ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެ ކަމުގައި މަޖިލީހުގެ ބަހެއް ހޯއްދަވާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމް.އާރް.އެމް އިން ބުނެފިއެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެތެރޭގައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވާފައިނުވާތީ އެކަމާ ހިތާމަ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"އެހެންކަމުން، މިކަމުގެ ސައްޙަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް މި ޕާޓީއިން ގޮވާލަމެވެ. އަދި، ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނެއެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށްވެސް އެމް.އާރް.އެމް އިން ގޮވާލަމެވެ.،
އެމްއާރުއެމް

ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެމް.އާރް.އެމް ގެ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއް ކަމަށެވެ. އެހެން ކަމުން އެ ގޮތުގައި ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމް.އާރް.އެމް ގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެ އިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖެއާއި ފޯޅަވަހީ (ޗާގޯސްއާރކިޕެލާގޯ)ގެ އިގްތިސާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އެމްއާރުއެމް އިން ބުނެފައިވެއެވެ. "ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަޙައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީއެވެ."

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުޤައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ޚާއްސަ އިގްތިސާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވާ ކަމަށާއި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައެއް ނުވާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

"އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެމް.އާރް.އެމް އިން ދެކެމެވެ."
އެމްއާރުއެމް

ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއްކަމަށް އައި.ސީ.ޖޭ އިން އ.ދ އަށް ލަފާ ދިނުމަށްފަހު، 2019 ގައި އ.ދ ގެ ޢާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދީފައި، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަން ގައި ހިމެނޭ ޕާޓީ އެއްގެ ހައިސިއްޔަތުން، އެމް.އާރް.އެމްއާ އެއްވެސް މަޢުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރައްވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެޕާޓީން ބުނެފައިވަނީ މިމައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިގްތިސާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނޭ މައްސަލައެއް ކަމަށެވެ. މަސްވެރިންގެ މަސްލަހަތު ވެސް އިންތިހާއަށް މިކަމުގައި ހިމެނޭ ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ.