ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުންނާމެދު އަމަލުކުރާނޭ ގޮތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގާ "އޮޕަރޭޝަން ހޭހަން" ކަރެކްޝަނުން މިއަދު ފަށައިފިއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ޚާސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން މިހާރުވެސް ޖަލުތަކުގައި އެބަތިބި ކަމަށެވެ. އެހެން ކަމުން މިއީ އެމީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް އަހުލުވެރި ކުރުމަށް ހިނގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން މިއަދު ފެށުމުގެ ކުރިން މިމަހު 23 ވަނަދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވަނީ "އޮޕަރޭޝަން ހޭހަން" ގެ ރިފްރެޝަރ ޕްރޮގްރާމް ސީނީއަރ ރޭންކްތަކުގެ އޮފިސަރުންނަށް ހިންގައިފައެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް، އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މިއޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ބައިވެރިވީ ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކު ތަކުގެ އޮފިސަރުންނެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެއެވެ.

މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަގުސަދަކީ ގައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.

މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ އަށް ޓީމް ހަރަކާތްތެރިވާނެއެވެ.