މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސް، ކޮޕް 27 ގައި އަވަށްޓެރި ސްރީލަންކާ ތަމްސީލް ކުރުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިސްރުގެ ޝަރަމުއްޝައިޚަށް ވަޑައިގަތުން ބަލައިނުގަންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ބުނެފިއެވެ.

އެޕާޓީން ބުނެފައިވަނީ ދައުލަތުގެ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެހެން ގައުމެއް ތަމްސީލް ކުރުމަށް ބޭރުގެ ގައުމަކަށް ވަޑައިގެންނެވުމަކީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާކަމެއް ކަމަށެވެ. އޭގެ އިތުރުން އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ރޫހާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އޭގެ އިތުރުން އެއީ މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއިންވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެކެވެ."

ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި މިހާރު އެމަނިކުފާނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. "ދައުލަތުގެ ތިންބާރު ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމް.އާރް.އެމްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ." އެޕާޓީން ބުނެފައިވެއެވެ.