އަހަރެން އޮފީސް ނިންމާލައިފައި ގެއަށް ދާން ސައިކަލަށް އަރާ ދުއްވާލީމެވެ. އެއިރުވެސް ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ. ކުޑަކޮށް ތެމިލައިގެން ނަމަވެސް އަހަރެން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެވަގުތު މަގުމަތީގައި ހޭލަމޭލައަށް މީހުން އުޅެއެވެ. އަހަރެންވެސް ގެއަށް ދާން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުން ސައިކަލް ބާރަށް ދުއްވައިލައިފީމެވެ. މާދުރަކަށް ދެވޭވަރެއް ނުވިއެވެ. ސައިކަލް ކައްސާލައިފިއެވެ. ކައްސާލައިގެން ގޮސް ޖެހުނީ މަގު ހުރަސް ކުރި އަންހެން ކުއްޖެއްގެ ގައިގައެވެ. އަހަރެން އަވަސް އަވަހަށް އެކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފީމެވެ. މާބޮޑު އަނިޔާއެއް ނުވެއެވެ. އަހަރެން މައާފަށް އެދުނީމެވެ. އަދި ބޭހުގެ ކަންތައް ނިންމާލާއިފައި ގެއަށް ދަމުން އިތުރު ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާލާށޭ ބުނެ ގެއަށް އައީމެވެ. އަހަރެންނަށް ގެއަށް އާދެވުނު އިރު ހުރީ ވަރަށް ލަސްވެފައެވެ. ސައިކަލްވެސް ހަލާކުވެފައި ވުމުން މާދަމާ އޮފީހަށް ދާން ޖެހެނީވެސް ހިނގާފައެވެ. އަހަރެން ގެއަށް އައިސް ކައިގެން އަވަސް ވެގަތީ ނިދާލުމަށެވެ. މުޅި ގައިގައި ރިއްސައެވެ. އަދި މަށައިގެން ގޮސްފައި ހުރި ތަންތަނުން ވަރަށް ދިލަ ނަގައެވެ. މަޑު މަޑުން އޮށޯތީމެވެ. ނިދޭ ވަރެއް ނުވެއެވެ. ފޯނު ރިންގުވާ ފެށިއެވެ. އަހަރެން ބަލާލީމެވެ. އަހުމަދެވެ. ފޯނު ނުނަގާންވެގެން ރިންގް އޮފްކޮށްލާފައި ބޭއްވީމެވެ.

ހެނދުނު ގަޑި ޖެހުމުގެ މާ ކުރިން އަހަރެން އޮފީހަށް ދިޔައީމެވެ. ހިނގާފައި ދާން ޖެހެތީއެވެ. ކުޑަކޮށް ގައިގައި ރިއްސާލިއަސް ހިތްވަރު ކޮށްލާފައި އޮފީހަށް އައީއެވެ. މިއަދު ކޮންމެހެން ނިންމަން ޖެހޭ މަސައްކަތް ހުރީމައެވެ. ފޯނު ރިންގުވާން ފެށިއެވެ. އަހަރެން އަވަސް އަވަހަށް ގޮސް ފޯނު ނެގިއެވެ.

” ހެލޯ މިއީ އަސްމާ. އިމްރާންގެ ލައިސަންސް ކާޑް ބަލާ އާދޭ ” އަސްމާ ބަލި އަޑަކުން ވާހަކަ ދެއްކިއެވެ.

” މިއަދު ވަރަށް ބިޒީ. އެކަމަކު މިރޭ ދާނަން ” އަހަރެން އަސްމާގެ ދައުވަތު ގަބޫލު ކުރީމެއެވެ.

އިރުއޮއްސި ހަތެއް ޖެހުމާ އެކު އަހަރެން އަސްމާގެ ގެއަށް ދިޔައީމެވެ. އެގެޔަކީ އެހާގިނަ ބަޔަކު އުޅޭ ގެ އެއް ނޫނެވެ. އަހަރެންގެ އިންތިޒާރުގައި އަސްމާ ހުއްޓެވެ. އަސްމާގެ މޫނުމަތިން ޒަޚަމް ފެންނަން ހުއްޓެވެ. އަހަރެން ފެނުމާއެކު އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އަހަރެން ހީކުރީ އަސްމާ އާއިލާގެ މީހުން ތިބޭނީ ރުޅި އައިސްފައި ކަމަށެވެ. އެކަމަކު އެގޭ އެއްވެސް މީހަކު ކިބައިން އެކަހަލަ އެއްވެސް މަންޒަރެއް ނުފެނެވެ. އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

” އާދޭ ދެކުދިން ބަތްކާން ” އަސްމާގެ މަންމަ ބަދިގެ ތެރެއިން ގޮވާލިއެވެ.

” އަހަރެންގެ ފަރާތުން ލިބުނު އަނިޔާގެ ބަދަލުގައި ހެޔޮކަމެއް ދޯ ” އަހަރެން އަސްމާ ގާތުގައި ބުނެލީމެވެ. އަސްމާ ހީލިއެވެ.

އޭގެ ހަފްތާގެ ފަހެވެ. އަހަރެން އޮފީސް ނިންމާފައި އައިސް ގެއަށް ވަންއިރު މަންމަ ސިޓިންގރޫމްގައި އިނެވެ. އަހަރެން ފެނުމާއެކު ޕާރުސަލެއް ދީފައި އުފާވެރި އުފަންދުވަހެކޭ ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަވަސް އަހަށް ކޮޓަރިއަށް ވަދެ ޕާރުސަލް ކަނޑާލައިފީމެވެ. އަހަރެން ހައިރާންވިއެވެ. އެއީ މަންމަ ދިން ޕާރުސަލެއް ނޫނެވެ. ޕާރުސަލް ކަޑައިލިއިރު ” ހެޕީބާރތުޑޭ ” ލިޔެފައިވާ ކަރުދާސްގަނޑެއް އޮތެވެ. އަހަރެން އަސްމާއަށް ގުޅާލީމެވެ. ހަމަ ފޯނު ނެގުމާއި އެކު އުފާވެރި ” އުފަންދުވަހަކަށް އެދެން ” ބުނެލިއެވެ.

” ކިހިނެތް އަސްމާއަށް އެނގުނީ ” އަހަރެން ސުވާލު ކުރީމެވެ.

” ހޯދަން އުޅޭ މީހަކަށް އެނގިދާނެއެއްނު. ދެން ކޮންއިރަކުން ކާންދޭނީ. މިރޭ މިގެއަށް އާދޭ ” އަސްމާ ދައުވަތު ދިނެވެ. އަހަރެން އެއްބަސްވީމެވެ. ކޮންމެ ގޮތެއްވިޔަސް ޖެހޭނީ ދާންތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ފަރާތުން އަސްމާއަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ.

އަހަރެން ދިޔައިރު އަސްމާ ހުރީ ތައްޔާރުވެގެންނެވެ. އަހަރެމެން ކާންދިޔައީ ހިތްގައިމު ހަމަހިމޭން ތަނަކަށެވެ. އަސްމާ އަކީ ނުލާހިކު ރީތި ކުއްޖެކެވެ. ނޭނގި ނަމަވެސް އަހަރެންނަށް އަސްމާ ދެކެ ލޯބިވެވިއްޖެއެވެ. ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެއޭ ކިޔާ އަޑު އަހަމެވެ. ނަމަވެސް އަހަރެންނަށް އަސްމާދެކެ ލޯބިވެވިދާނެކަމަކަށް ގަބޫލެއް ނުކުރަމެވެ.

” އޭ ކޮންކަމަކާ ތިވިސްނަނީ ” އަސްމާ އަހާލިއެވެ.

” ތިކަހަލަ ރީތި ރަނގަޅު ކުއްޖަކާއި އެކީ ވަގުތު ހޭދަކުރެވޭތީ ” އަހަރެން ނޫން ކަމަށް ހަދާފައި ބުނީމެވެ.

” އަސްލު ވަރަށް ދެރަވޭ މިކަހަލަ ރެއެއްގައި އެކީގައި އުޅޭނެ ބައިވެރިއެއް ނެތީމަ ” އަހަރެން އަސްމާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލީމެވެ.

” އަހަރެން މިހިރީނު ” ޖަވާބުގައި އަސްމާ ބުނެލިއެވެ.

އެރޭގެ ކެއުން ނިމިގެންދިޔައީ ދެމީހުންވެސް އާ މިސްރާބަކަށް ދަތުރު ފަށަމުންނެވެ.

އަހަރެން އޮފީހުން ގެއަށް އައިސް ކޮޓަރީގައި އޮށޯވެލީމެވެ. ވަރުބަލިވެފައިވާލެއް ބޮޑުކަމުންނެވެ. މިހާރު ކިތައްމެ ފަހަރަކު މަންމަ އަހަރެންނަށް ސައިބޯން ގޮވައިފިއެވެ. އެކަމަކުވެސް ވެފައިވާ ވަރުބަލިން ހަމަ އޮވެވުނީއެވެ. ފޯނު ރިންގްވާން ފަށައިފިއެވެ. އަހަރެން ފޯނު ނަގާ ބަލާލީމެވެ. އަސްމާއެވެ.

” މިއަދު ވަރަށް ބޮޑު ކަމެއްވެގެން މިއުޅެނީ. ދެމީހުން ގުޅޭކަށް ގޭ މީހުން ގަބޫލެއް ނޫން. އެކަމަކު އަހަރެން ދުވަހަކުވެސް ވަކި ނުވާނަން ” އަސްމާ ހާސްވެފައި ބުނެލިއެވެ. އަހަރެންނަށް ހީވީ ހޫނު ފެން ހިތަށް އަޅާލިހެންނެވެ. ދެން އަހަރެމެން ބައްދަލު ކުރާނީވެސް ކިހިނެއް ހެއްޔެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އަހަރެން ސައިބޯން އިންދާ އަސްމާ ގުޅާފައި ހަވީރު ފަހެއް ޖަހާއިރަށް ތުނޑިއަށް އައުމަށް ބުންޏެވެ. އެއިރު ހަތަރުގަޑި ބައި ވަނީއެވެ. އަހަރެން އަވަސްކޮށްލައިގެން ތުނޑިއަށް ދިޔައިރު އަސްމާއާއި އެހެން އަންހެން ކުއްޖަކު ތުނޑީގައި ތިއްބެވެ. އަހަރެން ފެނުމުން އެކުއްޖާ ހިނގައްޖެއެވެ.

” ދެން ކިހިނެތް ހަދާނީ ” އަސްމާއަށް ރޮވެންފަށައިފިއެވެ. އަހަރެން ހިތްވަރުދިނީމެވެ. އަސްމާ ހުރީ އަހަރެންގެ ގައިގައި ބައްދާލައިގެންނެވެ. އަހަރެންދެކެ ލޯބިވާކަން ސާބިތުކޮށްދޭން ބޭނުންވިއެވެ.

” އޭ މިތާ ކީއްކުރަނީ ” ދެ މީހުންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއިރު އަސްމާގެ ބައްޕަ އަހަރެމެންނާއި ދިމާލަށް އާދެއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

އަހަރެންނަށް ގެއަށް އާދެވުނުއިރު އިރުއޮއްސެނީއެވެ. މަންމަ ގޭތެރޭގައި ކައްކަން އުޅެއެވެ.

” ކޮންތާކުން ތިއައީ. އެހަސަނުބޭގެ ދަރިއަކާއި ދަރިފުޅު އިންނަން އުޅެނީޔޯ ކިޔާފައި ދެންމެ ހަސަނުބޭ ވަރަށް އެއްޗެހި ގޮވާފައި ހިނގައްޖެ ” މަންމަ ވަރަށް ދެރަވެލާފައި ބުނެލިއެވެ. އަހަރެން ވަރަށް ރުޅިއައެވެ. މަންމައާއި ދިމާލަށް ހަޅޭލެވީމައެވެ. އަހަރެމެންނަކީ ފަގީރު ބައެކެވެ. އަހަރެން ކުޑައިރު ބައްޕަ ވަނީ ނިޔާވެފައެވެ. އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓީ މަންމައެވެ. އަހަރެމެން ގުޅެން އަސްމާގެ އާއިލާއިން ގަބޫލު ނުވަނީ އެހެންވީމައެވެ. މިކަމުގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންމެން ދެމީހުންގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިއަދަކީ ހޮނިހިރުދުވަސް ކަމުން އަހަރެން އޮފީހަކަށް ނުދަމެވެ. އަހަރެންވަނީ މުޅިން މާޔޫސްވެފައެވެ. ކަމެއް ކުރާ ހިތެއް ނުވެއެވެ. އަހަރެމެންގެ ގުޅުމަށް މިކަހަލަ ކަމެއް ވާނެއެކޭ ހިތަކަށްވެސް ނާރައެވެ. އަހަރެން މަޑު މަޑުން އަސްމާގެ ގެއާއި ދިމާއަށް ހިގައިގަތީމެވެ. އަސްމާގެ ޚަބަރެއް ވޭތޯއެވެ. ވަކިހިސާބަކަށް ދެވުނުތަނާ އަހަރެންގެ ދައްތައާއި ދިމާވެއްޖެއެވެ.

” އޭ އެނގޭތަ އަސްމާ ވަރަށް ބަލިހަބަރު ލިބުނު. ވަރަށް އަނިޔާވެސް ކުރެޔޯ. އެމީހުން ބޭނުންވަނީ މުދިންބެގެ އިހުސާން އާއި ކައިވެނިކުރާށޯ ” ދައްތަ ބުނެލިއެވެ. އަހަރެން ހިތް އަވަސްވެ ލޭ ހޫނުވާން ފެށިއެވެ. އަސްމާ އަހަރެންނަށްޓަކައި އެވަނީ ހާދަ ބޮޑު ގުރުބާނީއެއްތާއެވެ. އަހަރެން އެގެއާއި ދިމާއަށް ދުއްވައިގެންފީމެވެ.

” އޭ މިގެއަށް ނުވަންނާތި ” އަހަރެން އެގެއަށް ވަންނަން އުޅުމުން އަސްމާގެ ބައްޕަ ބުނެލިއެވެ.

” ނޫން. ނޫން އަސްމާއަށް ތިހެން ނުހަދާ ދޫކޮއްލަދީ ” އަހަރެން އާދޭސް ކުރީމެވެ.

” ބުނެފީމެންނު މިގެއަށް ނުވަންނާށޭ ” އަސްމާގެ ބައްޕަ ބުންޏެވެ. އަހަރެންގެ މަސައްކަތް ކާމިޔާބު ނުވުމުން އެނބުރި ގެއަށް އައީމެވެ.

********************

އެއްރެއެއްގެ ދަންވަރެވެ. ގަޑިން ދޭއް ޖަހަނީއެވެ. ފޯނު ރިންގު ވާން ފަށައިފިއެވެ. އަހުމަދު ގުޅަނީއެވެ. އެއީ އަހަރެންގެ ބެސްޓް ފްރެންޑްއެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެވެ.

” އަސްމާ ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ދެންމެ ލިބިއްޖެ. ހިނގާ ދާން ” އަހުމަދު އެހެންބުނެފައި ފޯނު ބޭއްވިއެވެ.

އަހަރެން އަވަސްވެގަތީ ހޮސްޕިޓަލަށް ދާށެވެ. އަހަރެން ތައްޔާރުވެގެން ނިކުތް އިރު ގޭ އެންމެނަވެސް ތިބީ ނިދާފައެވެ. ހޮސްޕިޓަލަށް ދިޔައިރު އެ އާއިލާގެ ގިނަ މީހުން ތިއްބެވެ. އަދި އަހަރެންގެ ބެސްޓްފުރެންޑް އަހުމަދުވެސް ހުއްޓެވެ. އަހަރެން އަވަސްވެގަތީ އަސްމާ ގާތަށް ދިއުމަށެވެ. ކުރީ ދުވަހު ގޮތަށް މިއަދު އަހަރެންނަށް ހުރަސްއަޅާނެ މީހަކު ނެތެވެ. އަހަރެންނަށް ދެވުނު އިރު އަސްމާ އޮތީ ލޯމެރިފައެވެ. މޫނުން ކޮންމެވެސް ވަރަކަށް ޒަޚަމް ފެންނަން ހުއްޓެވެ. އަހަރެން އަސްމާ ބައްޕަގެ ކިބައިން އާދޭސް ކުރީމެވެ. އަހަރެންގެ ހަޔާތަށް އައުމަށް އަސްމާ ދޫކޮއްލަ ދޭތޯއެވެ.

” ކަލެއަށް މަގޭ ދަރި ބެލެހެއްޓޭނެތަ. އެހެންވިއްޔާ ގެންދޭ އެކަމަކު އަހަރެމެން ގާތަށް ނުގެންނާތި ދުވަހަކުވެސް ” އަސްމާގެ ބައްޕަގެ ރަހުމް ކުޑަ ބަސްތަކުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަސްމާ އަހަރެންގެ ހަޔާތަށް އާދެވޭތީއެވެ.

އަހަރެންގެ ދިރިއުޅުން ރަށަށް ބަދަލުކޮށްފީމެވެ. އަސްމާވެސް ގޮވައިގެންނެވެ. އަހަރެންގެ އާއިލާ ގާތަށެވެ. ހިތްހަމަޖެހުމާއި އެކު ދިރިއުޅުން ގެންދާށެވެ. އަހަރެންނަގެ އާއިލާ އަކީ އާދައިގެ އާއިލާއެކެވެ. އަހަރެންނަކީ ގެއަކީ އާދައިގެ ގެއެކެވެ. ގެ ހުރީ އާދައިގެ ގޮތަކަށެވެ. އެކަމާއި އަސްމާ އެއްވެސް މައްސަލައެއް ނުޖައްސައެވެ.

އަހަރެމެން ކައިވެނި ކުރިތާ މިހާރު ދެ އަހަރު ވަނީއެވެ. އަހަރެމެން ދެމީހުން އުޅެމުން އައީ ވަރަށް އުފަލުންނެވެ. އެކަކު އަނެކަކަށް އެހީތެރިވަމުންނެވެ. ރަށަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވަނީސް ރަށުއޮފީހުން ވަޒިފާއެއް އަހަރެންނަށް ލިބުނެވެ. އަހަރެންގެ ނަސީބު ކިހާ ގަދަ ހެއްޔެވެ. އަސްމާވެސް މިހާރު އިނީ ވިހަން ގާތްވެފައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

****************

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އޮފީހުން އައިއިރު ކޮޓަރީގައި އަސްމާ އޮތެވެ. އަހަރެން ފެނުމާއެކު އަސްމާއަށް ރޮވިއްޖެއެވެ.

” ބަނޑުގަ ރިއްސަނީ ” އަސްމާ ކުކުރަމުން ބުނެލިއެވެ. އަހަރެން އަވަސްވެގަތީ ސިއްޚީމަރުކަޒަށް ދިއުމަށެވެ.

” އަވަހަށް މާލެ ދާން އުޅޭ ” ޑޮކްޓަރ ބުނުމުން އަހަރެން އަސްމާ މަންމަމެންނަށް ގުޅީމެވެ.

” މިހާރު އަސްމާ ބަލަނީ އަހަރެމެންނެއް ނޫން. ކިތަންމެ ބަލިވިޔަސް މިގެއަށް ނުގެންނާތި ”

އަސްމާގެ ބައްޕަގެ ހަރުކަށި ބަސްތަކުން އަހަރެންގެ ހިތް ޒަޚަމްވިއެވެ. ހަމަ އެރޭގެ މެންދަމު ފުރި ބޯޓަކުން އަހަރެމެން މާލެ އައީމެވެ. އަހަރެމެންނާއެކު ޑޮކްޓަރ ވެސް މާލެ އައެވެ. އަސްމާގެ ހާލު އޭރުވެސް ދެރައެވެ. އަސްމާ ވިއްސާ ކޮޓަރިއަށް ވައްދައިފިއެވެ. އަހަރެން މަޑު މަޑުން ގޮސް ގޮނޑީގައި އިށީނީމެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ނަރުސް ކުއްޖަކު އަހަރެން އެތެރެއަށް ވަނުމަށް އެދުނެވެ. އަސްމާގެ ބޮލަށް އެއްވެސް ކަހަލަ ގެއްލުމެއް ކުރިން ލިބިފައި ވޭތޯ ސުވާލު ކުރިއެވެ. އަހަރެން ނޫނެކޭ ބުނީމެވެ. އެއިރު އަސްމާ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތެވެ. އަހަރެން މަޑުމަޑުން ގޮސް އަސްމާއާއި ގާތްވެލީމެވެ. އަދި ހިތްވަރު ދިނީމެވެ. އަނެއްކާވެސް އަހަރެން ބޭރަށް ނިކުމެ ގޮނޑީގައި އިށީނީމެވެ. އެއިރު ދައްތަމެންވެސް ހޮސްޕިޓަލުގައި އުޅެއެވެ.

” ކޮބާ އިމްރާން ” ނަރުސް ކުއްޖަކު އަހަރެންގެ ނަމުން ގޮވާއެވެ. އެންމެންނަށް އެއްފަހަރާ ދުއްވައިގަނެވުނެވެ.

” ކޮންކަހަލަ ކުއްޖެއް ” އަހަރެންނަށް އަވަސް އަވަހަށް ބުނެވުނެވެ. އޭރު ޑޮކްޓަރވެސް ހުއްޓެވެ.

” އާނ ފިރިހެން ކުއްޖެއް. އެކަމަކު އަސްމާ ސަލާމަތެއް ނުކުރެވުނު. ނިޔާވެއްޖެ. އަސްމާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފަ ހުރީ ” ޑޮކްޓަރ އެހެން ބުނުމުން އަހަރެންނަށް ރޮއިގަނެވުނެވެ. ހިތްވަރު ކުރީމެވެ.

ދައްތަމެން ގެއަށް ފޮނުވާލާފައި އަސްމާގެ ފުރާނަ ނެތް ހަށިގަނޑާއި އެކު އަހަރެން އާ ސަހަރާ އަށް ދިޔައީމެވެ. އެއިރު އަސްމާމެންގެ އާއިލާގެ މީހުން ސަހަރާގައި ތިއްބެވެ. އަހަރެން ފެނުމުން ރޯންފެށިއެވެ. އަހަރެން އެމީހުންނަށް މަޢާފު ކުރީމެވެ.

” ހިނގާ އަހަރެމެން ގެއަށް ދާން ދަރިފުޅު ގޮވައިގެން ” އަސްމާ ބައްޕަ ބުނެލިއެވެ. އެކަމަކު އަހަރެން އެކަމެއް ގަބޫލެއް ނުކުރަމެވެ. އަސްމާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު އަހަރެން ރަށަށް ދާން ފުރީމެވެ. އަހަރެން އެކަނިވީއެވެ. އެކަމަކު އަސްމާ އެދިޔައީ އަހަރެންނާއި އަމާނާތެއް ހަވާލު ކޮއްފައެވެ. އަގުބޮޑު ހަދިޔާއެކެވެ. އަހަރެން އެންމެ ބޭނުންވި ހަދިޔާއެވެ.

( ނިމުނީ )