ތ. އަތޮޅު ފުނައްޑޫ މަސް ފެކްޓްރީ އަލުން އޮޕަރޭޝަނަށް ނުގެނެވި ލަސްވަަމުންދާތީ އެ އަތޮޅުގެ ރައްޔިތުންނާއި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަބްދުﷲ ރިޔާޒް ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މި މައްސަލާގައި ރިޔާޒްވަނީ ފިޝަރީޒް މިނިސްޓަރާ ވެސް ސުވާލުކުރައްވައިފައެވެ. އެ މައްސަލަ އިތުރަށް ބެލިވަރަކަށް ހާސްކަން ދަނީ އިތުރުވަމުން ކަމަށާއި މައްސަލައަށް އަވަސް ޙައްލެއް ލިބޭނެ މަގެއް އަދި ފެނިފައިނުވާ ކަމަށް ވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ރިޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޑް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސް.އޯ.އީ ކޮމިޓީ) އަށް ހުށަހަޅައިފައެވެ. އެކަން އެގޮތަށް ކުރެއްވީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށެވެ.

މި މައްސަލަ އެ ކޮމިޓީން ބަލަން ފެށުމާއެކު މީގެ ކުރިން ތިލަނުވާ އެތައް ކަމެއް ހާމަވެފައިވާ ކަމަށް ރިޔާޒް ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ އިން ބުނެފައިވެއެވެ. ރިޔާޒަކީ އެޕާޓީގެ ޕީޖީ ލީޑަރެވެ.

މި މައްސަލަ ބަލަން ފެށުމުން ފުނައްޑޫ ސަރުކާރަށް ގަނެފައިވިޔަސް، އެ ރަށް މިފްކޯއާ ޙަވާލުކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވާކަން ވަނީ ހާމަވެފައެވެ. މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ ކަމާމެދު ޔަޤީންކަން ވެސް ނެތްކަން އެނގުންފަދަ އެތައް ކަމެއް ބައްދަލުވުމުން ތިލަވި ކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

މީގެ ކުރިން، ރިޔާޒްް ވަނީ ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވައިފައެވެ. ފުނައްޑޫ މިފްކޯއާ ޙަވާލުކޮށްފައިވާ ކަމާއި، ފުނައްޑޫގެ އޮޕަރޭޝަނަށް ގެނައުމަށް މިފްކޯއަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދަން 2 މަހެއްހާ ދުވަސް ހޭދަވާނޭ ކަމަށާއި، ފައިސާ ހަމަޖެހުމުން މަސައްކަތް ފަށައި، ލަސްތަކެއް ނުވެ ފެކްޓްރީގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އޭރު މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީން މި މައްސަލަ ބަލަން ފަށައި، އެކަމާ ބެހޭ މައުލޫމާތު ފިޝަރީޒް މިނިސްޓްރީން ހޯދުމަށް އެދުނެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ދީފައިވާ ޖަވާބުގައިވާ ގޮތުން، ފުނައްޑޫގެ މަސައްކަތްތަކަށް މިފްކޯއަށް ބޭނުންވާ ފައިސާ އަކީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހަމަޖެހިފައިވާ ފައިސާއެއް ނޫންކަން އެނގުނު ކަމަށް އެމްއެންޕީން ބުނެފައިވެއެވެ. އެހެން ކަމުން އެ ފައިސާ ސަރުކާރުން ދޫކުރުމުގައި ދަތިތަކެއް ހުރީކަން އެނގިގެން ދިޔަ ކަމަށް ވެސް އެ ޕާޓީމް ނުނެފައިވެއެވެ. އެއީ ސަރުކާރު ކުންފުންޏެއް ކަމުގައިވިޔަސް، ބޭންކުތަކުން ލޯނުގެ ގޮތުގައި މިފްކޯއަށް ފައިސާ ދިނުމަށް އަދި އެއްބަސް ނުވެވޭ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން އެކަމަށްް މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އެމްއެންޕީން ބުނެފައިވެއެވެ. "މިކަމުން ދޭހަކޮށްދެނީ މިފްކޯއަށް ލޯނު ދިނުމަށް ބޭންކުތަކުން އިންކާރުކުރާ ކަމާއި، ފައިސާއަށް އެދި މިފްކޯއިން ބޭންކުތަކުގައި "ސަލާންޖަހަމުން" ދާކަމެވެ. އެހެންކަމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފައިސާ ލިބޭނެކަމަށް ބުނަމުން އައި ނަމަވެސް، މިއަދުގެ ޙަޤީޤަތަކީ ފައިސާ ލިބޭނެ އިރެއް ނޭނގުމުގެ އިތުރުން ފައިސާ ލިބޭނެކަމާމެދުވަސް އުއްމީދެއް ނެތްކަމެވެ." އެމްއެންޕީން ބުނެފައިވެެއެވެ.

މީގެ އިތުރުން، އެސް.އޯ.އީ ކޮމިޓީއަށް މިފްކޯއިން ފޮނުވާފައިވާ މަޢުލޫމާތުން އެނގިގެން ދިޔައީ، ފުނައްޑޫ އަކީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވެފައި، އެ ރަށުގެ "ކުލީގެ އެއްބަސްވުމުގެ" ހުރިހާ ކަމެއް މިފްކޯއަށް އަދިވެސް ބަދަލުކުރެވިފައި ނުވާ ކަމުގައި މިފްކޯއިން ޤަބޫލުކުރާ ކަމެވެ. ވީއިރު، މިކަމުގައި މިފްކޯއާއި، ފިޝަރީޒް މިނިސްޓްރީން ދައްކަވާ ވާހަކަ ފުށުއަރާ ކަމަށް ވެސް އެޕާޓީން ބުނެފައިވެެއެވެ.

ފުނައްޑުއަކީ ރައްޔިތުންގެ އިގްތިސާދީ އުންމީދާ ގުޅިފައިވާ ރަށެކެެވެ. އެ އުންމީދުތައް ހާސިލްނުވެ ގިނަދުވަސްވަމުން ދިއުމުން ރައްޔިތުން ދަނީ ނާއުންމީދު ވަމުންނެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދިނުމަކީ އެ ސަރަހައްދުގެ ރައްޔިތުން ސަރުކާރުގައި އެދޭ ވަރަށްބޮޑު އެދުމެކެވެ.