އަލިފުޅުބެއާއި ސަންފައްތައަކީ، އިނދެގެން އުޅުނަސް ދުނިޔަވީ ކަންކަމުގައި އަމިއްލަ ބަސް ބުނަން އާދަވެ ޝަޚްޞީގޮތުން ތަޞައްރަފު ފުދިފައި ތިބި ދެ މީހުންނެވެ. އެކަމަކު، ދެމީހުން ދެކޮޅަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް އާޚިރުގައި ކަން ނިމެނީ، އެ ކަމަކާމެދު އެންމެ ބުއްދިވެރި ހެޔޮބަސް ބުނި މީހާގެ ބަހާ އެއްގޮތަށް ދެމީހުން އެއްބަސްވެގެން ނެވެ. ސަބަބަކީ ދެމީހުން ވެސް ދިރިއުޅުމުގެ ކަންކަމުގައި ނެރެން ބޭނުންވަނީ އެއް ނަތީޖާއެއް ކަމުގައި ވާތީ އެވެ. އެ ނަތީޖާއަކީ، އުފާވެރި، ބަދަހި ޒަވާޖީ ޙަޔާތެކެވެ. އެ ދެމީހުންގެ އުމުރު ހޭދަކުރަމުން އެ ގެންދަނީ އެ ވަރުގަދަ ބިންގަލުގެ މަތީގަ އެވެ. އެ ފޮނި ނަތީޖާ ލިބިގެން ތިބެ އެވެ.
ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން މިހެން އޮތް ނަމަވެސް، އެ ދެމީހުން އެއްގަލަކަށް ނާރާ އެއްކަމެއް އޮވެއެވެ. އެއީ ސިޔާސީ ފިކުރެވެ. ދެ މީހުންނަށް އަބަދުވެސް ތާއީދު ކުރެވެނީ ދެ ޕާޓީއަކަށެވެ. އެ ދެ މީހުންގެ މި ދެބަސްވުން ވެސް އެ ދެ މީހުން ދެކެނީ، މުސްކުޅި އުމުރުގައި ފޫހިފިލުވައިލާ މަޖާ ކަމެއްގެ ގޮތުގަ އެވެ. ދެ މީހުން ވޯޓު ލާން ދާނީ ވެސް އަދި ވޯޓު ލައިފައި އަންނާނީ ވެސް އެކުގައެވެ. އެ ކަމަކު އެ ދެ މީހުން ވޯޓު ލާނީ ވާދަވެރި ދެ ޕާޓީގެ ދެ ކެންޑިޑޭޓުންނަށް ކަން ރަށު އެންމެނަށް ވެސް އެނގޭނެ އެވެ. އަލިފުޅުބެ ކޮންމެ ވޯޓަކަށް އަލަށް އަސްރުމާ ގަމީހެއް ލާނެތީ ކޮންމެވެސް އެއް ކުއްޖަކު އަލިބެގެ ވޯޓު ގަމީސް ގަނެގެން ގެނެސްދޭނެ އެވެ. ސަންފައްތަ އެންމެ އުފާވާނީ ރަންރީނދޫ ބުރުގާއެއް ހަދިޔާއަކަށް ދިނީމާކަން ހުރިހައި ދަރިންނަށާއި ރައްޓެހިންނަށް ވެސް އެނގޭތީ އެ ހަދިޔާ ކޮންމެ ވޯޓަކާ ގުޅިގެން ވެސް ދެތިން ފަރާތަކުން އަންނާނެ އެވެ.
ގޭތެރޭގައި މި ދުވަސްކޮޅު ވޯލްޑްކަޕްގެ ފޯރި އިންތިހާއަށް ގަދަވިޔަސް، އަލިފުޅުބޭގެ ދެމަފިރިންނަށް މުހިންމީ 2023 ގެ ބަޖެޓް ބަހުސް ހިނގަމުންދާ ގޮތެއް ބެލުމެވެ. މިއީ ވެސް އޭގެ ތެރެއިން އެއް ދުވަހެވެ.
އަލިފުޅުބެ ބޭރުގައި ހުރެފައި ގެއަށް ވަންއިރު ސަންފައްތަ ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އެކަމަކު ސިޓިންގ ރޫމުގައި ސަންފައްތަ ނޫން މީހަކު ނެތެވެ. އަޑެއް އަންނަ އެއްޗަކަށް ދެން ހުރީ ހުޅުވާފައިހުރި ޓީވީ އެވެ. އެއީ އަބަދުވެސް ސަންފައްތަގެ ހާލެވެ. މަޖިލިސްގައި މެމްބަރު ދައްކާ ހުރިހައި ވާހަކައަކަށް، ޓީވީން ބަލަން އިދެގެން ސަންފައްތަ ދާނީ ރައްދު ދީ ނިންމަމުންނެވެ.
ގެއަށް ވަންނަމުން އަލިފުޅުބޭ ބުނެފިއެވެ. [އާނ، ކޮބާ، ސަންފައިދީ! ކީކޭބާ މި އަދު ނަޝީދު ވިދާޅުވަނީ؟ ގައިމު އިއްޔެ ސިޓީއެއް ފޮނުވިޔޯ އެ ބުނާ ބަޖެޓް ދިރާސާ ކޮމިޓީއަކަށް، ފަސް ބިލިއަނެއްތޯ އެއްޗެއް އަމީރުމެން ކައިފިއޭ ކިޔާފަ. އެ ވާހަކައެއް ނުކިޔާތަ، މި އަދަކު؟]
[އަލިފުޅާ! އޭނާ އެކަހަލަ ކިތަންމެ ވާހަކައެއް ވިދާޅު ވާނެ. އަސްލުގާ އޭނައަކީ މިހާރު އަލިފުޅުމެންގެ މީހެކޭ. ނޫނީ އެއަށްވުރެ ވެސް ނުބައި] ސަންފައްތަ ނުރުހިފައި ބުންޏެވެ.
[ނާނާ، އަހަރެމެންނަށް ހެޔޮ އޭނަ ނަޔަކަސް. އޭނަ ގެންނާކަށް ވެސް ރައީސް ޔާމީނެއް ނޫޅުއްވާނެ. ދެން އެހެން ނޫނަސް، އަހަރެމެންގެ ޕާޓީއަކީ ޑަސްބިނެއް ވެސް ނޫނޭ، ބާވެގެން އުކާލާ އެއްޗެހި އަޅާކަށް، ސަންފައިދީ!] އަލިފުޅުބޭ ހިފީ ސަންފައްތަޔާ ދެކޮޅަށެވެ.
[ސަންފައިދީ! މަގޭ ހިތަށް އަރަނީ، އެ ފުނަދޫ ޝިފާއު އެ ބުނީ ހެޔޮ އެއްޗެއްހެނޭ، މަލާމާތަކަށް ނަމަވެސް، ނޫންތަ؟ އޭނަ ބުންޏެއްނު، ދޮގު ހަދަމުން ހަދަމުން ގޮސް އެ ދޮގުހެދި މީހާޔަށް ވެސް އެއީ ތެދެއް ކަމަށް ގަބޫލު ކުރެވޭނެއޭ މީހަކު ބުންޏޭ، އެއީ ނަޝީދުގެ ވާހަކައޭ، ސަންފައިދިއަށް އެނގޭތަ؟] އަލިފުޅުބޭ ބުންޏެވެ.
[އާނ، އަލިފުޅާ! މަށަށް އެއްޗެއް ނޭނގިގެނެއް ނޫނޭ މި އުޅެނީ، ވައްބަހުން ބުންޏަސް ހަތަރެސްކަން ބަހުން ބުންޏަސް ތިޔަ ސިޔާސީ މީހުންނަކަށް ނުދެއްކޭނެ މަށަށް ނުވިސްނޭނެ ވާހަކައެއް. އަލިފުޅަށް ދޯ އެ ކަން ބޮޑަށް އެނގޭނީ ވެސް. މަ ނޫޅެމޭ މަގޭ ޕާޓީގެ މީހުންނޭ ކިޔާފަ ކޮންމެހެން ވަކި ބަޔަކު ދިފާޢު ކުރާކަށް، އަލިފުޅު އުޅޭހެން] ސަންފައްތަ އަލިފުޅުބޭގެ ވާހަކައަށް ނުރުހިފައި ބުންޏެވެ.
[ނޫން! ތިހެން ނުބުނޭ، ސަންފައިދީ! ޔާމީނު ވިދާޅުވިޔަސް ނުޙައްޤުބަހަކާމެދު އަހަރެން ނޯންނާނެ އާނއެކޭ ބުނެފަ، ދުވަހަކުވެސް. އަސްލުވެސް މެޑަމް އޭރު އެ އުޅެގަތް ގޮތުން ވެސް އަހަރެން ނުބުނަންތަ، ސަންފައިދި ކައިރީގަ، އަހަރެމެން ބަލިވާނެއޭ، ވޯޓުން. ސަންފައިދިމެންނޭ މޮޅުވާނީ. މަ ބުނިގޮތަކަށްނު، ވީ ވެސް.] އަލިފުޅުބޭގެ ބަސްމަގު ހުންނަ ގޮތް ސަންފައްތައަށް ހަނދާން ކޮށްދިނެވެ.
[ނޫނޭ، އަލިފުޅާ! އަލިފުޅު ތިޔަހެން ނުބުނެއެކޭ ނޫން. އެކަމަކު މައުމޫން ޖަލަށް ލާން ހުކުންކުރި ރޭ، ކީކޭ އަލިފުޅު ބުނީ؟ މައިތިރި ނުވެގެން އުޅެންޏާ އެހެނޭ ވާނީ އަލިފުޅު ނުބުނަންތަ؟] ސަންފައްތަ އަލިފުޅުބެއަށް ހަނދާން ކޮށްދިނެވެ. [އެކަމަކު، އެއީ ދޯ އަސްލުގަ އަލިފުޅުމެންގެ ތިބުނާ ޔާމީނު ރައީސަކަށް ހެދި މީހަކީ؟ އެހެން ވީމަ، އަލިފުޅުމެން ރަނގަޅުވާނީ ހައްގޭ، ހައްގުބަހޭ ނުކިޔުން] ސަންފައްތަ އަލިފުޅުބޭގެ ކުށް ދެއްކި އެވެ.
[ބަލަ! ސަންފައިދީ. މިހާރު ސަންފައިދި ތިއިނީ މަ އޭރު ހުރިގޮތަށް ބަދަލުވެފައެއް ނޫންތަ؟] އަލިފުޅުބޭ ސުއާލު ކޮށްލި އެވެ.
[ކޮބާ އެ ގޮތަކީ؟] ސަންފައްތަ އިތުރަށް އޮޅުން ފިލުވަން ބޭނުން ވިއެވެ.
[އެއީ؟ އެއީ ވެރިކަން ހޯދަދީފަ ބަޣާވާތް ކުރަން އުޅުން. ވެރިކަން ވައްޓަން އުޅުން. ތިމާ ބުނާހައި ގޮތަކަށް ހުރިހައިކަމެއް ވާން ބޭނުން ވުން. މީހަކު ނަމެއްގައި ހުއްޓަސް އަސްލު ވެރިއަކީ ތިމާކަމަށް ވާން ބޭނުން ވުން] އަލިފުޅުބެ އޮޅުން ފިލުވައިދިނެވެ. [އެ ހިސާބުން ވެސް އަހަރެން ބުނީމެއްނު، ސަންފައިދި ކައިރީގައި މައުމޫނަކީ މިހާރު ސަންފައިދިމެންގެ މީހެކޭ، އެހެން ވެގެނެއް ނޫންތަ ނިމުނީ. މައުމޫނު އަހަރެމެންނާ އެކު ހުރިނަމަ ސަންފައިދިމެންގެ ޕާޓީ މިހާރަކު ވުޖޫދަކު ވެސް ނެތީސް] އަލިފުޅުބެ އިތުރަށް ވެސް ކިޔައިދިނެވެ.
[އާނ، ދެން ތި ބުނަނީ، ނަޝީދަށް ވެސް މި ވަނީ މައުމޫނަށް ވީހެންނޭ ތަ؟ އެހެން ވާކަށެއް އަދި ނުޖެހޭ ދޯ އޭނައަކަށް. އޭނަ ޖަލަކަށް ނުލާ. އެހެރީ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކަށް. ޢިއްޒަތާ ޝަރަފު އެބޮތް. ޕާޓީގެ ރައީސްކަން އެބޮތް. އެހެން ނޫނަސް، ޔާމީނާ ސޯލިހާ އަނިޔާވެރިކަމުގައި އެއްވަރެއް ނުކުރެވޭނެ. އެއީ ހަމަ އެކަކު ވެސް ގަބޫލު ކުރާނެ ކަމެއް ނޫން، އަލިފުޅު ބުންޏަކަސް.] ސަންފައްތަ ނުރުހިފައި ބުންޏެވެ.
[އާނ، ސަންފައިދީ، އަހަރެން މި ބުނަނީ، އެ ދުވަހު އަހަރެން ބުނީމޭ މައުމޫނަކީ ސަންފައިދިމެންގެ މީހެކޭ. މިއަދު ސަންފައިދި ތި ބުނަނީއޭ ނަޝީދަކީ އަލިފުޅުމެންގެ މީހެކޭ. ތަފާތެއް ނެތެއްނު؟ ދެން އަނިޔާވެރި ނުވާ ވާހަކަ ބުނާއިރު، ސިޔާސީ މީހަކަށް އެންމެ އަސަރުކުރާނެ އެއްކަމަކީ، ތިމާ އެ ބަޔަކު ބަޔަކަށް ހަދައިދިނީމާ، ކާންދިން އަތުގަ ދަތްއެޅުން ދޯ؟ އެ ކަން ސަންފައިދިމެން ނުލާހިކު ރީތިކޮށް އެބަ ކުރަމެއްނު؟ މި ބުނަނީ ކޮންމެހެން ޔާމީނު، މައުމޫނަކަށް އެ ކަން ނުކުރެއެކޭ ނޫން. ދެން ޕާޓީގެ ރައީސް ކަމަކީ ވެސް ހަމަ މޮހޮނަށް އޮޑިދިން އުޞޫލުން އޮތް ކަމެއް ދޯ؟ ތިޔަ މަޖިލިހުގައި ތިބެ ރިޔާސަތުގައި އިންނަ މީހާއާ ދިމާއަށް ޢިއްޒަތްތެރި ރައީސޭ ކިޔާފައި ފެށިޔަސް އަޞްލުގައި، ކަނަށް ބީތާއަށް ފާޅުގައި ކުރިމަތީގައި އެ ގޮވަނީ، އެހެންނު؟ އެ ތަން ބެލީމަ ދެން އެނގޭދޯ ހަރުގެތެރޭގަ ކަން އޮންނާނެ ގޮތް؟] އަލިފުޅުބޭ ސަންފައިދިއަށް ތަފްޞީލު ކޮށްދިނެވެ.
[އަހަރެން ތި ކަމަކާ އަލިފުޅަކާ ދެބަސް ވާކަށް ނެތިން. އަސްލުވެސް މިހާރު ތި ބުނާހެން މަށަށް ވެސް އެބަ އޮޅޭ ކޮބައިކަން އަހަރެމެންގެ މީހުންނަކީ. ކޮބައިކަން އަލިފުޅުމެންގެ މީހުންނަކީ. ހަމަ އަޞްލުގައި ވެސް ވަތްކެއް ނުވޭ މިހާރަކު އެގަހު ކޭލެއް މިގަހު ކޭލެއް] ސަންފައިދި އަލިފުޅުބެއާ އެއްބަސްވި އެވެ. (ނުނިމޭ)