ތާރީޚީ ގޮތުން ފޯޅަވައްސަކީ ދިވެހީންގެ ފަޅުރަށެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމަށް އިއުލާން ކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު ފުށޫއަރާ ބޯޑަރެއް ވެސް ނެތް ކަމަށެވެ. "ފުށޫ އެރީ ޤައުމީ މަސްލަޙަތާ އަމިއްލަ މަސްލަޙަތާއެވެ." އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި އުމަރު ވަނީ ސިޔާސީ ގޮތުން ސަރުކާރަށް ބަހުގެ ހަމަލާއެއް ވެސް ފޮނުވާފައެވެ. އޭނާ ވިދާޅުވެފައިވަނީ "ޗާގޯސް މައްސަލައިން ސާފުވީ އެއްކަމެކެވެ. އެއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިތާސަތު ނިންމަނީ ދިއްލީ އިން ކަމެވެ."

މި މައްސަލާގައި އެމްއާރުއެމުން ބުނެފައިވަނީ މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަޙައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ ކަމަށެވެ.

އެމްއާރުއެމް އިން ބުނެފައިވަނީ 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ސަރުކާރުން ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަކޮށްފައި ނުވާކަމަށެވެ. އެހެން ކަމުން އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.