އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނާއަށް އަނިޔާ ކުރުމަށް ބައެއްފަރާތްތަކުން ގޮވާލަމުންދާ ކަމަށް ބުނެ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން ބުނެފައިވަނީ ސިޔާސީ ވާދަވެރިކަމުގެތެރެއިން ޚިޔާލުތަފާތުވިޔަސް އެކަކު އަނެކަމަށް މުއާމަލާތްކުރަން ވާނީ އިހްތިރާމާއެކުގައި ކަމަށެވެ. އެ ވާދަވެރިކަމުގެތެރެއިން އަނެކާއަށް ނުރައްކަލެއް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތް ނުކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެންމީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް ކަމެއް ނޫންކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.

"މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީއިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިންކަން މިޕާޓީން އަބަދުވެސް ގަބޫލުކުރާނެއެވެ."

ސިޔާސީ ހަރަކާތްތަކަށް އަންހެނުން ނެރެ، އެ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ރޮޒައިނާއަކީ މަޖިލީހުގައި ހިމެނޭ އަންހެން 4 މެމްބަރުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ.

"މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމަކެވެ. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށްވެސް މިޕާޓީން ދެކެމެވެ."

ރޮޒޭނާއަށް އަނިޔާދިނުމަށް ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޕާޓީން ވަނީ ކަމާބެހޭ ފަރާތްތަަކަށް ގޮވާލައިފައެވެ.

ރޮޒޭނާއަށް އަނިޔާ ކުރުމަށް ގޮވާލާ މައްސަލާގައި އޭނާ ވިދާޅުވެފައިވަނީ އޭނާއާ ދިމާއަށް 40 ފިރިހެނުން ފޮނުވިޔަސް މައިތިރި ކުރައްވާނޭ ކަަމަށެވެ.