ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔޔާބު ކުރެއްވިއްޖެ ކަމަށްވާނަމަ ނ. މަނަދޫގައި ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ އިތުރުން އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަނަދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައެވެ. ނ. އަތޮޅުގެ ވެރިރަށް މަނަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ނ. އަތޮޅުގައި ޓަރޝަރީ ހޮސްޕިޓަލެއް ނުވަތަ މާލޭގައި ހުރި ފެންވަރުގެ ހޮސްޕިޓަލެއް ހުންނަންޖެހޭ ކަމަށްވާނަމަ އެ ހޮސްޕިޓަލް ހުންނަން ވާނީ މަނަދޫގައި ކަމަށެވެ.

"މަނަދޫގެ ކުރިން، އެހެން ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަންޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެއްޔާ މަނަދޫގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅިގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނޭ ކަމަށާއި އެއީ ކުރިންވެސް އެމަނިކުފާނުގެ ނޯޓު ފޮތުގައި ހިމަނާފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.