ދިވެހިސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ސޫ ކޮކް ލެންގް، ތަޢުރީފްކުރައްވައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޫ ކޮކް ލެންގް، މިކަމަށް ތައުރީފް ކުރެއްވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް އެރުވުމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ދެބޭފުޅުން ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެގައުމުން ގަބޫލުކުރާ އުސޫލުތަކުގެ މައްޗަށްކަމުގައެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ދެބޭފުޅުންގެެ ބައްދަލުވުމުގައި ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން، ދެބޭފުޅުން ވަނީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 20 ފެބްރުއަރީ 1975 ވަނަ އަހަރުއެވެ.