އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޔޫ.އެސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫ.އެސް.އެއިޑް ގެ އެޑްމިނިސްޓްރޭޓަރ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތާރީފުކުރައްވާފައެވެ. އަދި މިފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫ.އެސް.އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ހިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަރޝިޕް (އޯ.ޕީ.ޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސްގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުސަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަގީންކަންއަރުވާފައެވެ.