އެ ގާޑިޔާ ފުރަތަމަ މަޝްހޫރުވި ފުވައްމުލަކަށެވެ. ބާބާ ގާޑިޔާގެ ނަމުގައެވެ. މިހާރު އެ ގާޑިޔާ ނުދަންނަ ބަޔަކު ރާއްޖޭގައި ނެތޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ހަމަގައިމުވެސް އެ ނަން އަޑުއިވޭނެއެވެ. ސޯޝަލް މީޑިއާގައި އެހާ މަޝްހޫރެވެ. އެހާމެ ހަރަކާތްތެރިއެވެ. ގާޑިޔާއަށް އެއްފަހަރު ޒިޔާރަތްކޮށްފި މީހަކު ދެވަނަފަހަރަށް ޒިޔާރަތްކުރާނީ އެކަން ކުރާހިތުންނެވެ.
ކަސްޓަމަރުންނާ މުއާމަލާތްކުރާ ގޮތުންނެވެ. ބާއްވާ ގާތްކަމުގެ ސަބަބުންނެވެ. ދެމުންގެންދާ ރަށުވަންތަ ޚިދުމަތްތަކުންނެވެ. އެ ޚިދުމަތުގައި އެކުލެވޭ އޯގާތެރިކަމާއި މެހުމާންދާރީގެ ބޮޑުކަމުންނެވެ.
މިހުރިހާ ކަމެއް ގުޅި ލާމެހުމުން ފެންނަނީ އެހެން މަންޒަރެކެވެ. އެކުވެރިކަމުގެ ހިތްގައިމު މާހައުލެކެވެ. އުފާވެރިކަމާއި ހިތްގައިމުކަމުގެ އިހުސާސެކެވެ. ގާޑިޔާ ހިންގާ ހަސަން އަތީގުގެ ސަމާސާ ވާހަކަތަކާއި މިޒާޖާއި އޭނާގެ ޖާދޫއެވެ. އޭނާ ކަސްޓަމަރުންނަށްދޭ ސަމާލު ކަމެވެ. ޒިޔާރަތްކުރާ މީހުންގެ މިޒާޖާ އެއްގޮތަށް ބަދަލުވުމަކީ ހަސަން އަތީގަށް އުނދަގޫ ކަމެއްނޫނެވެ. ފަތުރުވެރިންނާއެކުއެކު އޭނާ އުޅެނީ ލަވަކިޔަމުންނެވެ. އެ މީހުންނާ އެއް ފެންވަރަށް އެލަވައަކަށް ފައިވެސް ހަމަކުރަމުންނެވެ. އެއީ މަޖާ މާހައުލެއްގައި ހިންގާ ސީރިއަސް ވިޔަފާރިއެކެވެ.
ހަސަން އަތީގު (ބާބާ) ގެ ކުޅަދާނަކަމާއި އޭނާގެ ތަނަވަސް ވިސްނުމުން ބާބާ ގާޑިޔާ ބްރޭންޑަކަށް ހަދައިފިއެވެ. ފެށި ކުޑަވިޔަފާރިއެއް ބޮޑު އެއްޗަކަށް އޭގެ ޒާތުގައި ހަދައިފިއެވެ. ފުވައްމުލަކުގެ އައިކޮން އަކަށް އެގާޑިޔާ ވެއްޖެއެވެ. ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެހެން މީހުންނަށް އެތަނަށް ޒިޔާރަތް ކުރަން މަޖޫބޫރު ކުރުވައިފިއެވެ. ފުވައްމުލަކަށް ގޮސްފިނަމަ ބާބާގާޑިޔާއަށް ގޮސް ސެލްފީއެއް ނުނަގައި ހިތްހަމަޖައްސާލުމަކީ ފަސޭހަ ކަމަކަށް މިހާރު ނުވާނެއެވެ.
އެތަނުން ލިބޭ މެހުމާންދާރީއަކީ ރަށުވަންތަކަމުގެ އިހުސާސުގައި ހިތުގެ އެންމެ އަޑިން ދެމުން ގެންދާ ހަގީގީ މެހުމާންދާރީއެކެވެ.
ބާބާގާޑިޔާއިން ވަރަށް ޚާއްސަ ޖޫހެއް ލިބެއެވެ. އޭގެ ޚާއްސަކަން އެނގޭނީ އެ ބޯލާ މީހަކަށެވެ. އެހާވެސް ރަހަމީރު ކަމަށް ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަހަރު މާރިޗުމަހު ފުވައްމުކަކަށް ކުރެއްވި ޒިޔާރަތުގައި ބާބާގާޑިއާއަށް ވަޑައިގެންނެވިއެވެ. އެގާޑިއާއިން ރައީސް އެދުވަހު ހިއްޕެވީ ގާޑިޔާގެ ޚާއްސަ ޖޫހެވެ. އެދުވަހު ރައީސް އަރިހުގައި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް ވެސް ގާޑިޔާއަށް ވަޑައިގެންނެވިއެވެ. އެ ހަނދާންތައް އަތީގު މިހާރުވެސް އައު ކުރެއެވެ. އުފަލާއި ހިތްހަމަޖެހުމާއެކީގައެވެ. އަތީގު ބުނީ އެއީ އޭނާގެ މަސައްކަތުގައި ކުރިއަށްދިއުމަށް ހީވެސް ނުކޮށް ހުއްޓާ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. އެކަމަށްޓަކައި އަދިވެސް އޭނާގެ ހިތްވަނީ އުފަލުން ފުރިފައެވެ. ކުޑަކުޑަ ވިޔަފާރިއެއް މަ
ބާބާ ގާޑިއާއަކީ ތަފާތު ވައްތަރުތަކުގެ ޖޫހާއި ފަންޏާއި ކޮފީއާއި ތަފާތު އެކި ވައްތަރުގެ މީރު ހެދިކާ ލިބެން ހުންނަ މޯބައިލް ގާޑިޔާއެކެވެ. ޒަމާނީ ފެންވަރުގެ މިގާޑިއާއިން ތަފާތު ވައްތަރުގެ ކެއުންތައް ލިބެން ހުރެއެވެ. އޭނާ ގާޑިޔާގެ ވިޔަފާރި ވަރަށްކުޑަކޮށް ފަށައިި މަޝްހޫރު ބްރޭންޑަކަށް ހެދީ މީހުންނާ ރަނގަޅު ގުޅުމެއް އުފައްދައިގެންނެވެ. ރަނގަޅަށް މީހުންނާ މުއާމަލާތް ކޮށްގެންނެވެ. މީހުން ބޭނުންވާ ޚިދުމަތް އެބަޔަކު ބޭނުންވާ ގޮތަކަށް ފޯރުކޮށްދީގެންނެވެ.
އެގާޑިއާއަށް އެކިބާވަތްތަކުގެ ކާނާ ތައްޔާރުކޮށްދޭ މީހުންގެ ކުޅަދާނަކަން ވެސް ފާހަގަނުކޮށް އަތީގަށް ނުހުރެވުނެވެ. އެކަން އޭނާ ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކީގައެވެ.
މިދުވަސްވަރަކީ ވާލްޑްކަޕްގެ ފޯރި މުޅި ރާއްޖޭގައި ހިއްޕާފައިވާ ދުވަސްވަރެކެވެ. ބާބާގާޑިޔާ ވެސް ވަނީ އެފޯރީގައި ޖެހިފައެވެ. ގާޑިޔާ ކައިރީގައި ސްކްރީނެއް ބަހައްޓައިގެން ހުރިހާ މެޗެއް ފެންނަގޮތަށް އަތީގު ވަނީ ކަންކަން އިންތިޒާމް ކޮށްފައެވެ. މީގެ އިތުރު ސްކްރީނެއް ފަހުންް ބަހައްޓާނޭ ކަމަށް އޭނާ ބުންޏެވެ. މެޗު ކުޅޭ ވަގުތުތަކުގައި ވެސް އެމީހަކު ބޭނުންވާ އެއްޗެއް ލިބޭނެއެވެ. ވާލްޑްކަޕުގެ ފޯރިއާއެކު ބާބާގާޑިއާގެ މާހައުލަށް ވަނީ އިތުރު ދިރުމެއް ލިބިފައެވެ.
އެ ގާޑިއާ މިހާރުވަނީ އިތުރަށް ފުރިހަމަވެ ތަރައްގީވެފައެވެ. ގާޑިޔާ މިހާރު ހިންގަނީ ފެނަކަކޯޕަރޭޝަންގެ އެހީތެރިކަމާއެކު ދީފައިވާ ސޯލާއިންނެވެ. އަބަދުވެސް ހިނިތުން ވެފައި ހުންނަ އަތީގަށް އޮތީ ގާޑިޔާ އިތުރަށް ތަރައްގީ ކުރުމެވެ. އެކަމަކު ރަށުވަންތަކަން ނުގެއްލޭ ގޮތަށެވެ. މިހާރުގެ ފެންވަރު ހިފެހެއްޓޭ ގޮތަށެވެ.