އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ފުވައްމުލައް ސިޓީގައި ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ( 29 އޮކްޓޯބަރު 2022) ޙާފިޒް އަޙްމަދު ސްކޫލުގައެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ ( 30 އޮކްޓޯބަރު 2022 ) އައްޑޫ ހައި ސްކޫލްގައެވެ. ދަރުސް ބާއްވާތަން ބަދަލު ކުރަންޖެހުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ތަން ބަދަލުވިޔަސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު 8:45 ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން އެވެ.

މެންކުގެ މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މުފްތީ މެންކްގެ ދަރުސެއް ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގައި ވަނީ ބާއްވައިފައެވެ. އެ ދަރުސަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މުފްތީ މެންކާގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެއެވެ.