މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިރޭ ބާއްވާ ނަސްރުގެ ދުވަހުގެ ޖަލްސާގައި ކުރީގެ ފަސްޓުލޭޑީ ނަސްރީނާ އިބްރާހީމް ވާހަކަފުޅު ދައްކަވާނޭ ކަމަށް އެމްއާރުއެމްއިން ބުނެފިއެވެ. އެކަމަނާއަކީ މިފަދަ ޖަލްސާ ތަކުގައި އާންމުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެއްނޫނެވެ.

އެޕާޓީން ބުނީ މިރޭ 8:45 ގައި މިޖަލްސާ އޮންނާނީ ހ. މީރުމާ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. މި ޖަލްސާގައި ނަސްރީނާގެ އިތުރުން ރައީސް މައުމޫން ވެސް ވާހަކަފުޅު ދައްކަވާނެެއެވެ. އޭގެ އިތުރުން ކުރީގެ މިނިސްޓަރުން ކަމަށްވާ ހަމްދޫން ހަމީދާއި، އަނީސާ އަހުމަދު ވެސް ވާހަކަ ދައްކަވާނެއެވެ. އަދި ނޮވެމްބަރު ތިނެއް ވަރަށް ގާތުން ތަޖުރިބާ ކުރެއްވި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ރަފީއު ވެސް ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާގައި ދުވަހާ ގުޅޭ ޚާއްސަ ދުއާއެއް ކުރުން ވެސް އޮންނާނެއެވެ.

އެމްއާރު އެމްގެ ފޭސްބުކް ޕޭކުން މިޖަލްސާ ލައިވް ކުރާނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އެޕާޓީން ވަނީ އާންމުކޮށް އެންމެނަށް ދައުވަތު ދީފައެވެ. އެ ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ ނޮވެމްބަރ ދެވަނަ ދުވަހުގެ ރޭ ގައެވެ. އެހެން ނަަމަވެސް އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫންގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށްވާ ޒިޔާ އައްބާސް ކުއްލި ގޮތަކަށް ނިޔާވުމުން އެޖަލްސާ މިރެއަށް ފަސްކުރެއްވީއެވެ.