މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށް ގިނަ ބަޔަކު ނުރުހޭކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީ ކަމަށް ޒިންބާބުވޭގެ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އެހެން ކަމުން އެކަންކަަމުގެ ބަދަލުގައި އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބައެއްކަމުގައިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިކަމަށް މުފްތީ މެންކް އެދިވަޑައިގަތީ ހޮނިހިރުދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި ދަރުސްގައި، އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މި މައުޟޫއަށް ތަޤްރީރުކުރައްވަމުންނެވެ.

މެންކް ވިދާޅުވީ ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށްވެގެންދާނެކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނުގެމަތީގައި ސާބިތުވެ ތިބުމަށް ވެސް އިރުޝާދުދެއްވިއެވެ.

މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް ވިދާޅުވިއެވެ. އަދި ޝަހާދަތުގެ ދެކަލިމައިގެ މާނަ ތަފްސީލާއިއެކު ވިދާޅުވެދެއްވި އެވެ. އެހެންކަމުން އިސްލާމްކަމަކީ ޝަހާދަތުގެ ދެކަލިމައިގައިވާގޮތަށް އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ރައްކާތެރިކުރުންކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނަކީ ވަކި ރުކުންތަކެއްގެ މައްޗަށް ބިނާވާ ދީނެއްކަން ފާހަގަކުރައްވާ އެ ރުކުންތަކަށް ތަފްސީލުކޮށް މި ދަރުސްގައިވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ނަމާދުކުރުމުގައި ހުޝޫޢަތްތެރިވުމާއި މާތްﷲއަށް ކިޔަމަންތެރިކަމާއިއެކު ނަމާދުކުރުމަކީ އެމީހަކަށް ބާއްޖަވެރިކަން ލިބިގެންދާނެކަމެއްކަމަށާއި އެހެންނަމަވެސް އެމީހަކު އެއީ ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހަމައެކަނި ކަމަކަށް ކުރާކަމެއްނަމަ އެކަމުގައި އެއްވެސް ބަރަކާތެއް ނުވާނެކަމަށް ވިދާޅުވިއެވެ. ހަމައެފަދައިން ޒަކާތަކީ އޯގާތެރިކަމާއި ގުޅިފައިވާ އީމާންތެރިކަމުގެ ތަނބުކަމަށް ވެސް ވިދާޅުވިއެވެ.

މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗައްކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް ނަސޭހަތް ދެއްވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޙްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.