ފާރމަސީ ތަކުން އެންޓިބަޔޮޓިކްސް ބޭސް ސިޓީއާއި ނުލާ ދޫކުރާ މިންވަރު ބެލުމަށް މާލޭ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 37 ފާމަސީއަކުން ބޭސް ސިޓީއާ ނުލައި އެންޓިބަޔޮޓިކްސް ވިއްކާފައިވާ ހާމަވެއްޖެއެވެ.
މިއީ މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަހަރު ހިންގި އޮޕަރޭޝަނެކެވެ. މާލޭ ސިޓީގެ 128 ބޭސް ފިހާރައެއް ވަނީ މި އޮޕަރޭޝަނުގެ ދަށުން ބަލައި ފާސްކޮށްފައެވެ.
ޑޮކްޓަރުގެ އިރުޝާދާނުލައި އެންޓިބަޔޮޓިކްސް ބޭނުންކުރުމަކީ އޭގެ ސަބަބުން ރެސިސްޓަންސް އުފެދުމަށް މަގުފަހިވާނެ އާންމު ސިއްޙަތަށް ހުރި ނުރައްކަލެކެވެ. އެހެން ކަމުން ޑޮކްޓަރުގެ ބޭސް ސިޓީއާ ނުލައި އެންޓިބަޔޮޓިކްސް ނުވިއްކުމަށް އެއޮތޯރިޓީން ވަނީ ފާމަސިސްޓުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އެންޓިބަޔޮޓިކަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ. މިއީ ވަރަށް ވެސް އަގުހުރި ވަސީލަތެކެވެ. އެންޓިބަޔޮޓިކްގެ ސަބަބުން ފާއިތުވިތަނުގައި އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިތީޓީން ހާމަކޮށްފައިވެއެވެ. އެތަނުން ބުނެފައިވަނީ ނަހަމަ ގޮތުގައި އެންޓިބަޔޮޓިކްސް ބޭނުންކުރުމުގެ ސަބަބުން އެންޓިމައިކްރޮބިއަލް ރެސިސްޓެންސް މިންވަރު އިތުރުވެ ބޭހުގެ އަސަރު ދަށްވެ ބެކްޓީރިޔާގެ ޒަރިއްޔާއިން ޖެހޭ އެތައް ބަލިތަކެއް ފަސޭހަނުވެ ދިގުމުއްދަތަކަށް ބަލީގެ ވޭން ތަހައްމަލު ކުރަން ޖެހި މިކަމުގެ ސަބަބުން މަރުވާމީހުންގެ އަދަދު މިދަނީ އިތުރުވަމުން ކަމަށް ވެސް ބުނެފައިވެއެވެ.
އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ހުއްޓުވުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ 2050 ވަނަ އަހަރާ ހަމައަށް ފޯރަންވާ އިރަށް މިކަމުގެ ސަބަބުން 10 މިލިއަން އެއްހާ މީހުން މަރުވުމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމައިއްޔާގެ ދިރާސާއަކުން ވަނީ ދައްކައިފައެވެ.
އެންޓިމައިކްރޮބިއަލް ރެސިސްޓެންސް އަކީ ބެކްޓީރިޔާ (ޖަރާސީމު) އެންޓިބަޔޮޓިކްއަށް ހޭނި އެންޓިބަޔޮޓިކް އިން ފަރުވާކުރުމުގައި އެދެވޭ ނަތީޖާ ހާސިލްނުވެ، ތަފާތު ބަލި ޖައްސާ ޖަރާސީމުތައް މަރާލާ ނެތިކޮށްލުމަށް ތައްޔާރު ކުރެވިފައިވާ ބޭސް ތަކަށް ބަލި ފަސޭހަ ނުވުމެވެ. ނުވަތަ އެބޭސްތައް ބޭނުން ކުރުމުން ވެސް ބަލި ޖައްސާ ޖަރާސީމުތައް މަރުނުވުމެވެ. މިހެން ދިމާވެއްޖެ ނަމަ މުޅި ދުނިޔެ ނުރައްކާތެރި ހާލަތަކަށް ދާނެއެވެ. މިކަން ނުހުއްޓުވައިފިނަމަ ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމާއި،ބަލިތައް ދުރާލާ ހުއްޓުވުމުގައިލިބިފައިވާ ހުރިހާ ކާމިޔާބީ އެއް ގެއްލިދިޔުމުގެ ފުރުސަތު އެބައޮތެވެ. ފަރުވާތައް ހޯދިފައިވާ އާއްމު އިންފެކްޝަން ތަކުގެ އިތުރުން ކެންސަރާއި އެހެނިހެން ދިގުލާ ބަލިތައް ބެލެހެއްޓުމަކީ އުނދަގޫ ނުވަތަ ނާދިރު ކަމަކަށްވުމުގެ ފުރުސަތު ބޮޑުވެދާނެއެވެ.
ދުނިޔެއަށް އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކުރިމަތިވެފައިވަނީ މިންގަނޑެއް ނެތި އެންޓިބަޔޮޓިކްސް ލިޔެދިނުން، ލިޔެދީފައިވާ މުއްދަތަށް ބޭސް ބޭނުންކޮށް ޑޯޒް ފުރިހަމަ ނުކުރުމާއި، ކާން ބޭނުންކުރާ ޖަނަވާރުތަކުގެ މަސް އާލާ ކުރަން އެކަށީގެންވާ ވަރަށް ވުރެ ގިނައިން އެންޓިބަޔޮޓިކްސް ދިނުމުގެ އިތުރުން ސިއްހީ ޚިދުމަތް ދޭއިރު އިންފެކްޝަންސްތައް ފަސޭހަކުރުމުގައި ފަރުވާ ކުޑަކުރުން ކަމުގައި ދިރާސާތަކުން ހާމަވެފައިވެއެވެ. ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމަކަށް ވީނަމަވެސް އެންޓިބަޔޮޓިކް ބޭނުންކުރެވޭ ވަރު މިއަދުމިވަނީ އިތުރުވެފައެވެ. މީގެ އިތުރުން ފާމަސީ ތަކުން ބޭސް ސިޓީ އާއި ނުލާ އެންޓިބަޔޮޓިކް ވިއްކާ މިންވަރު އިތުރުވަމުން ދާކަން މިވަނީ ހާމަވެފައެވެ. އެހެންކަމުން ބޭސް ބޭނުންކުރައްވާ ބޭފުޅުންގެ އިތުރުން ސިއްހީ ޚިދުމަތް ދެއްވާ ބޭފުޅުން މިކަމުގައި ހަރަކާތްތެރިވެވަޑައިގަތުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެކެވެ. މިގޮތުން ޑޮކްޓަރުން ލިޔެދެއްވާފައިވާ ބޭސް ވިއްކުމަށާއި، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭސް ނެގުމާއި ބޭސް ބޭނުންކުރަން ޖެހޭ މުއްދަތަށް ބޭސް ބޭނުން ކުރުމަކީ ވަރަށް މުޙިއްމުކަމެކެވެ. އަދި ކޮންމެހެން ބޭނުން ނުކޮށް ނުވެގެން ދާ ހާލަތެއްގައި ނޫނީ އެންޓިބަޔޮޓިކް ބޭނުން ނުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.