ވިސާއާއި ނުލައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ރައްޔިތުންނަށް އުމާނަށް ދަތުރުކުރެވޭ ގޮތް ހެދުމަށް އުމާން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، މިމަހުގެ 4-6 އަށް ބަހްރެއިންގައި ބޭއްވި އައިއައިއެސްއެސް މަނާމާ ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުން އުމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދްރް އަލް ބުސައިދީއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި އުމާންގައި 30 ދުވަހުގެ މުއަދަތަށް ހުރުމުގެ ހުއްދަދޭ ޕްލޭނެއް ސަރުކާރުން މިހާރު އެކަށައަޅަފައިވާ ކަމަށެވެ.

މީގެ ބޭނުމަކީ، އުމާންގެ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ސެކްޓަރ އިތުރު ހަރުފަތަކަށް ޖެއްސުން ކަމަށްވެސް ޚާރިޖީ ވަޒީރު ސައްޔިދު ބަދްރް ވިދާޅުވިއެވެ.

ނަމަވެސް، ވިސާއާ ނުލައި އުމާނަށް ދަތުރުކުރަން ހުއްދަދޭން ކަނޑައަޅާ ގައުމުތަކުގެ ނަންތަކެއް ޚާރިޖީ ވަޒީރު ހާމައެއް ނުކުރައްވައެވެ.

މަނާމާ ޑައިލޮގްގައި އުމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދްރް އަލް ބުސައިދީވަނީ، އުމާން ސަރުކާރުން ކަނޑައަޅާފައިވާ 2040 ގެ ތަސައްވުރުގައި ހިމެނޭ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވާފައެވެ.

މި ތަސައްވުރުގައި ހިމެނޭ ގިނަ ކަންކަމަކީ، އުމާންގެ އިގްތިސާދު ހުޅުވާލުމުގެ ކަންކަމެވެ.

މީގެއިތުރުންވެސް، މަސައްކަތްތެރިންނާ ގުޅޭ ވަރަށް މުހިންމު ސިޔާސަތަކަށް ވަރަށް އަވަހަށް ބަދަލު ގެނައުމަށް ނިންމާފައިވާކަންވެސް ޚާރިޖީ ވަޒީރު އިއުލާން ކުރެއްވިއެވެ.

އެއީ، އުމާންގައި މިހާރު އުޅޭ ބޭރު މަސައްކަތްތެރިން ހޯދަންޖެހޭ "އިއުތިރާޒެއް ނެތްކަމުގެ ސިޓީ" ސިސްޓަމް އުވާލުމެވެ.

މި ސިސްޓަމް އުވާލުމުން، ބޭރުގެ މަސައްކަތްތެރިންނަށް އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމަށް މިހާރު އޮންނަ ހުރަސް ނެތިގެންދާނެއެވެ.

އެހެން ނަމަވެސް، އެގޮތަށް ވަޒީފާ ބަދަލު ކުރެވޭނީ އެމީހަކު ފުރަތަމަ ވަޒީފާއަށް އަންނަ ތަނުގެ ކޮންޓްރެކްޓް ހަމަވުމުން ކަމަށް ކަނޑައަޅާފައި ވެއެވެ.