ކޮވިޑް19 އާ ގުޅިގެން އެންމެ ބޮޑަށް ނަސްފާނީ ގޮތުންނާއި މާއްދީ ގޮތުން އަސަރުކޮށްފައިވާ ބަޔަކީ އަންހެނުންނެވެ. އަންހެނުންގެ ގެވެށި މަސައްކަތް އިތުރުވެ، ބުރަ ބޮޑުވެގެން ދިޔައީއެވެ. ނަތީޖާއެއްގެ ގޮތުން ގޭތެރެ ބެލެހެއްޓުމުގެ ޒިންމާ އިތުރުވެ، އަވަސް ގޮތަކަށް އަނިޔާގެ ޝިކާރައަކަށްވެސް އަންހެނުން ވެގެން ދިޔައީއެވެ.

ނޮވެމްބަރު 25 ފާއިތުވެ ދިޔައިރު އެއްކޮށްފައިވާ ތަފާސްހިސާބުން ފެންނަނީ ކޮންމެ ތިން އަހެނަކުން އެކަކަކީ، އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށެވެ.

ގެވެށިއަނިޔާއާ ދެކޮޅަށް ދުނިޔޭގެ ހުރިހައި ގައުމެއްގައި ގާނޫނު ހަދާފައެއްވެސް ނުވެއެވެ. އަދި ހަދާފައި ހުރި ގައުމުތަކުގައި އެގާނޫނުތައް ތަންފީޒެއްވެސް ނުވެއެވެ. ގެވެށި އަނިޔާގެ ގާނޫނު ހަދާފައިވަނީ 155 ގައުމެއްގައި އެކަންޏެވެ.

އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް ރިޕޯޓް ކުރުމާއި ފިޔަވަޅު އެޅުމުގައި ގައުމެއްގެ ސަގާފީ ހާލަތުވެސް ދައުރެއް އަދާ ކުރެއެވެ. ޕާކިސްތާންގައި ބައިމަދު ދަރިކޮޅުގެ އަންހެނުން މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވުން ފަސޭހައެވެ. އޭގެ ތެރޭގައި ހިންދީންނާއި ކްރިސްޓިއަނުންނާއި އަހުމަދީންނާއި ހަޒާރާ ޝިއާއިން ހިމެނެއެވެ.

ޕާކިސްތާންގައި ކޮންމެ ދުވާލެއްގެ މައްޗަށް 11 ކުއްޖަކު ރޭޕް ކުރެވޭ ކަމަށް ސަރުކާރުގެ އިދާރާތަކުން ހޯދާފައިވާ ތަފާސްހިސާބުން ދައްކައެވެ. ޖިއޯ ނިއުސްއިން އެކި ދިމަދިމާލުން އެއްކޮށްފައިވާ ޑޭޓާ އިން ދައްކަނީ، މިދިޔަ ހަ އަހަރުގެ ތެރޭގައި 22 ހާސް އަންހެނުން ރޭޕްގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.

މުޅި ދުނިޔޭގައިވެސް 35 އިންސައްތަ އަންހެނުންނަކީ، ނަފްސާނީ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. 38 އިންސައްތަ އަންހެނުން މަރާފައިވަނީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާ އަމިއްލައަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް މަރުވާ 137 އަންހެނުންނަކީ އެމީހުންގެ އާއިލާގެ މެންބަރެއްގެ އަތުން މަރުވާ މީހުންނެވެ.

ހަމައެފަދައިން ދުނިޔޭގައި ވަގުފާރީގެ ޝިކާރައަކަށްވާ ބޮޑެތި މީހުންގެ 49 އިންސައްތައަކީ އަންހެނުންނެވެ. މިއަދަދު މަދުކަމަށް ދެއްކިނަމަވެސް މީގެތެރެއަށް ޅައަންހެނުން ކުދިންނާއި ފުރާވަރު ކުދިންގެ އަދަދު އިތުރުކޮށްލުމުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މުޅި އަންހެން ޖިންސްގެ އަދަދު 72 އިންސައްތައަށް އަރައެވެ.

ޖިއޯ ނިއުސްއިން ހާމަކޮށްފައިވާ ތަފާސްހިސާބަކީ، ފުލުހުންގެ އިދާރާތަކުންނާއި ޖަސްޓިސް ކޮމިޝަނާއި ޕްރޮސެކިއުޓަރުގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ވިމެންސް ފައުންޑޭޝަނުން ހޯދާފައިވާ ޑޭޓާއެވެ.

2015އިން ފެށިގެން އަންހެނުންގެ އިއްފަތް ފޭރިގަތުމުގެ 22037 މައްސަލަ ރެޖިސްޓަރ ކުރެވިފައި ވެއެވެ. މިއިން ކޯޓުތަކުގައި ޝަރީއަތުގައި އުޅެނީ 4060 މައްސަލައެވެ. އަދަބު ލިބިފައިވަނީ 77 މީހަކަށެވެ. 18 ޕަސެންޓް މައްސަލަ ވަނ ޕްރޮސެކިއުޝަނަށް ފޯރާފައެވެ.

ޖިއޯ ނިއުސްއިން ބުނެފައިވާ ގޮތުގައި ފުލުހަށް ރިޕޯޓް ކުރެވެނީ 41 ޕަސެންޓް ރޭޕް ކޭސްތަކުގައި އެކަންޏެވެ. ގިނަފަހަރަށް އާއިލާގެ ފިއްތުންތަކާއި ގާނޫނުގައި ހުންނަ ދެކޮޅު ނުޖެހޭ ކަންތައްތަކުގެ ސަބަބުން މި ޖަރީމާ ރިޕޯޓް ނުކުރެވި ނުވަތަ ކޭސް ރެޖިސްޓަރ ނުކުރެވިވެސް ދެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފުލުހުންގެ އަންދާސާއަކީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި 60 ހާސް ރޭޕް ކޭސް ހިނގާފައިވާނެ ކަމަށެވެ.