެވެ. އަދި 4 ފޮރޮޅާއި 12 ވޯލްޓްގެ ގިޔަރެއް މޯޓަރަކާއެކު ހެދިއެވެ. ޝިޔާދަށް މި މަސައްކަތުގައި އެންމެ އުނދަގޫވީ ރޮބަޓް އިންސާނެއްގެ ސިފައަށް ބަދަލުކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ޝިޔާދު ތައްޔާރުކުރި ރޮބަޓްގެ މަތީ ބައި ހެދީ އަންހެނެއްގެ ސޫރަ އަށެވެ. އަދި ބަދިގެއިން އެއްޗިހި ނަގައިގެން ކާކޮޓަރީ މޭޒުގައި ބެހެއްޓޭ ގޮތަށް މި ރޮބަޓްގެ މަތީބައި 180 ޑިގިރީއަށް ލެނބޭގޮގޮތް ހެދިއެވެ.

ޝިޔާދު ބުނީ އެ ރޮބަޓް އެންމެ ފުރިހަމައަށް މަސައްކަތް ކުރާގޮތަށް ނިންމާލެވުނީ މިދިޔަ މަހުގައި ކަމަށެވެ. އެއީ ރޮބަޓަށް އިރުޝާދު ދޭނެ "ކޯޑް" ހެދުމަށް އޭނާގެ ކްލާސްކުއްޖަކުވެސް އެހީތެރިވެދީގެންނެވެ.

ޝިޔާދު ހެދި ރޮބަޓާއި އެކު އޭނާގެ އާއިލާ، ފޮޓޯ: ބެޓަރ އިންޑިއާ ޑޮޓްކޮމް

"ޕަތޯޓީ" ކިޔާ މި ރޮބަޓް އަންހެނެއްގެ ސޫރައަށް ހެދީ ކީއްވެތޯ ބެޓަރ އިންޑިއާއިން ސުވާލުކުރުމުން ޝިޔާދު ބުނީ އެއީ މަންމަ އެދުނު ގޮތްކަމަށެވެ. އެ ރޮބަޓްގެ މަސައްކަތުގައި ޝިޔާދުގެ ބޭބެ އާއި ބައްޕަވެސް އެހީތެރިވދިން ކަމަށް އޭނާ މީޑިއާ އަށް ކިޔައިދިނެވެ. އަދި ޕަތޯޓީ މި ނަންވެސް ރޮބަޓަށް ދިނީ އޭނާގެ ބައްޕަކަމަށެވެ.

ޝިޔާދުގެ ބައްޕަ އަބުދުއްރަޙުމާން ބުނީ އެ ރޮބަޓް ބަދިގެއިން ކާމޭޒަށް ތަކެތި ގެނެސްދޭކަމަށެވެ. އެ އާއިލާ، ދިރިއުޅޭ ގޭގެ ކާ ކޮޓަރިއާއި ބަދިގެ ވަރަށް ދުރެވެ. އެހެކަމުން ހެނދު އެންމެން އޮފީހަށާއި، މަސްކަތަށް ދާން އަވަދި ނެތި އުޅޭ އިރު ބަދިގެއިން ކާ ކޮޓަރިއަށް ތަކެތި ގެނައުން އުނދަގޫވާ ކަމުގެ ޝަކުއާ އޭނާގެ އަނބިމީހާ ސަރީނާ ކުރާކަމަށް އަބްދުއްރަޙުމާން ބުންޏެވެ. ނަމަވެސް މިހާރު ޕަތޯޓީގެ ސަބަބުން އެ އެންމެންނަށްވެސް ވަރަށް ފަސޭހަވެއްޖެއެވެ. ސުފުރާމަތި ތައްޔާރުކޮށްދިނުމާއި، ކޮފީ ހަދާފައި ހުރިނަމަ، ކޮޓަރިތަކަށް ކޮފީ ގެންދިއުމާއި، މަންމަ އަށް ބޭސް ދިނުމަށް ހަނދާންކޮށްދިނުމާއި، އެމީހުން ހެނދުނު ހޭލެއްވުމުގެ މަސައްކަތް ޕަތޯޓީ ކުރާކަމަށް ޝިޔާދުގެ ބައްޕަ ބުންޏެވެ. އަދި އެއްފަހަރު ތައްޓަށް ރިހަވެސް އަޅައިދިންކަމަށް ޝިޔާދުގެ ބައްޕަ ކިޔައިދިނެވެ. މިއީ ވަރަށް މަޖާކަމަކަށް ވީކަމަށް އޭނާ ބުންޏެވެ.

ޝިޔާދުގެ އާއިލާއަށް ރެސްޓޯރެންޓުން ކާތަކެތި ފޯރުކޮށްދިން ރޮބަޓަށްވުރެ އޭނާ ހެދި ރޮބަޓަށް ދިޔަ ޚަރަދު މާ ކުޑައެވެ. އޭނާ ބުނީ ޕަތޯޓީ ތައްޔާރުކުރުމަށް ދިޔައީ ގާތްގަނޑަކަށް 10،000 އިންޑި އަން ރުޕީސް ކަމަށެވެ. އަދި މިއަށްވުރެ ޚަރަދުކުޑަކޮށްވެސް އެ ރޮބޮޓް ހެދުނީސް ކަމަށް ޝިޔާދު ބުންޏެވެ. އެއީ އޭނާ މި ރޮބަޓް ހެދުމަށް ވަރަށް ގިނަ ދިރާސާތައްކޮށް އެތައް ތަހުލީލުތަކެއް ނާކާމިޔާބުވީމަ އެވެ.

މިހާރު ކެރެލާގެ އެކި ހިސާބުތަކުން އެ ރޮބަޓް ބެލުމަށް ޝިޔާދު މެންގެއަށް މީހުން އާދެއެވެ. އަދި އޭނާ އަށް އެ ސަހަރުގައި އޮންނަ ޚާއްޞަ ކަންކަމަށް ދަޢުވަތުވެސް ލިބެއެވެ.

ޕަތޯޓީ މިހާރު ހިނގައި އުޅެނީ ގޭތެރޭގައި ޓޭޕް އަޅާފައިވާ ތަންތާނގައެވެ. ޝިޔާދު މިހާރު ވިސްނަނީ ކުރިމަގުގައި މި ޓޭޕާއި ނުލާ އެ ރޮބަޓް އަމިއްލައަށް ދާންވީ ރާސްތާ ދެނެގަނެގެން ހިނގާނެ ގޮތަށް ޕަޓޯޓީ ތަރަށްޤީކުރުމަށެވެ. އަދި އެ ރޮބަޓަށް އިތުރު މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުށަވެ. އިންޓަރނެޓްގެ ޒަަރިއްޔާއިން މިކަންކަން ކުރެވޭނެ މަގު ފަހިވެއްޖެނަމަ، ގޭތެރެ ސާފުކޮށް މޮޕުލުމާއި، ތަށިތަކާއި އަންނަނުއުނު ދޮވުމުގެ އިތުރަށް ކެއްކުކުމުގެ މަސައްކަތް ކުރެވޭ ގޮތަށް ޕަތޯޓީ އަދާހަމަކުރުމަށް އޭނާ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމަށް އަދި ވަގުތު ނަގާނެކަމަށް ޝިޔާދު ބުންޏެވެ.

މައުލޫމާތޫ: ބެޓަރ އިންޑިއާ ޑޮޓް ކޮމް