ޔޫތު މިނިސްޓްރީން ހިންގަވާ ހަފުތާރެސް ޕްރޮގްރާމްގެ ދަށުން، ގއ. ވިލިނގިލީ ކައުންސިލާ ގުޅިވަޑައިގެން އެ ރަށުގައި ނޮވެމްބަރ 29 ން ޑިސެމްބަރ 4 ގެ ނިޔަލަށް ހިންގަވަން ހަމަޖައްސަވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ޢާންމުންނަށް މަޢުލޫމާތު ދިނުމުގެ ޙަރަކާތްތަކެއް މިއަދު ހަވީރު 4:15 އިން ފެށިގެން ވިލިނގިލީ މާވައްދިހަރޭގައި ފަށައިގެން ކުރިޔަށް އެބަ ދެއެވެ.

މި ހަރަކާތް ހިންގަވަނީ، ވިލިނގިލީ ކައުންސިލްގެ އިތުރުން އެ ރަށުގައި ޤާއިމު ވެފައިވާ އެހެނިހެން މުއައްސަސާތަކާއި ބައެއް ވިޔަފާރި ކުންފުނިތަކުގެ އިތުރުން ވިލިނގިލީ ރައްޔިތުންނަށް ވެސް ބައިވެރި ވެވޭ ގޮތަށް ސްޓޯލްތަކެއް ތައްޔާރުކޮށް، އެ ފަރާތަކުން ކުރަމުންދާ މަސައްކަތެއް ނުވަތަ ދޭ ޚިދްމަތެއްގެ މަޢުލޫމާތު ދިނުމާއި ބައެއް ތަކެތި ވިއްކުން ވެސް ހިމެނޭ ގޮތަށެވެ.

މި ޙަރަކާތަށް ވިލިނގިލީ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަން ފާހަގަ ކުރެވެ އެވެ. މި ޙަރަކާތުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި، އަތޮޅު ތަޢުލީމީ މަރްކަޒާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ބޭންކް އޮފް މޯލްޑިވްސް އާއި، ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި، އަތޮޅު ހޮސްޕިޓަލާއި، ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، އެލައިޑް އިންޝުއަރެންސް ހިމެނެ އެވެ.

ހަފުތާ ރެސްގެ މަޤްޞަދުތަކަކީ ކޮބައިތޯ ދެންނެވުމުން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީޒަކީ ވިދާޅުވީ، އެއީ އިޖްތިމާޢީ އެއްބައިވަންތަކަން އާލާކުރުމަށް ބާއްވަވާ ޙަރަކާތްތަކެއް ކަމުގައެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ވަރަށް ކުދިކުދި ކަންތައްތަކާ ގުޅިގެން ވެސް ދޭދޭ ފަރުދުންގެ މެދުގައި ނަފްރަތްތެރިކަން އުފެދި އެ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަންވާ އުފާވެރިކަމާއި އެކުވެރިކަން ގެއްލެމުންދާ ކަމަށެވެ. ނަމަވެސް އެކި ކަހަލަ ތަފާތު ޚިޔާލުތަކާ އެކުގައި ވެސް ބަދަހި މުޖުތަމަޢެއްގައި އުޅެވިދާނެ ކަން މި ޕްރޮގްރާމް މެދުވެރިކޮށް ޢާންމުންނަށް ކިޔައިދެމުން ގެންދަވާ ކަމަށެވެ.

ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތަށް ހިނގަމުންދާއިރު، މުޖުތަމަޢުގައި ތަފާތު ސިޔާސީ އަދި އިޖްތިމާޢީ ފިކުރަށް ޖާގަ ދީފައި އޮތް ނަމަވެސް ޤައުމީ އެއްބައިވަންތަކަމާއި ދީނީ ޢަޤީދާއަކީ ދެބަސްވުމާއި ބަހުސް ކުރުމަށް ހުޅުވައިލެވޭ މައުޟޫޢުތަކެއް ނޫނެވެ. މިހެނީ، ދިވެހިރާއްޖެއަކީ އިސްލާމީ ޝަރީޢަތުގެ މަތީގައި ޤާނޫނީ ނިޒާމު ބިނާވެގެންވާ ޤައުމަކަށް ވުމާއި، މިނިވަން މުސްތަޤިއްލު ޤައުމަކަށް ވުމުން، ދިވެހިކޮންމެ ރައްޔިތަކުން އެ ކަންކަމަށް ބޯލެނބުމާއި އިޙްތިރާމް ކުރުމަކީ ޤާނޫނީ ގޮތުން ވެސް ލާޒިމު ކަމެކެވެ.

ޤައުމުގެ އެކި ކަންކަމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު، މުޖުތަމަޢުގައި ބައިބައިވުމާއި ނުގުޅުންތެރިކަމުގެ ކުރިފަޅައި އާރޯކަމާއެކު ހެދެމުންދާ ކަން ފާހަގަ ކުރެވެ އެވެ. އަދި ދިވެހިންނަކީ އެއްބައިވަންތަ އަދި އެއްބައެއް ވަންތަ ބަޔަކަށް ވާންޖެހޭ ނަމަވެސް ވަކިވަކިވެގަތުމާއި، އެކަހެރި ކުރުން އިސްކުރާ ބައެއް މީސް މީހުން މަދުން ނަމަވެސް ފެންނަމުން ދެއެވެ. މި ފަދަ ކަންތައްތަކަށް ހަފުތާރެސްގެ ޙަރަކާތްތަކުގެ ސަބަބުން ކޮންމެވެސް މިންވަރެއްގެ ޙައްލުތަކެއް ލިބިގެން ދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އުއްމީދު ކުރައްވަ އެވެ.