ކޯޓުތަކުގެ ފަނޑިޔާރުން ޙުކުމް އިއްވުމުގައި ސިޔާސީ އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނޭ ކަމަށާއި އެބޭފުޅުން ޙުކުމް ކުރައްވަން ވާނީ ޢަދުލަށް ކަމަށް މަޝްހޫރު ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލި ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ޢަދުލުވެރިކަމަކީ ﷲ އެންމެ ލޯބިވެވޮޑިގެންވާ ސިފަ ކަމަށެވެ. މުޅި ކާއިނާތު ޤާއިމުވެގެންވަނީ ޢަދުލުވެރިކަމުގެ މަތީގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "ޢަދުލުވެރިކަމުގެ ތެރެއިން ސިޔާސީ އެއްވެސް ވިސްނުމެއް ނުވައްދައި ޢަދުލަށް ޙުކުމްކުރުމުގައި ފަނޑިޔާރުން ދެމި ތިބެންވާނެ. ޢަދުލުވެރިކަމަކީ ﷲ އެންމެ ލޯބިވެވޮޑިގެންވާ ސިފަ. މުޅި ކާއިނާތު ޤާއިމުވެގެންވަނީ ޢަދުލުވެރިކަމުގެ މަތީގައި،" އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމަކީ 2018 ވަނައަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިހާރުވެސް އެމަނިކުފާނަކީ ޕީޕީއެމްގެ އިސްބޭފުޅެކެވެ. ޑރ. ޝަހީމް މިފަދަ ޓުވީޓެއް މި ކުރެއްވީ ކޯޓުގައި ހިންގަމުންދާ ރައީސް ޔާމީނުގެ މައްސަލައެއްގެ ހުކުމް އިއްވަން ކައިރިވެފައިވަނިކޮށްނެވެ.