އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމަސަައްކަތްކުރި އެމްޓީސީސީން ބުނެފިއެވެ. އެއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެންކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެ މަސައްކަތުގެ އަގަކީ 50.32 މިލިއަން ރުފިޔާއެވެ. އެ ރަށުގައި ކުރީގައި އޮތް މުސްކުޅި ބަނދަރުގެ ބަދަލުގައި، ޒަމާނީ ރީތި ބަނދަރެއް ލިބިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުންޏެވެ. މުސްކުޅި ބަނދަރު ބާވެ މަރާމާތަށް ބޭނުންވެފައި އޮއްވާ، ބަނދަރަށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލުކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމިގެން ދިޔުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 363,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލައި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހައި، 330,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައިފައިވެއެވެ. އޭގެ އިތުރުން ރޭމްޕަކާއި، ޖެޓީއަކާއި، މޫރިން ބޮއެ އާއި ބަނދަރު ބައްތި ވަނީ ހަރުކޮށްފައެވެ.

އާބާދީގައިި 736 މީހުން ހިމެނޭ އެރަށަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ. އެގޮތުން އެރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަކީވެސް ފަތުރުވެރިކަމެވެ. މިގޮތުން ރަށުގައި އުޅޭ ގިނަ މީހުން އާމްދަނީ ހޯދަނީ ކައިރީގައި ހުންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލައަށް ގެސްޓްހައުސް ވިޔަފާރިކޮށްގެންނެވެ.

އެ ރަށުގައި މިހާރުވެސް 12 ގެސްޓްހައުސް އާއި އެކު 100 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. އަދި ގެސްޓްހައުސް ވިޔަފާރިއާއިއެކު އެ ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައް ވަނީ އިތުރުވާން ފަށާފައެވެ. ލޯކަލް ޓުއަރިޒަމާ އެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިފަދަ ރަށެއްގައި ޒަމާނީ ބަނދަރެއް ތަރައްގީކުރެވި ފުރިހަމަ ވެގެންދިޔުމަކީ އިގްތިސާދީގޮތުން ބެލިކަމުގައި ވިޔަސް އެކަމުގެ ފައިދާ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ.

ވޭތުވެދިޔަ 41 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.