ވެނެޒުއެލާގައި ޑިމޮކްރެސީއަށް ހުރަސް އެޅުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް، ޗައިނާގެ މައި ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ފިޔަވަޅު އަޅާފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން CEIECއާ ދެކޮޅަށެވެ.

މި ކުންފުނިން ދަނީ ވެނެޒުއެލާގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމާއި މީހުންނަށް ފާރަލައި ޖާސޫސްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ސަވައިލެންސް ސާމާނު ފޯރުކޮށްދެމުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މި ސާމާނުތައް ބޭނުންކޮށްގެން ވެނެޒުއެލާ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ޖާސޫސް ކުރަމުން ދެއެވެ.

CEIEC އިން ވަނީ ވެނެޒުއެލާއަށް ބޭނުންވާ ޑިޖިޓަލް ދާއިރާގެ ތަމްރީންތައް ބާއްވައިދީ އެ ގައުމަށް ބޭނުންވާ ޓެކްނިކަލް އެހީ ވެސް ފޯރުވައި ދީފައެވެ. ވެނެޒުއެލާގެ ގައުމީ ޓެލެކޮމިއުނިކޭޝަން ކުންފުނި، ކޭންޓީވީއަށް ބޭނުންވާ ހުރިހައި ސާމާނެއް ފޯރުކޮށްދެނީ މިކުންފުނިންނެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމި ނިންމުގައި ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ، ވެނެޒުއެލާގައި އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުމާއި އެމީހުންގެ ނޫސްތައް ބްލޮކް ކުރުމަކީ އާންމު ކަމެއް ކަމަށެވެ.

ދެކުނު އެމެރިކާގެ އެންމެ މުއްސަނދި ގައުމުގެ ފިހާރަތަތައް

ވެނެޒުއެލާއިން އިއްޔެ ވަނީ ޕާލަމެންޓްރީ އިންތިޚާބު ބާއްވާފައެވެ. މިއިންތިޚާބުގައި100 ޕާޓިއަކުން، 1400 ކެންޑިޑޭޓުން ވާދަ ކޮށްފައި ވެއެވެ. އެމެރިކާގެ ވާގިވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ލީޑަރު ހުއާން ގާޑިއޯ ވިދާޅުވާ ގޮތުގައި މިއީ އޮޅުވާލާފައިވާ އިންތިޚާބެމެވެ. އޭނާ ވަނީ ވޯޓް ނުލުމަށް މީހުންނަށް ބާރުއަޅުއްވާފައެވެ.

މި އިންތިޚާބުގައި ވެރިކަން ކުރާ ރައީސް މަޑޫރޯއަށް 277 ގޮނޑީގެ އަޣްލަބިއްޔަތު ލިބިވަޑައިގެންފިނަމަ، އޭނާ ވެރިކަމުގެ ބާރުތައް ގަދަ ކުރައްވާނެއެވެ. ތިން ބާރުގެ ތެރޭން މަޑޫރޯއަށް ލިބިވަޑައި ނުގެން އޮތް ހަމައެކަނި ބާރަކީ ޕާލަމެންޓެވެ.

ޕޮމްޕިއޯ ވިދާޅުވިގޮތުގައި މި އިންތިޚާބު އަމާނާތްތެރި އިންތިޚާބަކަށް ނުވާނެއެވެ.

ކުރިން ނިކަން ތިޔާގި ވެނެޒުއެލާ މިހާރު ވަނީ ފަގީރު ވެފައެވެ. 2019 އިން ފެށިގެން އިންފްލޭޝަން އުޅެނީ 4000 ޕަސެންޓްގައެވެ.

ޥެނެޒުއެލާގައި ހަނޑޫ ކިލޯއެއް ލިބެނީ، ދެ ލައްކަ ވިހިހާސް ބޮލީވާރަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު ޑޮލަރާއި ބައެވެ. އެގައުމުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރައަކީ، މަހަކަށް ހަތަރު ލައްކަ ބޮލީވާރެވެ.

ވެނެޒުއެލާގައި ބާޒާރުކުރަން ނިކުންނަ ގޮތް

2016 އިންފެށިގެން އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުން ގެންދާ ޕާލަމެންޓުން ވަނީ ވެނެޒުއެލާގެ ތެޔޮ އުފެއްދުމުގެ ދާއިރާއަށް ފޮރިން އިންވެސްޓްމެންޓްތައް ގެނައުމަށް ދެކޮޅު ހަދާފައެވެ.

މިފަހަރުގެ އިންތިޚާބު މުހިންމު އިންތިޚާބެއްކަމުގައި ވީނަމަވެސް ވޯޓްލާން ނިކުން މީހުންގެ ނިސްބަތް އުޅޭނެ ކަމަށް ލަފާ ކުރެވެނީ 30 އިންސައްތައިގައެވެ.