ދިވެހިދައުލަތުގެ ވެރިން، ލާރިފޮއްޗަކަށް އެދި މުޅި ދުނިޔޭގައި ސަލާން ނުޖަހާ ދުވަހެއް ދިވެހިރައްޔިތުންގެ 90 އިންސައްތަ މީހުން ދެކެފައެއް ނުވެ އެވެ. މިއީ ޤައުމަކުން ހިންގާނެ އެންމެ ހުތުރު އެއް އަމަލެވެ. އެހެން ނަމަވެސް ވޭތުވި 40 އަހަރު ދިވެހިން ވޭތުކުރީ ކެނޑިނޭޅި މި ކަން ކުރަމުންނެވެ. އަދި ކުރިޔަށް އޮތްތާނގައި ވެސް މި ކަން ދާނީ ބާރަށް ކުރިޔަށެވެ. އެ ކަމުގައި އެއްވެސް ޝައްކެއް ނެތެވެ.

ބައިމިލިޔަން ހަމަވާ ނުވަތަ ނުވާ ވަރުގެ ކުޑަކުޑަ އާބާދީއެއް ބަލަހައްޓާ ބަޔަކު މި ކުރަނީ ފަހެ ކީއްހެއްޔެވެ؟ ހިއުމަން ޑިވެލޮޕްމަންޓް އިންޑިކޭޓަރސް ނުވަތަ އިންސާނީ ތަރައްޤީގެ މިންގަނޑުތަކާއި މީޓަރުތަކަށް ބަލާއިރު، މިއީ ބަލައިގަންނަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިން ދިވެހިރާއްޖެ އަކީ މި ސަރަޙައްދުގެ އެންމެ ކުރީގައި އޮތް ޤައުމެވެ. އިޤްތިޞާދީ ނަފާވެރިކަމަށް ބަލާއިރު ވެސް އެވަރެޖްކޮށް އެންމެން އުޅެނީ ތިޔާގިކަން މަތީގަ އެވެ. މާ ބޮޑެތި މުއްސަނދިން ގިނައިން ނެތަސް އިންތިހާދަރަޖައިގެ ފަގީރުން ވެސް ނެތެވެ. މި ހިނގާ އަހަރުގެ ފަތުރުވެރިކަމަށް އެކަނި ބެއްޔަސް ކޮންމެ ރައްޔިތަކަށް ދެތިން ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. އެކަމަކު، ޤައުމުގެ ވެރިން ނާށިގަނޑު އަތުން ދޫކޮށްލާކަށް ނޫޅެ އެވެ. ސަލާންޖެހީމާ އެއްޗެއް ނުދޭ ހިސާބަށް ކަންކަން ދިއުމުން ދެން މި ފެންނަނީ ރަހުނުގެ ގޮތުގައި ހަރުމުދާ ވިއްކާތަނެވެ. މަރްކަޒީ ބޭންކުން ފައިސާ ޗާޕު ކުރާތަނެވެ.

ރައްޔިތުންގެ ތެރެއިން ޢާންމުން މި ތިބީ މިކަމާ ޙައިރާންވެ ދެލޯ ބޮޑުވެފަ އެވެ. ޤައުމަށް ހެސްކިޔާފަ އާމްދަނީ ލިބެ އެވެ. ކުރަންޖެހޭ ޚަރަދު ބަރާބަރަށް ކުރެއެވެ. އެ ޚަރަދުތަކަށް ވުރެ ބޮޑީ އޭގެ ހަވާސާ ޚަރަދެވެ. ކަން ހިންގާ މީހުން ނަގާ ކަޓެވެ. ހިންގާ ކޮރަޕްޝަނެވެ. ކޮންމެވެސް ބަޔަކު އެއަށް ކިޔަނީ [އޮކްސިޖަން] އެވެ. މިއީ ކަން ހިންގުމުގައި އޮތް ގޮތެވެ. ކަމެއް ނުހިންގައި ނަގާ ފައިސާ ވެސް ވަކި މަދެއް ނޫނެވެ. ބައެއް ފަހަރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ގޮތުން ދޭ އެއްޗެއްގެ ގޮތުގައެވެ. އަނެއްބައި ފަހަރު އިދާރީގޮތުން އޮޅުން އަރައިގެން ނޭނގި ދެވޭ އެއްޗެއްގެ ގޮތުގަ އެވެ. ބަޔަކަށް ފަޅާއަރައި އެ ވާހަކަ އާންމު ވެއްޖެއްޔާ އޮޅުމަކަށް ވެދެއެވެ. ނޭނގި ހިނގައްޖެއްޔާ ދެން އެ ނިމުނީ އެވެ.

އިސްރާފުގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތަކާއި ކުންފުނިތަކުން ހޭދަކުރާ ފައިސާ ވެސް އެހައި ގިނަ އެވެ. ތިމާމެންނަށް އެކި ގޮތްގޮތުން އެހީތެރިވާ، އަދި އެހީއެއް ލިބިދާނެހެން ހީވާ މީހުންނަށް، ނަންޖަހައިގެން އުފައްދާ މަޤާމްތަކާއި ދޭ ބޮޑެތި މުސާރަތަކާއި ޢިނާޔަތްތަކެވެ. މުނާސަބާ ފާހަގަ ކުރުމާއި، ރަސްމިއްޔާތު ބޭއްވުމާއި، ތަޖްރިބާ ދަތުރުތަކާއި، ގުޅުން ބަދަހިކުރުމަށް ކުޅޭ ތަފާތު މުބާރާތްތަކާއި، ރައްޓެހިން އުފައްދާފައި ހުންނަ ކަރުދާހު ޖަމްޢިއްޔާތަކަށްދޭ ސްޕޮންސަރ ތަކެވެ. އެކިއެކި ޓްރޭނިންގ ތަކާއި، ކޯސްތަކާއި، ސެމިނަރ ތަކާއި، ޖަލްސާތަކާއި މަހާސިންތާ ތަކެވެ. މީގެ ގިނަ ކަންކަމަކީ، ހަމަ އެއްވެސް ނަތީޖާއެއް ޙާޞިލު ނުވާ، އަދި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޢާންމުވުން ނޫން ކަމެއް ފެންނަން ނުހުންނަ، އިޖްތިމާޢީ ނުވަތަ އިޤްތިޞާދީ އެއްވެސް ފައިދާއެއް މުޖުތަމަޢަށް ނުކުރާ ކަންތައްތަކެވެ.

2023 ވަނަ އަހަރުގެ ބަޖެޓްގައި އެ އަހަރަށާއި މި ހިނގާ އަހަރަށާއި ދެ އަހަރަށް ބޮޑެތި ޑެފިސިޓްތަކެއް ހިމަނާފައި ވެއެވެ. ބަޖެޓްގައި އަދަދުތަކެއް ޖެއްސަކަސް އެ ފައިސާއަކީ ކަނޑުން އެ އަދަދަކަށް ލައްގާ އެއްޗެއް ނޫނެވެ. އެއީ އެ އަދަދަށް ޚަރަދު ކުރުމަށް ޤާނޫނީ ގޮތުން ނަގާ ހުއްދައެކެވެ. ހުއްދަ ދީފައި އޮތަސް ޚަޒާނާގައި ނެތް އެއްޗެއް ޚަރަދުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން، އެ އަދަދަށް ފައިސާ ހޯދޭނޭ ގޮތްތަކެއް ސަރުކާރުން ރާވަންޖެހެ އެވެ. އެ ގޮތްތަކަކީ ޓެކްސް ބޮޑުކުރުމާއި، އިތުރު ފީތައް ނެގުމާއި ނެގޭ ފީތައް ބޮޑުކުރުމެވެ. ޤާނޫނުގެ ބޭނުން ކޮށްގެން އަތުލެވެން ހުރި އެއްޗެއް އަތުލުމެވެ. މީހަކު ކިރިޔާ ގޯސް ކަމެއް ކުރިޔަސް އޭނާ ޖުރުމާނާ ކޮށްގެން ފައިސާ އަތުލުމެވެ. މާލީ އިދާރާތަކުންނާއި، ދަރަނިދޭ ޤައުމުތަކުން ދަރަނި ނެގުމެވެ. ދައުލަތުގެ ހަރުމުދާ ވިއްކުމެވެ. މިހެންގޮސް އެތައް ކަމެކެވެ.

އިސްވެ މި ބަޔާންކުރި ކޮންމެ ކަމަކީ ވެސް، ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. މުދަލާއި ޚިދްމަތުގެ އަގު ބޮޑުވާ ކަމެކެވެ. އެހެންކަމުން، ޒަރޫރީ ޚަރަދު ބަރަދު ހަމަޖެއްސުމަށް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތް ކޮށްގެން ނޫނީ ފަރުޖެއްސޭކަށް ނޯވެ އެވެ. އާޚިރު ނަތީޖާއަކީ، ދައުލަތް ހިންގުމަށާއި، ކޮރަޕްޝަނަށާއި، އިސްރާފަށް ހޭދަވާ ފައިސާ ނުކުންނަނީ ރައްޔިތުންގެ ޖީބުތަކުން ކަމުގައި ވުމެވެ. އެ ފައިސާ ރައްޔިތުންގެ ޖީބުތަކަށް ވެއްދުމަށް ރައްޔިތުން އިންތިހާއަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމެވެ. އެ ފައިސާއިން ދެކޮޅުނުޖެހޭ އަދަދު ލިޔެވިގެން ދަނީ ޤައުމީ ދަރަނީގެ ދަފްތަރުގައި ކަމަށް ވުމެވެ. އެ އަދަދުތައް މައްޗަށް ދާ ވަރަކަށް ބައިނަލްއަޤްވާމީ ދާއިރާގައި ޤައުމަށް ކުރާ އިޙްތިރާމާއި ޤަދަރު ކުޑަވަމުން ދަށްވަމުން ދިއުމެވެ. ދަރަނީގެ ދަންތުރައިގައި ރައްޔިތުން ތާށިވުމެވެ. މި ލޮބުވެތި ޤައުމުގެ ރައްޔިތަކަށް ވީތީ ދަރަނިވެރި އަކަށް ވާން މަޖްބޫރު ވުމެވެ. ރައްޔިތު މީހާއަށް ޙައްޤު މިންވަރަކީ މިއީއެއް ނޫނެވެ. ރައްޔިތުމީހާއަށް ލިބެންޖެހޭ މިންވަރަކީ ވެސް މިއީއެއް ނޫނެވެ.

މި ބުނެވިދިޔަ ކަންތައްތަކަކީ، އޭގެ ތަފާސް ހިސާބާއި އިންސައްތަ ބަޔާން ކުރުމުގައި ވަގުތު ނަގާލަންޖެހޭ ވަރަށްވުރެ މާ ސާފުކޮށް އެންމެނަށް އެނގޭ ކަންތައްތަކެކެވެ. އޮޅުން އަރާފައިވަނީ މި ކަންކަމުގެ ޙައްލު ހޯދައި، ކޮންމެވެސް ދުވަހަކުން މި ބޮޑު ކަންތައްގަނޑުން ރައްޔިތުން ސަލާމަތް ކޮށްދޭން ބަޔަކު ކަމެއް ކުރޭތޯއާއި ކުރާ ނަމަ ކުރަނީ ކީއްތޯ ދެނެގަތުމުގަ އެވެ.

ތެދުފުޅެކެވެ. ބަނދަރު ހަދަންޖެހެއެވެ. އެކަމަކު 2017 ވަނަ އަހަރު ހަދަން ފަށާ ބަނދަރު 2022 ގެ ނިޔަލަށް ވެސް ނުނިމި ހުރީމައި ކަމަކު ނުދެއެވެ. ޓާފް ދަނޑުތައް އަޅަން ބޭނުމެވެ. އެކަމަކު އެއް ރަށެއްގެ އެއް ދަނޑުގައި ޓާފް އަޅައިފައި ނަގައިފައި މި ގޮތުގައި ތިން ހަތަރު ފަހަރު ތަކުރާރުކޮށް އެ ކަމަށް ތިން ހަތަރު އަހަރު ވީމައި ކަމަކު ނުދެއެވެ. ސްކޫލްގެ ޖާގަ އިތުރުކުރަން ކޮންމެހެންވެސް އެބަ ޖެހެ އެވެ. އެކަމަކު ސޮއިކުރާ ކޮންޓްރެކްޓަރު ކަޓު ދީގެން އެ ޕްރޮޖެކްޓެއް ނަގާފައި ސަބުން ސަބުން ސަބުން ގޮސް ސަބް ވީ ހިސާބު ނޭނގި، އެޑްވާންސަށް ދިން 15 ޕަސެންޓަށް ވީ ގޮތެއް ނޭނގި، ސަބަށް މަސައްކަތް ކޮށްދިން މީހުންގެ ވިޔަފާރި ބަނގުރޫޓު ވީމަވެސް ކަމަކު ނުދެ އެވެ. އަސްލު މަސައްކަތް ކުރާ މީހާ ހޭބޯނާރައި މަސައްކަތް ކޮށްފައި ހުށަހަޅާ ބިލަށް ފައިސާ ލިބެނީ، ސިޔާސީ އަދި އިދާރީ އިސް ބޭފުޅުން އެންޓަރޓެއިން ކުރަން ކޮފީ މޭޒުގައި ފޯނުކޮއްޓަން އިންނަ އެކްޓިވިސްޓަކަށް ކަމަށް ވީމާ އެ ކަން ބަލައެއް ނުގަނެވެ އެވެ. އަދި އެ މީހާ އެ ފައިސާގެ ޙައްގުވެރިފަރާތަށް އެ ފައިސާ ނުދީ ލަސް ކުރުމާއި އަމުދުން ނުދިނުމުން އޭގެ ނަމަކަށް ކިޔަން ޖެހެނީ ޖަރީމާ އެވެ.

ޤައުމީ މި ބޮޑު މައްސަލައިގައި އެންމެ މަދުން ފެންނަނީ މި ކަންކަން މަދުކޮށް ހުއްޓުވޭތޯ ހިތްވަރުކުރާ ދެތިން މީހެކެވެ. އެ މީހުން އެ ތަންތާނގައި ތިބެނީ އަދަކުތޯ މާދަމައަކަށް ހަދާފަ އެވެ. މަތިމައްޗަށް އިންޒާރާއި ނަސޭހަތް ދީފަ އެވެ. ނުވިތާކަށް އެތައް ތުހުމަތެއް އަޅުވައި ފްރޭމްކޮށް ފިޔަކޮށާފަ އެވެ. ރީތި ނަންނަމުގައި، އޭސީސީތަކާއި، އޮޑިޓް އޮފީސްތަކާއި، އެސެޓް ރިކަވަރީތަކުގެ ވާހަކަ ދައްކާނެ އެވެ. ބޮޑެތި ހަފްލާތައް ބާއްވައި ރިޕޯޓްނެރެ ފޮނިކެނޑުން ފިޔަވައި ކުރެވޭހައި ވެސް ކަމަކީ ދުރުން ފާހަގަކޮށް ލޭބަލްކޮށް ހުނިޖަހައިގެން ފާހަގަކޮށް އެ މީހުންނަށް ލަނޑުދީ އަބުރު ދުއްވައިލުމެވެ. ވިސްލްބްލޯވަރ ޕްރޮޓެކްޝަންގެ ދަށުން މީހަކު ކަމެއް ހުށަހަޅާއިރަށް އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެ އޭނާ ބޭރު ކުރެވެއެވެ.

ދައުލަތުގެ ތަންތާނގައި، ގަސްދުގައި ކެރިތިބެ ފާޅުގައި ހިންގާ މި ބޮޑެތި ޖަރީމާތައް ބަލާ ބަޔަކު ނެތެވެ. ދައުލަތުގެ ތަންތާނގެ ބަޖެޓުން ކުރާ ޚަރަދުގެ އިފެކްޓިވްނަސް ވަޒަންކުރާ ފަރާތެއް ނެތެވެ. ކައުންސިލްތަކަށް ދޭ ގްރާންޓް ފައިސާއާއި އެ ތަންތަނަށް ލިބޭ އާމްދަނީ ޚަރަދުކުރަނީ ކިހިނެއްތޯ ބަލާނޭ އެކަށީގެންވާ ގޮތްތަކެއް ވުޖޫދުވެފައެއް ވެސް ނެތެވެ. ކެރޭބަޔަކު ކެރިގެން ކޮށްފިއްޔާ ނިމުނީ އެވެ. ނުކުރާ ބަޔަކު ނުކޮށް ތިބީ އެ ވަރުގެ ގަޓެއް ނެތީމާ ތޯއްޗެކެވެ. ކުރުކޮށް ދަންނަވާނަމަ ފައިނޭންޝަން ކޮންޓްރޯލިން އޮތީ ކަށުނަމާދު ޞޮފްހާގައެވެ.

ކޮންމެ ފަސްއަހަރަކުން ރައްޔިތުން އާ ޓީމަކާ ވެރިކަން ހަވާލުކުރާތާ މިހާރު މި ނިމެނީ ތިންވަނަ ދައުރެވެ. މި ފައްކާ ޑިމޮކްރެސީއަށް ފަނަރަ ފުރި، ބާލިޣުވެ ތަޞައްރަފު ފުދޭއިރު އަދިވެސް ރައްޔިތުމީހާގެ މާލީ ޙާލަތު އޮތް ގޮތަކީ މިއެވެ. މިއަކަށް އެއްވެސް ހެޔޮ ބަދަލެއް ނައެވެ. އަންނާނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ.